މައްސަލަ ހޫނުވެ، ހިޔާލުތަފާތުވުން ބޮޑުވެފައި ވަނިކޮށް، ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ބައިވެރިވަޑައިގަތުމަކީ ނޫސްވެރިން ކަންބޮޑުވާ ކަމެއް ކަމަށް ބުނެ މިއަދު އެ މަނިކުފާނަށް ސިޓީއެއް ފޮނުވައިފިއެވެ.

ނޫސްވެރިިމުގެ އިނާމު ދިނުން ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ރެއެވެ. އެ ހަފުލާގައި ރައީސް ސޯލިހު ބައިވެރިވެ ވަަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެ ހަފުލާގައި ރައީސް ބައިވެރިވެ ވަޑައިގަތުމުގެ ކަންބޮޑުވުން ފާޅުކޮށް، ގިނަ އަދަދެއްގެ ނޫސްވެރީން ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވި ސިޓީގައި ވަނީ، މި ފަހަރުގެ ނޫސްވެރިކަމުގެ އިނާމު ދެނީ މި އަހަރުގެ ފެބުރުއަރީ މަހުގެ 22 ގައި އާންމުކޮށްފައިވާ އުސޫލާ ހިލާފަށް ކަމަށެވެ.

ކަންބޮޑުވުމުގެ ގޮތުގައި އެ ސިޓީގައި ފާހަގަކޮށްފައި ވަނީ، އޮންލައިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލަކުން މާކްސް ދީފައި، ބްރޯޑްކާސްޓިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލަކުން މާކްސް ދިނުމަށްފަހު، އެ ދެބައި އެއްކޮށްލައިގެން އިނާމު ދިނުމަށް ނިންމާފައި ވުމެވެ.

އެކަމަށް ވަކި ފަނޑިޔާރުންގެ ދެޕެނަލެއް ނަގަން އުސޫލު ޖާގަ ނުދޭ ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ނޫސްވެރިިިކަމުގެ އިނާމަށް، މި އަހަރު ކުރިމަތިލި 10 މީޑިއާގެ ތެރެއިން ހަތް މީޑިއާއަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެ މައްސަލަ ފާހަގަ ކޮށް މިހާރު އޮތް ގޮތަށް އިނާމު ދިނުން ކުރިއަށް ނުގެންދިއުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅައިފައެވެ. ނަމަވެސް، އެކަމަށް ބަދަލެއް ނުގެނެސް މިހާރު ވެސް ކަނޑައަޅާފައި އޮތް ގޮތަށް އިނާމު ދިނުން ކުރިއަށް ގެންދަން އެމްއެމްސީން ވަނީ ނިންމައިފައެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހާއި އެމްއެމްސީގެ އިނާމު ދޭ ކޮމިޓީގެ މުގައްރިރަށް ވެސް ކަންބޮޑުވުންތައް ފާޅުކޮށް ސީޓިއެއް ފޮނުވާފައިވެ އެވެ.