އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ރޭ ރާއްޖެއިން ބަންގުލަދޭޝްއާ ދެކޮޅަށް ނުކުންނަ މެޗަކީ ޕްރެޝަރު ކުޑަކުރަން ކޮންމެހެން މޮޅުވާން ޖެހޭ މެޗެއް ކަމަށާއި، އެކަމަށް ޓީމު ތައްޔާރު ކަމަށް ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

މާދަމާ ރޭ ބަންގުލަދޭޝް އާ ދެކޮޅަށް ރާއްޖެއިން ކުޅޭނެ މެޗަކީ މިއަހަރުގެ މުބާރާތުގައި ޓީމުން ކުޅޭނެ ދެވަނަ މެޗެވެ. ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި ނޭޕާލް އަތުން ރާއްޖެ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އަނެއްކޮޅުން ނުކުންނަ ބަންގުލަދޭޝަށް އޮތީ އެހެން ހާލަތެކެވެ. ބަންގުލަދޭޝުން މިހާތަނަށް ދެ މެޗު ކުޅެ، ދެ މެޗުން ހަތަރު ޕޮއިންޓު ހޯދިފައިވާއިރު، އެންމެފަހުން ކުޅުނު މެޗުގައި ވަރުގަދަ އިންޑިއާއާ އެއްވަރު ކުރީ ފަހު ހާފު އެއްކޮށް ކަހަލަ ގޮތަކަށް ކުޅުންތެރިޔަކު މަދުކޮށް ކުޅެގެންނެވެ.

"ފުރަތަމަ މެޗު ނިންމާފައި ފާހަގަ ކޮށްލިން ޕްރެޝަރަކަށް ދިޔަ ވާހަކަ. އެ ޕްރެޝަރު މިހާރު މިއޮތީ ފެންނަން. އެއީ ކޮންމެ ގޮތެއްވިޔަސް ރާއްޖެ އެއް މެޗު ކުޅެފައި ދެވަނަ މެޗަށްދާއިރު، ތާވަލުގެ ވަރަށް އުސްކޮށް ދެން ހުރި ޓީމުތައް މިއޮތީ. ނޭޕާލު އޮތީ ވަރަށް ކޮންފޮޓެބަލްކޮށް ދެ މެޗުން މޮޅުވެ އެއްވަނައިގައި. ބަންގުލަދޭޝް ވަނީ ވަރުގަދަ އިންޑިއާ ދެކޮޅަށް 10 ކުޅުންތެރިންނާއެކު ކުޅެ އެއްވަރުވެސް ކޮށްފައި. އަދި އިތުރު މޮޅެއްވެސް ހޯދައިފައި. ރާއްޖެއިން އަދި ރަނގަޅު ނަތީޖާތަކެއް ހޯދެން އޮތް ނަމަވެސް މޮޅުތަކެއް ހޯދައިފައިވާ ޓީމުތަކާ ދެކޮޅަށް މި ނުކުންނަން ޖެހެނީ. އެއީ ފާހަގަކުރި ޕްރެޝަރަކީ. ގޮތް ހުސްވި ވާހަކައެއް ނޫން ފާހަގަކުރީ. ނަންބަރުތައް ހުރި ގޮތުގެ ވާހަކަ ފާހަގަކުރީ،" ގައުމީ ދަނޑުގައި މިއަދު ބޭއްވި ޕްރެސްގައި ސުޒޭން ފާހަގަ ކޮށްފައިވެއެވެ.

އެ ޕްރެޝަރުގެ ތެރެއިން ނުކުންނަން ޖެހެނީ ވަރުގަދަ ޓީމަކާ ދެކޮޅަށް ކަމަށް ސުޒޭން ފާހަގަކޮށްފައިވެއެވެ. އިތުރަށް ބުނީ އެ މެޗުގެ ގޯސްތައް ރަނގަޅު ކުރެވިފައި އޮތުމަކީ މާދަމާ ރޭގެ މެޗަށް ލިބޭ ހިތްވަރެއް ކަމަށެވެ.

"ފުރަތަމަ މެޗުގައި ބޭނުންވި ކާމިޔާބު ނުލިބުނު ކަމަށް ވިޔަސް، ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް މެޗުގެ ކުޅުމުން ލިބުނު. އަދި އޭގެ ތެރެއިން ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް މިދިޔަ ތަމްރީނުތަކުގައި ރަނގަޅު ކުރެވުމާއެކު ހިތްހަމަ ޖެހުމެއް އެބައޮތް. ބަންގުލަދޭޝްއަކީ ވަރަށް ވަރުގަދަ ޓީމެއްކަން އެނގޭ. އަދި މުބާރާތުގައި ފޯމުވެސް އޮތީ ވަރަށް ރަނގަޅަށް. އެކަމަކު މެޗަށް ވަރަށް ރަނގަޅަށް ތައްޔާރު ވެވިފައި އޮތް ކަމަށް ފާހަގަކުރަން،" ސުޒޭން ބުންޏެވެ.

އިންޖަރީގެ ކުދި ކުދި މައްސަލަތަކެއް އުޅޭ ކަމަށް ފާހަގަވި ނަމަވެސް ފުރަތަމަ 11 އަށް ބޮޑު ބަދަލެއް ނުގެންނާނެ ކަމަށް ސުޒޭން ބުންޏެވެ. ފުރަތަމަ މެޗުގައި ފެނުނީ ގޯލު ނުޖެހުން ކަމަށާއި، އެ ނޫން ބޮޑު މައްސަލައެއް ފާހަގަ ވެ، ޓީމުގެ 11 އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމެއް ފާހަގަވެފައި ނުވާ ކަމަށް ސުޒޭން ބުންޏެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން ސުޒޭން ވަނީ ބަންގުލަދޭޝް ކޯޗު، އޮސްކާ ބްރޫޒޮން އަށް ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށް ބުނެފައެވެ. ސުޒޭން އިތުރަށް ބުނީ ބަންގުލަދޭޝްގެ ނުރައްކަލަށް ތައްޔާރުވާން ޖެހޭނެ ކަމަށެވެ. ހާއްސަ ކޮށް މި ސާފް ޗެމްޕިއަންޝިޕްގައި ބަންގުލަދޭޝް އިން ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު، އެޓީމަށް އިހުތިރާމް ކުރަން ޖެހޭ ކަމަށް ސުޒޭން ފާހަގަ ކުރި އެވެ.

މިއަދުގެ ޕްރެސްގައި ސުޒޭން ވަނީ ނޭޕާލާ ދެކޮޅަށް ފުރަތަމަ ކުޅުނު މެޗުގައި ދިވެހި ސަޕޯޓަރުން ދިން ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. ސުޒޭން ބުނީ ދިވެހި ސަޕޯޓަރުން ދިން ސަޕޯޓުން ޓީމު އުފަލުން ފޮޅުވާލި ކަމަށެވެ. އަދި ދެން މެޗެއްގައިވެސް އެ ސަޕޯޓު ލިބޭނެ ކަމަށް ޝައްކު ނުކުރާ ކަމަށްވެސް ސުޒޭން ބުންޏެވެ.

"12 ވަނަ ކުޅުންތެރިޔާގެ ޒިންމާ ވިސްނައިގެން ތިބި ވަރަށްވުރެވެސް ބޮޑަށް، ޓީމު އުފަލުން ފުރޭ ވަރަށް ނޭޕާލު މެޗުގައި އަދާކުރި. ޔަގީން ކުރަން އެ ކޮލިޓީގައި 12 ކުޅުންތެރިޔާގެ ސަޕޯޓު މާދަމާރޭގެ މެޗުގައިވެސް އަންނާނެކަން. ޝައްކެއްވެސް ނުކުރަން،" ސުޒޭން ފާހަގަކުރިއެވެ.

ރާއްޖެ އާއި ބަންގުލަދޭޝް ވާދަކުރާ މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 9:00 ގައެވެ.