ރާއްޖޭގެ ގައުމީ ފުޓުބޯޅަ ދަނޑު ނުވަތަ ގަލޮޅު ދަނޑަކީ ކޮންމެ ޓީމެއް ކުޅުނު ނަމަވެސް، މީގެ ކުރިން ފުރިފައި އޮންނަ ދަނޑެކެވެ. މީގެ ކުރިން 80 އަދި 90ގެ އަހަރުތަކުގައި ދަނޑުތެރެއިން ފެނިގެންދަނީ ވަރަށް އުޖާލާ މަންޒަރެކެވެ. އެތައް ހާސް ސަޕޯޓަރުންނާއެކު ފެނުނީ ފޯރިގަދަ މަންޒަރުތަކެކެވެ. ގިނަ ފަހަރު އުޅެން ޖެހެނީ ޓިކެޓެއް ނުލިބިގެންނެވެ. ޓިކެޓު ވިއްކަން ފެށުމާއެކު ކިޔޫތައް ދަމާލައެވެ. ނަމަވެސް މިހާރު ދިވެހި ފުޓުބޯޅައިގެ އެ މަންޒަރު މުޅިން ބަދަލުވެއްޖެއެވެ.
މިހާރު ގައުމީ ދަނޑުން ފެނިގެންދަނީ ފަޅުކަމެވެ. ކްލަބު ފުޓުބޯޅައިގައި ފޯރިއެއް ނެތެވެ. މީގެ ކުރިން ވިކްޓަރީ ސްޕޯޓްސް ކްލަބު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު، ކްލަބު ވެލެންސިއާ ފަދަ ކްލަބުތައް ކުޅޭ މެޗަށް އެތައް ސަޕޯޓަރުންނެއް ދަނޑަށް ވަން ނަމަވެސް، މިހާރު އެ ކްލަބުތައް ކުޅުނަސް ދަނޑު އޮންނަނީ ފަޅުކޮށެވެ. މިއީ ހައްލެއް ހޯދިފައި ނުވާ ބޮޑު މައްސަލައެކެވެ.
ފަހަރުގައި މިއީ ޒަމާނަށް އައި ބަދަލާއެކު ޓެކްނޮލޮޖީގެ ގޮތުން ރާއްޖެއަށް އައި ބަދަލާއެކު ވެގެންދިޔަ ކަމަކަށް ވެދާނެ އެވެ. މިހާރު ޓީވީގެ އިތުރުން ފޯނުން ވެސް ބޭނުން މެޗެއް ބަލައިލެވެއެވެ. ގިނަ ދިވެހިންގެ ޝައުގުވެރިކަން މިހާރު ހުންނަނީ އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލަލީގާ އަދި ޔޫއެފާ ޗެމްޕިއަންޝިޕް ފަދަ ބޮޑެތި މުބާރާތްތަކަށެވެ.
ކްލަބު ފުޓުބޯޅަ ހުސް ދަނޑެއްގައި ކުޅޭތާ އަހަރުތަކެއް ވެއްޖެއެވެ. ސަޕޯޓަރުންގެ ކުރިމަތީ ކުޅެން ކުޅުންތެރިން ކިތަންމެ ބޭނުންވިޔަސް، ދަނޑަށް ވަންނާނެ ވިސްނުމުގައި ހުރި މީހަކު ނެތޭ ބުނުމަކީ ވެސް މުޅީން ދޮގަކަށް ނުވާނެއެވެ. ކުރިން ދިވެހި ކްލަބުތަކަށް އޮތް ލޯބި މިހާރަކު ނުފެނެއެވެ.
ގައުމީ ޓީމު ކުޅޭ މެޗުތަކަށް އަދިވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެއެވެ. އޭރާއި މިހާރުގެ ހަމައެކަނި އެއްގޮތް ކަމަކީ ވެސް ގައުމީ ޓީމުގެ މެޗުތަކުން ފެންނަ މަންޒަރެވެ. ނަމަވެސް ހުސް ދަނޑެއްގައި ކުޅުމަށްފަހު ގައުމީ ޓީމާއެކު އެތައް ސަޕޯޓަރުންތަކެއްގެ ކުރިމައްޗަށް ނުކުތުން، ދިވެހި ކުޅުންތެރިންނަށް ވާނީ ބޮޑު ޕްރެޝަރަކަށެވެ.
ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް 2008ގެ ތަށި ހޯދި ޓީމުގެ ޑިފެންސް ލައިނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކުޅުންތެރިޔާ އަދި މިހާރު ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ސޮބާހު މުހައްމަދު (ސޮބާ)، "ވަން ޕްލަސް"ގެ ސާފް ކަވަރޭޖް ޕްރޮގްރާމު އިންޓަވިއުއެއްގައި ވަނީ އެކަމަށް އަލިއަޅުވާލައި ވާހަކަދައްކައިފައެވެ. ސޮބާ ވެސް ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ކުޅޭ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ދިވެހި ޓީމުގެ ކުޅުންތެރިންނަށް އެއީ ވަރަށް ވެސް ބޮޑު ޕްރެޝަރެކެވެ.
"އޭރު ކްލަބުތަކުގައި ކުޅުންތެރިން ކުޅެނީ ފޭނުން ކުރިމަތީވީމަ އޮންނާނީ ވަރަށް ބޮޑަށް ޕްރެޝަރު ހެންޑަލް ކުރަން ދަސްވެފަ. މިހާރު މިވާ ގޮތަކީ ހުސް ދަނޑެއްގަ ކުޅެފަ، ދެން ކުއްލިއަކަށް ސަޕޯޓަރުން ކުރިމައްޗަށް އައީމަ އެކްސްޕެކްޓޭޝަނާ އެއްކޮށް، ޒިންމާތަކަކާ އެއްކޮށް ކުޅެންވީމަ ވެސް ބައެއް ކުޅުންތެރިންނަށް އެބަ އުނދަގޫވޭ،" ސޮބާ ބުންޏެވެ.
ސޮބާ ފާހަގަކުރި ގޮތުގައި އެ ޕްރެޝަރުތަކާއެކު ގައުމީ ޓީމުން މެޗުތަކަށް ނުކުންނަން ޖެހޭނީ ވަރަށް ރަނގަޅު ތައްޔާރީތަކެއްގެ ތެރެއިންނެވެ. ރަނގަޅު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ޖެހެއެވެ. މީގެ ކުރިން 2008ގެ ސާފަށް ވެސް ނުކުތީ އެފަދަ ތައްޔާރީތަކެއްގެ ތެރެއިން ކަން ވެސް ސޮބާ ފާހަގަކުރި އެވެ.
"ފްރެންޑްލީތަކަކީ ވެސް ވަރުގަދަ ފްރެންޑްލީތަކަކަށް އެބަ ވާން ޖެހެއޭ. އެ ހުރިހާ ގޮތަކަށް މަސައްކަތްކުރެވިގެން ކަންނޭނގެ ކާމިޔާބީއާ ހަމައަށް އަންނަން ފަސޭހަވާނީ. އޭރު 2008 ގައި އޮތް މުބާރާތަކަށް ތައްޔާރުވާން ފެށީ 2007 ގައި. ގާތްގަނޑަކަށް އަހަރެއް ކުރިން ތައްޔާރު ވެ، ބައިވަރު ފްރެންޑްލީތައް ކުޅެ، ލީގުގައި ވެސް ރަނގަޅަށް ކުޅެމުން އަންނަ ކުޅުންތެރިން ވެސް ރަނގަޅަށް މޮނީޓާ ކުރެވި، އެ ކުޅުންތެރިންގެ ފިޓްނަސްއާ އެ ހުރިހާ އެއްޗެއް، ކްލަބުތަކުގެ ކޯޗުންނާ ވާހަކަދެކެވި ވަރަށް ބޮޑު ޕްލޭނެއްގެ ދަށުން ކަންނޭނގެ 2008 ގައި އެ ކާމިޔާބު ހޯދީ،" އޭނާ ބުންޏެވެ.
ސޮބާ ބުނިގޮތުގައި ކޮވިޑުގެ ހާލަތާއެކު އެންމެ ރަނގަޅަށް ތައްޔާރު ނުވެވުނަސް މިހާރުވެސް ދިވެހި ޓީމުގައި ފެންވަރު އެބަހުއްޓެވެ. ސީނިއާ ކުޅުންތެރިންނާއެކު ތިބި ޒުވާން ކުޅުންތެރިންގެ ފެންވަރު ރަނގަޅު ކަމަށް ސޮބާ ގަބޫލު ކުރެއެވެ.
ގައުމީ ޓީމުގެ ރަން ކެޕްޓަނުގެ ގޮތުގައި ފާހަގަކޮށްލެވޭ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްޤަނީ ވެސް ވަނީ 2008 ވަނަ އަހަރު ރާއްޖޭގެ ގްރޫޕު ސްޓޭޖު މެޗުތައް އަމިއްލަ ގައުމުގައި ކުޅެން ޖެހުމުން ޕްރެޝަރުތަކެއް ކުރިމަތިވިކަން ފާހަގަ ކޮށްފައެވެ.
އެފަހަރު ގައުމީ ޓީމަށް ބޮޑު ސަޕޯޓެއް ލިބިގެންދިޔަ އިރު، އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ދެ މެޗު ވަނީ ކާމިޔާބުކޮށްފައެވެ. ޕާކިސްތާނާއި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުތަކުން މޮޅުވެ، ފަހު މެޗުގައި ރާއްޖެ ބަލިވީ އިންޑިއާ އަތުންނެވެ. ނަމަވެސް އެ މެޗަށް ނުކުތް އިރުވެސް ރާއްޖެއަށް އޮތީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައެވެ. އެފަހަރު ސެމީ ފައިނަލާއި ފައިނަލް މެޗަށް ރާއްޖެ ދިޔައީ ސްރީ ލަންކާއަށެވެ. ނަމަވެސް އެ މެޗުތަކަށް ވެސް ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ލަންކާ ދަނޑަށް ވަނެވެ.
ސޮބާ ވެސް ވަނީ އޭރުގެ ތަޖުރިބާތަކުގެ ވާހަކަތައް ހިއްސާކޮށްފައެވެ. ސޮބާ ބުނިގޮތުގައި ގައުމީ ދަނޑުގައި ކުޅުނު މެޗުތައް އޭނާއަށް ވެސް ވެގެންދިޔައީ ބޮޑު ޕްރެޝަރަކަށެވެ. ދުނިޔޭގެ ފެންވަރުގެ ކިތަންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ޕްރެޝަރުތަކެއް ހުންނާނެ ކަމަށް ސޮބާ ގަބޫލުކުރެއެވެ.
"އެންމެ މޮޅު ކުޅުންތެރިޔާވެސް އެއަންނަ ޕްރެޝަރުގައި އަޅުގަނޑުމެންނަށް އެބަ ފެނޭ ޕެނަލްޓީ ވެސް ބޭރަށް ޖަހާ ތަން. މިސާލަކަށް މެސީ ވިޔަސް، ކްރިސްޓިއާނޯ ރޮނާލްޑޯ ވިޔަސް އެބަހުރި. އަދި އަޅުގަނޑުމެން މި ކިޔާ ތަފާތު މޮޅު ކުޅުންތެރިން ވެސް. އެއީ ޕްރެޝަރަކީ. ޕްރެޝަރުގައި ބައެއް ފަހަރު ޕާފޯމް ކުރުމަކީ އެހާ ފަސޭހަކަމެއް ނޫން. މިސާލަކަށް ހޯމް މެޗަކާއި އަވޭ މެޗަކާ ވެސް ތަފާތުވާނެ. އެއީ އަވޭ މެޗުގައި އޮންނާނީ އިދިކޮޅު ޓީމުގެ ބައިވަރު ފޭނުން. އެހެންވީމާ އުނދަގޫތަކެއް ހުންނާނެ. މޮޅު ޓީމު ގޮސް އަވޭގައި ކުޅޭ އިރުވެސް ހުންނާނެ،" އޭނާ ބުންޏެވެ.
އޭރުގެ ކުޅުންތެރިންނަށް އޮތް ޕްރެޝަރަށް ވުރެ ބޮޑު ޕްރެޝަރެއް މިހާރުގެ ޓީމުގެ ކުޅުންތެރިންނަށް އޮންނާނެއެވެ. އޭރު މުބާރާތުގެ ފަހު މެޗުތައް ލަންކާގައި ކުޅުނު ނަމަވެސް، މިފަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ރާއްޖޭގަ އެވެ. އެހެންވީމާ އޭރުގެ އުންމީދުތަކަށް ވުރެ ބޮޑު އުންމީދެއް ދިވެހި ސަޕޯޓަރުން ކުރާނެ އެވެ.
"ކޮންމެ ގޮތެއް ހަދާފައި ވެސް މަޖުބޫރުވާނެ 100 ޕަސަންޓް ދައްކަން. މިހާރު ރާއްޖޭގެ ސަޕޯޓަރުން ސާފް ޗެމްޕިއަންޝިޕްގައި މޮޅު ނޫން އެއްޗެއް ގަބޫލެއް ނުކުރާނެ. އެއީ ވެސް ޕްރެޝަރެއް. މެޗެއްގައި ނަތީޖާ ހިނގައިދާނެ ކޮންމެ ގޮތަކަށް ވެސް. އަޅުގަނޑުމެންނަށް މިފަހަރަކު ނުބުނެވޭނެ މާލޭގައި ކުޅޭތީ އަޅުގަނޑުމެންނަށް ހޯދޭނެއެކޭ. ދެން ސުވާލު މާކެއްގެ ތެރެއަށް މި އަންނަނީ ކިހާ ވަރަކަށްތޯ އަޅުގަނޑުމެންނަށް މި ސާފު ޗެމްޕިއަންޝިޕަށް ތައްޔާރު ވެވުނީ. އަޅުގަނޑުގެ ވެސް އުންމީދަކީ ރާއްޖެއަށް ކާމިޔާބުވުން،" ޕްރެޝަރާ ގުޅޭގޮތުން ވާހަކަދައްކަމުން ސޮބާ ބުންޏެވެ.
ދެން އޮތް ޕްރެޝަރަކީ ކޮވިޑުގެ ހާލަތާއި ސާފް ޗެމްޕިއަންޝިޕް ދިމާ ވުމެވެ. ރާއްޖޭގެ ކޮވިޑު ހާލަތު ގޯސްވުމުގެ ސަބަބުން ރަނގަޅަށް ކްލަބު ފުޓުބޯޅައިގެ މުބާރާތްތައް ކުރިއަށް ނުގެންދެވޭތާ އަހަރެއް ހޭދަކުރަން ޖެހުނެވެ. ގިނަ މުބާރާތްތަކެއް ކެންސަލް ވެސް ކުރަން ޖެހުނެވެ. ކުޅުންތެރިންގެ ފިޓްނަސް ލެވެލް ރަނގަޅުކުރުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވިއެވެ.
ރާއްޖެއަށް މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗު ނިންމާލަން ޖެހުނީ މާޔޫސްކަމާ އެކުއެވެ. ނޭޕާލް އަތުން ބަލިވެ، ރާއްޖެއަށް ވަނީ ފައިނަލަށް ދިއުމަށް ބުރަ މަސައްކަތެއް ކުރަން ޖެހިފައެވެ. މިފަހަރު ލީގު އުސޫލުން މުބާރާތް ބާއްވާތީ ކޮންމެ މެޗަކީ ވެސް ވަރަށް މުހިންމު މެޗެކެވެ.
އެ މެޗަށްފަހު ސަޕޯޓަރުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް، ދިވެހިން އަދިވެސް ތިބީ އުންމީދުގައެވެ. ދިވެހިންގެ އުންމީދަކީ ފުރަތަމަ މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް، މިރޭގެ މެޗުގައި ބަންގުލަދޭޝް ބަލިކުރުމެވެ. ސަޕޯޓަރުން ބޭނުންވަނީ ކޮންމެ މެޗަކުން ވެސް ދިވެހި ޓީމު މޮޅުވެ، ތަށި ދިފާއު ކުރުމެވެ. ސަޕޯޓަރުން ތިބީ ވަރުގަދަ ރޫހެއްގައެވެ. ޕްރެޝަރުތަކުން އަރައިގަންނަން ޓީމަށް އެހީތެރިކަން ފޯރުކޮށްދޭން 12 ވަނަ ކުޅުންތެރިޔާ ތައްޔާރެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް