އދ. އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޒައާމަތުގައި އދ. އިސްލާހު ކުރުމުގެ މަސައްކަތްތައް ހަލުވިކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
ރައީސް ސޯލިހު އެގޮތަށް އެދިވަޑައިގެންނެވީ އދ. އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖެއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނާއެކު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު، ދެބޭފުޅުން ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.
ރައީސް ސޯލިހު ވިދާޅުވީ، ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް އދ.ގެ އެކިއެކި މުއައްސަސާތަކުގެ މަސައްކަތްތައް އިސްލާހުކުރުމަކީ ރާއްޖެއިން އަބަދުވެސް މުހިންމުކަމެއް ކަމުގައި ދެކި، އެކަމަށް ވަކާލާތު ކުރަމުން އަންނަ ކަމެއް ކަމަށެވެ.
އެގޮތުން ޝާހިދުގެ ޒައާމަތުގައި އެކަން އިތުރަށް ހަލުވިކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި ހާއްސަ ގޮތެއްގައި، އދ.ގެ އާންމު މަޖިލީހާއި ސަލާމަތީ މަޖިލިސް އިސްލާހު ކުރުމުގެ މަސައްކަތަށް ކުރިއެރުމެއް ލިބުމަކީ މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ދާއިރާތަކާ ގުޅޭ ގޮތުންވެސް ޝާހިދާއެކު މަޝްވަރާ ކުރެއްވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް އދ.ގެ ދައުރު މުހިންމު ކަމަށެވެ. އަދި ހަމަހަމަގޮތެއްގައި ވެކްސިން ފޯރުކޮށްދިނުމަށް ޝާހިދު ގެންގުޅުއްވާ ސިޔާސަތަށް މަރުހަބާ ދަންނަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
އޭގެ އިތުރުން ކޮވިޑު ވަބާގެ ސަބަބުން އިގުތިސޯދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބޭ ކުދި ޖަޒީރާ ގައުމުތަކުގެ ދަރަނިތަކަށް ލުޔެއް ހޯދައިދިނުމުގައި އދ.ގެ އާންމު މަޖިލީހުގެ ދައުރުގެ މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އދ.ގެ އާންމު މަޖިލީހަކީ ދުނިޔޭގެ ހުރިހާ ގައުމެއް ތަމްސީލުކުރާ މަޖިލީހެއް ކަމަށްވާތީ އެފަދަ ކަންކަމުގައި އާންމު މަޖިލީހުގެ ރިޔާސަތުން އުންމީދީ މަސައްކަތްތަކެއް ކޮށްދެއްވުމަށްވެސް ރައީސް ސޯލިހު އެދިވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު