މީގެ ކުރިން ޓިޗަރުންނަށް ކުރަމުންދިޔަ އިހުތިރާމާއި ބެލެނެވެރިންގެ ފަރާތުން ލިބުނު ލޯތްބާއި އެއްބާރުލުން މިހާރު ނުލިބޭ ކަމުގެ ޝަކުވާ ވަރަށް ގިނަ ޓީޗަރުން ކުރެ އެވެ. ހަމަ އެހެންމެ މަދުން ނަމަވެސް ބައެއް ބެލެނިވެރިންގެ ފަރާތުން ކުރިއެކޭ އެއްގޮތަށް މި ލޯތްބާއި އިހުތިރާމު ލިބޭކަންވެސް ޓިޗަރުން ފާހަގަކުރެ އެވެ.
މިއަދު ބައިނަލް އަގުވާމީ ޓިޗަރުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު އަގުބޮޑެތި ހަދިޔާތަކާއި އެންމެ ލޯބިވާ މީހުންނަށް ދޭ ރަތް ފިނިފެންމާތައް ޓީޗަރުންނަށް ހަދިޔާ ކުރާ މަންޒަރު އެބަ ފެނެ އެވެ. ރަތް ކާޕެޓުގައި މަރުހަބާ ކިޔާތަން ވެސް ފެނެ އެވެ. ބޮޑު ބެރާއި އެނޫން ވެސް ސަގާފީ އިއްޒަތުގައި މިއަދު މަރުހަބާ ކިޔައިފި އެވެ. އެކަމަކު ޓީޗަރުން އެންމެ ބޮޑަށް ބޭނުންވަނީ މިހަދިޔާތަކެއް ނޫނެވެ. މި ގޮތަށް އެމީހުން "ބޮޑު" ކުރުމެއް ވެސް ނޫނެވެ. އެމީހުން ބޭނުންވަނީ ލޯތްބާއި އިހުތިރާމެވެ. އެމީހުން އެ ކުރާ ބުރަ މަސައްކަތުގެ ފޮނި ނަތީޖާ އެވެ. ދަރިވަރުން މޮޅު ވުމެވެ. އެ ކުދީންގެ ތަރުބިއްޔަތެވެ. ހެޔޮ ޖީލެއް ބިނާ ވުމެވެ.
ކުދިންނަށް އުނގަންނައިދިނުމަށް ޓީޗަރުން ކުރާ މަސައްކަތަކީ ބުރަ، އުނދަގޫ މަސައްކަތެކެވެ. ބައެއް ޓީޗަރުންނަކީ ކުދިންނަށް ކިޔަވައިދިނުމުގައި އިންޗިއަކަށް ވެސް ދޫނުކޮށް ހުރިހާ ވަގުތެއް އެކަމުގައި ހޭދަކުރާ މީހުންނެވެ. ހުރިހާ މަސައްކަތެއް ހޭދަވަނީ ކުދިންގެ މުސްތަގުބަލު ބައްޓަންކުރުމުގަ އެވެ.
އެހެންވީމަ، މުދައްރިސުގެ ފަރާތުން ދަރިފުޅުގެ ކުރިމަގު އުޖާލާ ކުރުމަށް އެހީ ލިބޭ ކަމަށް ގަބޫލު ކުރެވޭނަމަ، އެ ބެލެނިވެރިއަކު އޭނާގެ ދަރިފުޅުގެ ހަޔާތް ބާއްޖަވެރިކުރުމަށް މުދައްރިސް ކޮށްދޭ ކަންކަން ބަލައިގަނެ، ހެޔޮ ހިތުން އަދާ ކުރާ ޝުކުރަކީ މި ޓީޗަރުންގެ ދުވަހު ދެވޭނެ އެންމެ އަގުހުރި ހަދިޔާއަކަށް ވާނެ އެވެ. މާއްދީ އެއްޗަކަށްވުރެ ހިތުގެ އިހުލާސްތެރި ހެޔޮ އެދުމުގެ އަގު މާ ބޮޑެވެ.
މީގެ އަހަރެއްހައި ދުވަސް ކުރިން މާލޭގެ މަޝްހޫރު ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވީ، ބައެއް ދަރިވަރުންގެ ފަރާތުން އަހުލާގޭ ކިޔާ އެއްވެސް އެއްޗެއް ނުފެންނަ ކަމަށެވެ. ޓީޗިން ދާއިރާ ފެށިއިރު ޓިޗަރުންނަކީ އެންމެ އިހުތިރާމާއި ގަދަރު ލިބުނު މީހުން ކަމަށެވެ. އެކަމަކު މިހާރު ފެންނަމުންދަނީ މަގުމަތީން ޓީޗަރަކު ދިޔަސް ހުތުރު ނަންނަމުން މުހާތަބުކޮށް ފާޑު ފާޑުގެ އަޑު އަޑުން ގޮވާ މަންޒަރު ކަމަށެވެ. ދަރިވަރުން ކުރިމަތީގައި ބެލެނިވެރިންވެސް ޓީޗަރުންނަށް ބަދުބަސް ބުނާތަން ފެންނަމުންދާކަމީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ޕްރިންސިޕަލް މި ދެއްކެވީ ބައެއް ދަރިވަރުންގެ ވަހަކަ އެވެ.
މި އީ ގިނަ ޓީޗަރުންގެވެސް ޝަކުވާ އެވެ.
"އަޅުގަނޑުމެން ނުބުނަން އަޅުގަނޑުމެންނަކީ މާ މަތީ ބައެކޭ. އެކަމަކު ގަދަރުވެރި، އަހުލާގު ރަނގަޅު ޖީލެއް ބިނާކުރުމުގެ އެންމެ ބޮޑު ޒިންމާއެއް މި އޮތީ އަޅުގަނޑުމެންގެ ކޮނޑުގަ. އެހެންވީމަ މި ގަދަރާއި އިހުތިރާމު އަދާކުރާން ދަސްކުރުން ފެށެން މި ވަނީ އަޅުގަނޑުމެންނާ ހިސާބުން، އެކަން ދަރިވަރުންނަށް ދައްކައިދޭން ޖެހެނީ މުޖުތަމައުން، ބެލެނިވެރީން، އެކަމަކު ކުރިޔާ މިހާރާ ތަފާތު. ކުރީން މަގުމަތިން ފެނުނަސް ވަރަށް އިހުތިރާމް ކުރާނެ. އެއްކައިރިއަށް ޖެހިލާފަ ހާލު އަހުވާލު އަހާލާނެ. އެކަމަކު މިއަދު އެންމެ ގަދަރު ކުޑަ ބަޔަކީ އަޅުގަނޑުމެންނޭ ބުނުމަކުން ދޮގަކަށް ނުވާނެ. ކުލާސްތެރޭގައިވެސް މަގުމަތިން ފެނުނަސް ފާޑު ފާޑުގެ ނަންނަމުން ގޮވުމާއި ބަދު ބަސް ބުނުމާއި ޖެއްސުންވެސް ކުރޭ ހަމަ ކިޔަވައިދޭ ކުދިން. ކިތަންމެ ކުއްޖަކު އެބަ ބުނޭ މަންމަވެސް ބުނެޔޭ މި ޓީޗަރަކީ މިހެން އުޅޭ ޓިޗަރެކޭ. އެހެން އުޅޭ ޓިޗަރެކޭ. ހަގީގަތަކީ ދަރިވަރުންގެ ކުރިމަތީގަ މަދު ބެލެނިވެރިޔަކު ނަމަވެސް ބަދު ބަސް ބުނާތީ އެކުދިންވެސް އިހުތިރާމު ނުކުރަނީ. އެކަމަކު ގަބޫލުކުރާން ޖެހޭ ހަގީގަތަކީ އެފަދަ ބެލެނިވެރީން އެމީހުންގެ ދަރީންނަށް އެ ކިޔަވައިދެނީ ވަރަށް ނުބައި ފިލާވަޅެއްކަން. " ޓިޗިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އަންނަ ޓީޗަރަކު "ވަން" އަށް ބުންޏެވެ.
މިއީ މިއަދުގެ ހަގީގަތެވެ. ޓިޗަރުން ހިތަށް ތަސައްލީއެއް ލިބެނީ އަގުބޮޑެތި ހަދިޔާތަކަކުން ނޫނެވެ. އިހުތިރާމާއި ގަދަރާއި ލޯބިންނެވެ.
ޓީޗަރުން އަދާކުރައްވާ ހިދުމަތުގެ އަގު ވަޒަންކުރުމަކީ ކުރަން ފަސޭހަކަމެއް ނޫނެވެ. ބައިނަލްއަގުވާމީ ގޮތުން ޓީޗަރުންގެ ދުވަސް ކޮންމެ އަހަރަކު އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު ފާހަގަ ކުރި ނަމަވެސް ގަބޫލުކުރަން ޖެހޭނެ ކަމަކީ ކޮންމެ ދުވަހަކީވެސް ޓީޗަރުންގެ ދުވަހެއް ކަމެވެ. ކޮންމެ ދުވަހަކީވެސް ޓިޗަރުންގެ ހިދުމަތް ދަރިވަރުންނަށް ލިބެމުން އަންނަ ދުވަހެއް ކަމެވެ.
މި ދުވަސް ފާހަގަކުރަން ތަފާތު ހަރަކާތްތައް ހިންގައެވެ. ޓީޗަރުންނަށް ހަދިޔާ ވެސް ދެއެވެ. ޝުކުރުގެ ބަސްތައް ރައްދު ކުރެއެވެ. ހަމަ އެއާއެކު ޖެހިގެން އަންނަ ދުވަހު ޓިޗަރުންގެ ހިދުމަތުގެ އަގު ވަޒަންކުރުމެއް ނެތި، ކަމުގެ ހަގީގަތް ވެސް ބެލުމެއްނެތި، މަދު ބަޔަކު ނަމަވެސް ޓީޗަރުންނާ ކުރިމަތިލުމަކީވެސް އާދައަކަށް ވެފައިވާ ކަމެއްގެ ގޮތުގައި ފާހަގަކުރަން ޖެހޭކަން އެއީ ހިތާމަހުރި ކަމެކެވެ.
ހަމައެއާއެކު ދެން ދައްކަން އޮތީ ޓިޗަރުން ކުރާ މަސައްކަތާއި އަޅައި ބަލާއިރު ދެވޭ އުޖޫރައާއި ވަސީލަތްތަކުގެ ވާހަކަ އެވެ. މުސާރަ ކުޑަވުމުގެ ޝަކުވާ ކިތަންމެ ވަރަކަށްވެސް ޓީޗަރުން ކުރެ އެވެ. ކިޔަވައިދެވޭނެ ވަސީލަތްތައް މަދު ކަމަށް ކިތަންމެ ޝަކުވާއެއް ކުރެއެވެ. އެކަމަކު އެކަންކަމަށް އެންމެ އެކަށީގެންވާ ހައްލު އަދިވެސް ލިބޭ ތަނެއް ނުފެނެ އެވެ.
މުސާރައިގެ ވާހަކަ ކޮންމެ އަހަރަކު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭ ދުވަހު އިވެއެވެ. ޓީޗަރުން މުސާރަ އާއި އިނާޔަތްތަކުގެ ވާހަކަ އެ ދުވަސްކޮޅު މުޅީންހެން ދެއްކެ އެވެ. އެކަމަކު ހިތާމަޔަކީ މިކަންވެސް އަހަރު ނިމިގެންދާއިރު ނުވަތަ ސަރުކާރު ބަދަލުވެގެންދާއިރުވެސް ނުވެ އޮންނަ ކަމެވެ.
އެހެން ކަމުން ކުލަގަދަކޮށް ޓިޗަރުންގެ ދުވަސް ފާހަގަކޮށް އަގުބޮޑެތި ހަދިޔާ އެންމެ ދުވަހަކު ދިނުމުގެ ބަދަލުގައި އެ ޓީޗަރުންނަށް ލިބެން ޖެހޭ އިހުތިރާމާއި ގަދަރާއި ލޯބި ދިނުން މާ މުހިންމު ކަމަށް ގިނަ ޓީޗަރުން ދެކެ އެވެ. ހަމައެހެންމެ ޓިޗަރުންނަށް އެކަށީގެން ވާ މުސާރަ ދިނުމަކީވެސް އެންމެ ދުވަހަކު ދެވޭ ހަދިޔާ އަކަށްވުރެ މާ ބޮޑު ހަދިޔާއެއް ކަމަށް އެމީހުން ގަބޫލު ކުރެ އެވެ. ގަބޫލުކުރާން ޖެހޭ ހަގީގަތަކީ ޓީޗަރުންގެ އަގުހުރި މާތް މި ހިދުމަތުގެ އަގު އެންމެ ދުވަހަކު ދޭ މާއްދީ ހަދިޔާއަކުން ނުފުއްދޭނެ ކަމެވެ. މެސެޖަކުން، މަލަކުން، ކާޑަކުން ވެސް ނުފުއްދޭނެ ކަމެވެ. އެއީ ގައުމު ބިނާ ކުރުމުގެ އެދުރުންނެވެ. އެމީހުންނަށް ހައްގު އިނާޔަތާއި ގަދަރާއި އިހުތިރާމުވެސް ދޭން ޖެހެ އެވެ.
ޓީޗަރުން
ޓީޗަރުން