ބަނޑުފުރެންދެން ކާލައިގެން، ގަދަޔަށް ފެންވަރާލައިގެން ދާނަން." މިއީ މިއަދު ގިނަ ބަޔަކު އާންމުކޮށް ވާހަކަދައްކައި އުޅޭ ގޮތެވެ. ސޯޝަލް މީޑިއާގެ ޕޯސްޓުތަކުން ފެށިގެން، ޒަމާނީ ވާހަކަތަކާއި، އަދި ބައެއް ފަހަރު ރަސްމީ ލިޔުންތަކުން ވެސް މިފަދަ އިބާރާތްތައް ފެނުމަކީ އާ ކަމެއް ނޫނެވެ. ބަލާބެލުމަށް މިއީ ވަރަށް އާދައިގެ، އޮމާން އިބާރާތްތަކެއް ކަމަށް ހީވެދާނެއެވެ. އެކަމަކު ބަހުގެ ހަމަތަކާއި ގަވާއިދުތަކަށް ބަލާއިރު، މިއީ ދިވެހި ބަހުގެ ތެރެއަށް ވަދެގެން އުޅޭ ވަރަށް ނުރައްކާތެރި އާދައެކެވެ. ބަހުގެ މާހިރުން ސިފަކުރައްވާ ގޮތުގައި މިއީ "އިތުރު ލާމު"ގެ މައްސަލައެކެވެ. ކައިގެން، ބޮއިގެން، ފެންވަރައިގެން ކިޔަންވާ ތަންތަނަށް، ކާލައިގެން، ބޯލައިގެން، ފެންވަރާލައިގެން ބޭނުންކުރުމުގެ ސަބަބުން ބަހުގެ އަސްލު މާނަ އޮޅި، ބަހުގެ އޮއްޓަރު ދަނީ ގެއްލެމުންނެވެ.
ދިވެހި ބަހުގައި ކަން ނުވަތަ ފެށޭކަން ބޭނުންކުރާނެ ވަކި ހަމަތަކެއް ހުރެއެވެ. ކަމެއް ކޮށް ނިމިފައިވާކަން އަންގައިދިނުމަށް، ކަމުގެ މޫލަށް "-އިގެން" ގުޅުވައިގެން ލަފުޒުތައް އުފައްދައެވެ. މިސާލަކަށް، 'ކެއުން' މި ކަމުގެ މޫލަކީ 'ކައި' އެވެ. އެހެންކަމުން، ކައި ނިމިއްޖެކަން އަންގައިދިނުމަށް ބޭނުންކުރާނީ 'ކައިގެން'ނެވެ. ހަމައެފަދައިން، 'ބުއިން' ބަދަލުވާނީ 'ބޮއިގެން'ނަށެވެ. 'ފެންވެރުން' ބަދަލުވާނީ 'ފެންވަރައިގެން'ނަށެވެ. ނަމަވެސް، މިއަދު ފެންނަމުން މިދަނީ މި ލަފުޒުތަކުގެ ތެރެއަށް 'ލާމު' (ލ) އަކުރެއް އިތުރުކޮށް، ކަމުގެ މޫނުމަތި މުޅިން ބަދަލުކޮށްލާ މަންޒަރެވެ. ކައިގެން ކިޔުމުގެ ބަދަލުގައި ކާލައިގެންނޭ ބުނުމުން، އެ ބުނެވެނީ މުޅިން ތަފާތު ވާހަކައެކެވެ. މި އިތުރުކުރެވޭ ލާމަކީ ބަހުގެ ތެރެއަށް ކުއްލިއަކަށް ވެއްޓުނު އަކުރެއް ނޫނެވެ. އެއީ ވަކި ހާއްސަ މާނައެއް ދޭހަކޮށްދިނުމަށް ޒަމާނުއްސުރެ ދިވެހިން ބޭނުންކުރަމުން އައި އަކުރެކެވެ.
ބަހުގެ ގަވާއިދުގައިވާ ގޮތުން، ކަމެއްގެ ފަހަތަށް 'ލައި' ނުވަތަ 'ލުން' އިތުރުކުރަނީ އެ ކަމެއް ކުރީ ކުޑަކޮށް، ލުއިކޮށް، ނުވަތަ އަވަސްއަވަހަށް ކަން އަންގައިދިނުމަށެވެ. މިސާލަކަށް، 'ކައިލުން' ނުވަތަ 'ކާލުން' އޭ ބުނެވެނީ، ބަނޑުހައިހޫނުކަން ފިލުވައިލުމަށްޓަކައި ކުޑަ އެތިކޮޅެއް ކެއުމަށެވެ. 'ނިދައިލުން' އޭ ބުނެވެނީ ކުޑަ ވަގުތުކޮޅަކަށް ލޯމަރައިލުމަށެވެ. 'ފެންވަރައިލުން' އޭ ބުނެވެނީ ގައިން ދާފިލުވައިލުމަށްޓަކައި އަވަސްއަވަހަށް ގައިމަތިން ފެންފޮދެއް އޮއްސައިލުމަށެވެ. އެހެންކަމުން، 'ކާލައިގެން' މި ލަފުޒުގެ އަސްލު މާނައަކީ، ކުޑަ އެތިކޮޅެއް ކައިގެން ހުރުމެވެ. މިއީ ވަކި ހާއްސަ ހާލަތްތަކެއްގައި ބޭނުންކުރުން އެންމެ ރަނގަޅު، އަދި ބަހުގެ ގަވާއިދާ ވެސް އެއްގޮތް ލަފުޒެކެވެ. މައްސަލައަކަށް ވަނީ، ކަމުގެ ކުޑަބޮޑުމިނަށް ބެލުމެއް ނެތި، ކޮންމެ ތަނެއްގައި ވެސް މި ލާމު ބޭނުންކުރާން ފެށުމެވެ.
މިގޮތަށް ބޭނުންކުރުމުން ނުބައި މާނަ ދޭހަވަނީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ޖަވާބު ވަރަށް ސާފެވެ. ލަފުޒުތައް ގުޅުވައިގެން ޖުމުލަ އުފައްދާއިރު، އެއް ލަފުޒު އަނެއް ލަފުޒާ ފުށުއަރާނަމަ، ޖުމުލައިގެ މާނަ ގެއްލެއެވެ. "ބަނޑުފުރެންދެން ކާލައިގެން" އޭ ބުނުމުން، އެ ބުނެވެނީ ބަނޑުފުރެންދެން ކުޑަ އެތިކޮޅެއް ކެއި ވާހަކައެވެ. މިއީ ބުއްދި ގަބޫލުކުރާ ހަމައެއް ނޫނެވެ. ބަނޑުފުރެންދެން ކެވޭނީ ރަނގަޅަށް ކައިގެންނެވެ. ހަމައެހެންމެ، "ގަދަޔަށް ފެންވަރާލައިގެން" އޭ ބުނުމުން، އެ ބުނެވެނީ ވަރަށް ގިނައިރު ވަންދެން، ވަރަށް ރަނގަޅަށް، އަވަސްއަވަހަށް ފެންވެރި ވާހަކައެވެ. މިއީ ވެސް ދެކޮޅުޖެހޭ ވާހަކައެއް ނޫނެވެ. މިފަދަ އިބާރާތްތަކުގެ ސަބަބުން ދިވެހި ބަހުގެ މުއްސަނދިކަމާއި، ސީދާކަން ގެއްލި، ބަސް ނިކަމެތިވެގެން ދެއެވެ. ކޮންމެ ކަމެއްގެ ފަހަތަށް ލާމު އިތުރުކުރުމުން، ބަހުގައި ހުރި ބަރުދަން ކެނޑި، ހުރިހާ ކަމަކީ ވެސް ލުއި، ކުދި ކަންތައްތަކަކަށް ބަދަލުވެގެން ދެއެވެ. މިއީ ބަހުގެ މާނަވީ ހަމަތަކާ މުޅިން ހިލާފު، އަދި ބަހުގެ އޮއްޓަރު ގެއްލޭ ކަމެކެވެ.
މި ނުރަނގަޅު އާދަ ދިވެހި ބަހުގެ ތެރެއަށް ފެތުރިގެން ދިޔަ ގޮތާމެދު ވިސްނައިލުން މުހިންމެވެ. ބަހުގެ ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މި ބަދަލު އެންމެ ބޮޑަށް އާންމުވެގެން ދިޔައީ ޒުވާނުންގެ މެދުގައެވެ. ހާއްސަކޮށް، ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައާއި، މެސެޖުކުރުމުގައި މިފަދަ ލަފުޒުތައް ބޭނުންކުރުން އިތުރުވިއެވެ. ގިނަ ޒުވާނުންނަށް ހީވެފައި އޮންނަނީ، "ކައިގެން" ނުވަތަ "ބޮއިގެން" ނޭ ބުނުމަކީ ހަރުކަށި، ނުވަތަ ބީރައްޓެހި ގޮތެއް ކަމަށެވެ. އޭގެ ބަދަލުގައި "ކާލައިގެން" އޭ ބުނުމުން، އިބާރާތް އޮމާންވެ، އަޑުއަހަން ފަސޭހަވެ، ގާތްކަން އުފެދޭ ކަމަށް އެމީހުންނަށް ގަބޫލުކުރެވެއެވެ. މިއީ ނަފްސާނީ ގޮތުން ބަހަށް އައި ބަދަލެކެވެ. މީހަކަށް ކާން ދައުވަތު ދޭއިރު ވެސް، "ކާން" އަންނާށޭ ބުނުމުގެ ބަދަލުގައި "ކާލަން" އަންނާށޭ ބުނުމުން، އެ ދެވެނީ މާ ގާތް، ލޯބި ދައުވަތެއް ކަމަށް ދެކޭ މީހުން ގިނައެވެ. ނަމަވެސް، މި ގާތްކަން އުފައްދަން އުޅުމުގެ ތެރޭގައި، ބަހުގެ ގަވާއިދު މުގުރި، މާނަ އޮޅޭކަން ގިނަ ބަޔަކަށް ނުވިސްނެއެވެ. ބަހަކީ ހަމައެކަނި އިހުސާސްތައް ފާޅުކުރާ އެއްޗަކަށް ވުރެ ބޮޑަށް، ސީދާ މައުލޫމާތު ފޯރުކޮށްދޭ ވަސީލަތަކަށް ވާއިރު، މިފަދަ ބަދަލުތަކުން ބަހުގެ އަސާސީ މަގުސަދު ގެއްލެއެވެ.
އާންމު ވާހަކަދެއްކުމުގެ ތެރޭގައި އުފެދުނު މި އާދަ، މަޑުމަޑުން ގޮސް ލިޔުންތެރިކަމުގެ ތެރެއަށް ވެސް ވަނީ ވަދެފައެވެ. މިއަދު ޝާއިއުކުރެވޭ ގިނަ ވާހަކަތަކާއި، މަޖައްލާތަކުގެ ލިޔުންތަކުގައި ވެސް މި "އިތުރު ލާމު" ފެންނާން އެބަހުއްޓެވެ. ވާހަކަ ލިޔުންތެރިން، އެމީހުންގެ ކެރެކްޓަރުންގެ ޑައިލޮގްތައް ލިޔާއިރު، އަސްލާ އެއްގޮތްކުރުމުގެ ނިޔަތުގައި މިފަދަ ލަފުޒުތައް ބޭނުންކުރެއެވެ. ނަމަވެސް، ޑައިލޮގްތަކުން ފަސްދީ، ވާހަކައިގެ ނެރޭޓިވް ނުވަތަ ސިފަކުރުންތަކުގެ ތެރެއަށް ވެސް މި ލަފުޒުތައް ވަނީ ފޭދިފައެވެ. މީގެ އިތުރުން، ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތައް ހުށަހަޅައިދޭ ފަރާތްތަކުން ވެސް، އާންމުންނާ ގުޅޭ ފަސޭހަ ބަހުރުވައެއް ބޭނުންކުރުމުގެ ނަމުގައި، މި ނުރަނގަޅު ހަމަ ދަނީ ބޭނުންކުރަމުންނެވެ. މިހާ ހިސާބަކުން ނުނިމެއެވެ. އިސްކޫލު ތަކުގައި ކިޔަވައިދޭ މުދައްރިސުން ހާލަތުވެސް ހުރީ މިފަދަ ގޮތަކަށެވެ. "ހޯމަވޯކް ހަދާލައިގެން" އަންނާން ބުމަކީ ވެސް އާންމު އާދައެކެވެ. މިކަންކަމުގެ ސަބަބުން، ޅަދަރީންނަށާއި، ބަސް އުނގެނޭ ކުދީންނަށް މިއީ ރަނގަޅު ގޮތް ކަމަށް ހީކުރެވި، މުޅި މުޖުތަމައުގައި މި ނުބައި އާދަ ދަނީ އަށަގަންނަމުންނެވެ.
ދިވެހި ބަހުގެ އެކެޑަމީންނާއި، ބަހުގެ ތަޖުރިބާކާރުން މިކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައެވެ. ދިވެހި ބަހާއި އަދަބިއްޔާތުގެ އުސްތާޒުން ފާހަގަކުރައްވާ ގޮތުގައި، ބަހެއް ދިރިއޮންނާނީ އެ ބަހެއްގެ އަސްލު ހަމަތަކާއި ގަވާއިދުތައް ހިފެހެއްޓިގެންނެވެ. ކޮންމެ ޖީލަކުން ވެސް، އެމީހުންނަށް ފަސޭހަ ގޮތަކަށް ބަހުގެ ހަމަތައް ބަދަލުކުރަން ފަށައިފިނަމަ، މަދު އަހަރުތަކެއްގެ ތެރޭގައި ބަހުގެ އަސްލު ގެއްލިގެން ހިނގައިދާނެއެވެ. ދިވެހި ބަހަކީ ވަރަށް މުއްސަނދި، ކޮންމެ ކަމަކަށް ވަކި ހާއްސަ ލަފުޒުތަކެއް ކަނޑައެޅިފައިވާ ބަހެކެވެ. ކެއުމާއި، ބުއިމާއި، ނިދުމާއި، ފެންވެރުން ފަދަ އާންމު ކަންކަމަށް ބޭނުންކުރާނެ ސީދާ ލަފުޒުތައް ހުއްޓައި، އެ ލަފުޒުތަކުގެ ސިފަ ބަދަލުކޮށްގެން ބޭނުންކުރުމަކީ ބަހަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އެކެޑަމީން އިރުޝާދު ދޭ ގޮތުގައި، ރަސްމީ ލިޔުންތަކުގައާއި، ހަބަރުތަކުގައާއި، އަދި އާންމު މުއާމަލާތްތަކުގައި ވެސް ބަހުގެ ރަނގަޅު ހަމަ ބޭނުންކުރުމަށް އިސްކަންދޭން ޖެހެއެވެ.
ބަހުގެ ރަނގަޅު ހަމަޔަކީ ކޮބައިތޯ ބަލާއިރު، ކޮންމެ ކަމެއް ވެސް އެ ކަމެއްގެ އަސްލު މޫލާ ގުޅުވައިގެން ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. މީހަކު ރަނގަޅަށް ކައިފިނަމަ، ބުނަންވާނީ "އޭނާ ހުރީ ކައިގެންނެވެ." ފެންވަރައިފިނަމަ ބުނާނީ "ފެންވަރައިގެންނެވެ." ލާމު އިތުރުކުރަންވާނީ، ހަމައެކަނި އެ ކަމެއްގެ ކުޑަކަން ނުވަތަ ލުއިކަން އަންގައިދޭން ބޭނުންވާ ހާލަތްތަކުގައެވެ. މިސާލަކަށް، ބަލިމީހަކަށް ބޭސް ގުޅައެއް ދިނުމަށްޓަކައި، "ކުޑަ އެތިކޮޅެއް ކާލައިގެން ބޭސް ބޯށޭ" ބުނުމަކީ ގޯހެއް ނޫނެވެ. އެހެނީ، އެތާނގައި އެ އެދެނީ ބަނޑުފުރެންދެން ކެއުމަކަށް ނޫނެވެ. ހަމައެކަނި ބޭސްކެވޭ ވަރަށް، ލުއިކޮށް ކެއުމަށެވެ. ހަމައެފަދައިން، "ދާހިއްލާފައި ހުރީމާ، އަވަހަށް ފެންވަރާލައިގެން އަންނާނަމޭ" ބުނުމަކީ ވެސް ރަނގަޅު ގޮތެކެވެ. ސަބަބަކީ، އެތާނގައި އެ އިޝާރާތްކުރަނީ އަވަސް ފެންވެރުމަކަށެވެ. ނަމަވެސް، އާންމުކޮށް ކުރާ ކަންކަމުގައި، އެއްވެސް ސަބަބަކާ ނުލައި ލާމު އިތުރުކުރުމަކީ ބަހުގެ ހަމައިން ބޭރުވުމެވެ.
ބަހަކީ ހަމައެކަނި މުއާސަލާތުކުރުމަށް ބޭނުންކުރާ ވަސީލަތެއް ނޫނެވެ. އެއީ ގައުމެއްގެ ސަގާފަތާއި، ވިސްނުމާއި، ފިކުރު ދައްކުވައިދޭ ލޯގަނޑެވެ. އަޅުގަނޑުމެން ވާހަކަދައްކާ ގޮތުން، އަޅުގަނޑުމެންގެ ވިސްނުން ހުރި ގޮތް ހާމަވެއެވެ. ކޮންމެ ކަމެއް ލުއިކޮށް، "ކާލައިގެން"، "ބޯލައިގެން"، "ނިދާލައިގެން" އުޅޭ ބަޔަކަށް ވެއްޖެނަމަ، އަޅުގަނޑުމެންގެ އަމަލުތަކުން ސީރިއަސްކަން ކެނޑި، ހުރިހާ ކަމަކީ ވެސް ވަގުތީ، ލުއި ކަންތައްތަކެއްގެ ގޮތުގައި ސިފަވެގެން ހިނގައިދާނެއެވެ. ބަހުގެ ސީދާކަން ގެއްލުމަކީ، ފިކުރުގެ ސީދާކަން ވެސް ގެއްލިގެންދާނެ ކަމެކެވެ. އެހެންކަމުން، ދިވެހި ބަހުގެ ތެރެއަށް މިހާރު ވަދެގެން މި އުޅޭ އިތުރު ލާމުގެ ނުރައްކަލުން ބަސް ސަލާމަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ފަރުދީ ޒިންމާއެކެވެ.
މި ބަދަލު ގެނައުމަށްޓަކައި، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އަމިއްލަ ނަފްސަށް ހޭލުންތެރިވުމެވެ. ވާހަކަދައްކާއިރުގައާއި ލިޔާއިރު، ބޭނުންކުރެވެނީ ރަނގަޅު ލަފުޒުތޯ ޔަގީންކުރުމެވެ. ހާއްސަކޮށް، މީޑިއާތަކުގައާއި، ސްކޫލްތަކުގައި، އަދި ރަސްމީ އިދާރާތަކުގައި ބަހުގެ ރަނގަޅު ހަމަ ބޭނުންކުރުމަށް ބާރު އަޅާން ޖެހެއެވެ. ކުދީންނަށް ބަސް ދަސްކޮށްދޭއިރު، ލަފުޒުތަކުގެ އަސްލު މާނައާއި، އެ ލަފުޒުތައް ބޭނުންކުރަންވީ ރަނގަޅު ހާލަތްތައް އޮޅުންފިލުވައިދޭން ޖެހެއެވެ. "ކައިގެން" އާއި "ކާލައިގެން" ހުރި ތަފާތު ދެނެގަނެ، އެކަށީގެންވާ ތަންތަނުގައި އެ ލަފުޒުތައް ބޭނުންކުރަން ފަށައިފިނަމަ، ދިވެހި ބަހުގެ ރީތިކަމާއި ފުރިހަމަކަން އަލުން އިއާދަވެގެން ދާނެއެވެ.
ބަހުގެ ތެރެއަށް އިތުރުކުރެވޭ ކޮންމެ ލާމަކީ، ބަހުގެ އަސްލުން އުނިވެގެންދާ މިންވަރެއްކަން ހަނދާނުގައި ބަހައްޓަން އެބަޖެހެއެވެ. މިކަމަށް ސަމާލުކަން ނުދީފިނަމަ، ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ދިވެހި ބަސް ފޯރާއިރު، ބަހުގެ އަސްލު ސިފަ މުޅިން ގެއްލި، ބަސް ވެސް "ބަދަލުވެލައިގެން" ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ.
ސިނާން އަލީ
ދިވެހި ބަސް
ދިވެހި ބަސް
ދިވެހި ބަސް
ދިވެހި ބަސް
ބުނާނެ ބަހެއް ނެތް 😂😂😂😂
ރޮނިން - 3 ހަފްތާ ކުރިން