ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައާއި މާދަމާގެ ޖީލުތައް ތަރުބިއްޔަތުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުދައްރިސުން ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
ޝަހީދު އަލީ ސްކޫލުގައި ކުރިއަށްގެންދާ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވި ގޮތުގައި، ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ތައުލީމީ ނިޒާމަށް އާ ފުރުސަތުތަކެއް ލިބެމުންދިޔަ ނަމަވެސް، ގާބިލު އަދި މަސައްކަތަށް ޝައުގުވެރިކަން ހުންނަ މުދައްރިސެއްގެ ދައުރު އެއްވެސް ޓެކްނޮލޮޖީއަކަށް އަދައެއް ނުކުރެވޭނެއެވެ.
ޓެކްނޮލޮޖީއަކީ ހަމައެކަނި ވަސީލަތެއް ކަމަށާއި، ދަރިވަރުންނަށް ހިތްވަރުދީ އެ ކުދިންގެ ފުރިހަމަ ހުނަރު ކުރިއެރުވުމަށް އެހީތެރިވެދެނީ މުދައްރިސުން ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ބަދަލުވަމުންދާ ދުނިޔެއަކަށް ދަރިވަރުން ތައްޔާރުކުރުމަށްޓަކައި މުދައްރިސުންނަށް ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ހުރިހާ ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބިދޭ ތައުލީމީ ނިޒާމެއްގެ މުހިންމުކަމުގެ މައްޗަށް ނައިބު ރައީސް އަލިއަޅުއްވާލެއްވިއެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ގޮތަކަށް އުނގެނޭ ކުއްޖެއްކަން ގަބޫލުކޮށް، އެ ތަފާތުތަކާ ގުޅޭގޮތަށް އުނގަންނައިދިނުމުގެ ކަންކަން ބައްޓަންކުރަންޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ކާމިޔާބީއަށް އޮތް ހަމައެކަނި މަގަކީ އެކަޑަމިކް ތައުލީމު ކަމަށް ދެކޭ ދެކުން ބަދަލުކުރަންޖެހޭ ކަމަށާއި، ގައުމުގެ އިގުތިސާދު ކުރިއެރުވުމަށާއި ސިނާއަތްތައް ވަރުގަދަކުރުމަށްޓަކައި ފަންނީ އަދި މަސައްކަތްތެރިކަމުގެ ހުނަރު ލިބިފައިވާ ޒުވާނުން ގައުމަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.
ސަރުކާރުން މުދައްރިސުންގެ މަސައްކަތް ވަރަށް ބޮޑަށް ބަލައިގަންނަ ކަމުގެ ޔަގީންކަން ދެއްވަމުން ނައިބު ރައީސް ވިދާޅުވީ، މުދައްރިސުންގެ ބައިވެރިވުމާއި ޝައުގުވެރިކަމާ ނުލައި އެއްވެސް ތައުލީމީ ސިޔާސަތެއް ނުވަތަ މަންހަޖެއް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކުގެ ސަބަބުން މުސްތަގުބަލުގައި އެތައް ކުދިންނެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ކޮމެންޓް