އަންނަ އަހަރު ކީ ސްޓޭޖް އެކެއްގެ ގްރޭޑް އެކެއްގެ ފޮތްތަކަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ޝަހީދު އަލީ ސްކޫލުގައި ކުރިއަށްގެންދާ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ބަދަލުތައް ގެންނަނީ ދަރިވަރުންގެ ނަތީޖާ ނުވަތަ އެޓެއިންމެންޓު މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައެވެ. އަދި މި މަސައްކަތް ކުރިއަށްދަނީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ތެރެއިން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކަރިކިއުލަމްގެ ކޮންޓެންޓަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކިއެކި ބައްދަލުވުންތަކާއި، ފޯރަމްތަކުގެ އިތުރުން ހައި އެޗީވާސް އެވޯޑު ހަފުލާތަކުގައިވެސް އެންމެ ބޮޑަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމުގެ ވާހަކަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް ފޮތްތަކަށް ބަދަލު ގެނައި ކަމުގައިވިޔަސް، ހަގީގީ ބަދަލެއް އަންނާނީ ޓީޗަރުން ކުރާ މަސައްކަތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ފޮތެއް އޮތަސް އެދުރެއް ނުވާނެ. ފޮތެއް ނޫން މުހިންމީކީ ހަގީގަތުގައި. މުހިންމީ އަޅުގަނޑުމެންގެ މި ތުއްތު ދަރިވަރުންގެ އެޑިއުކޭޝަން އަޅުގަނޑުމެން ބައްޓަންކުރަން ވިސްނާ ގޮތް ހަގީގަތުގައި މީގެ އެންމެ ބޮޑު ބަދަލެއް އަންނާނީއަކީ،” މިނިސްޓަރު ވިދާޅުވިއެވެ. ދަރިވަރުންނަށް ހެޔޮ ބަދަލެއް ގެނައުމުގެ މޭސްތިރިންނަކީ ބެލެނިވެރިންނާ ގުޅިގެން މަސައްކަތްކުރާ ޓީޗަރުން ކަމަށްވެސް މިނިސްޓަރު ޝަފީއު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް، ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމާ ދެމެދު އޮތް ފަރަގު ކުޑަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، ކުރިން މަތީ ސާނަވީގައި ކިޔަވަމުންދިޔަ ދަރިވަރުންގެ ނިސްބަތް 30 އާއި 40 އިންސައްތައާ ދެމެދުގައި ހުރި ނަމަވެސް، މިހާރު އެ އަދަދު 50 އިންސައްތައާ ގާތްކުރާ މިންވަރަށް މަތިވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، މާލެ ވޮކޭޝަނަލް ހައި ސްކޫލް ގާއިމުކުރެވި، ހުޅުވާލެވޭ ފުރުސަތުތަކާއެކު ކުރިއަށްއޮތް މަދު އަހަރުތަކެއްގެ ތެރޭގައި މަތީ ސާނަވީ މަރުހަލާގެ ޖާގަ 65 އިންސައްތައަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މުޖުތަމައުގެ ތެރޭގައި މުދައްރިސުންގެ ބާރާއި އިހުތިޔާރު ގަބޫލުކުރަންޖެހޭ ކަމަށާއި ކުދިން ބައްޓަންކުރުމުގައި ޓީޗަރުންނަށް ލިބިގެންވާ ބާރާއި ފުރުސަތު ހަނިކުރެވިއްޖެނަމަ، ދަރިވަރުންގެ ހަޔާތުން ވަރަށް މުހިންމު ބައެއް އުނިވެގެންދާނެ ކަމަށެވެ. އެހެންކަމުން، ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު މުޖުތަމައުއާއި ބެލެނިވެރިންނާ ގުޅިގެން މަސައްކަތްކުރުމަށާއި، ސްކޫލް ހިންގުމުގައި ވީހާވެސް ބޮޑަށް ޓީޗަރުން ޝާމިލުކުރުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

މިދިޔަ އަހަރު ކިޔަވައިދިން ކުދިންނާއި މިއަހަރު ކިޔަވައިދޭ ކުދިން ތަފާތުވާނެކަން ފާހަގަކުރައްވައި، އެކަމަށް ޓީޗަރުން ތައްޔާރުވެގެން މެނުވީ ހަގީގީ ކާމިޔާބެއް ނުލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ކޮންފަރެންސްގެ އެންމެ ބޮޑު ބޭނުމަކީވެސް ތައުލީމީ ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި، ކްލާސްރޫމްގެ އާދަތަކާއި، ދިރާސާތައް ގުޅުވާލައިގެން ހެކީގެ މައްޗަށް ބިނާވެފައިވާ ހައްލުތަކެއް ހޯދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.