އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުގެ ބޮޑު ބައެއްގައި ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ބަންގުލަދޭޝްއިން، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާ އަތުން ޕޮއިންޓެއް ހޯދައިފިއެވެ.
ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ބަންގުލަދޭޝްގެ ބިޝްވަނާތު ގޯޝްއަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ފަހު ހާފު އެއްކޮށް ކަހަލަ ގޮތަކަށް ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ.
މިއަދުގެ މެޗަކީ އިންޑިއާއިން މިއަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އަނެއްކޮޅުން ނުކުތް ބަންގުލަދޭޝް އޮތީ ފުރަތަމަ ކުޅުނު މެޗުގައި 1-0 އިން ސްރީލަންކާ ބަލިކޮށްފައެވެ. ބަންގުލަދޭޝްއިން މީގެ ކުރިން މުބާރާތް އެއް ފަހަރު ކާމިޔާބު ކޮށްފައިވާ އިރު، އެއީ 2003 ވަނަ އަހަރު ގައެވެ. އޭގެ ފަހުން ބަންގުލަދޭޝްއަށް އަދި މުބާރާތް ކާމިޔާބު ކުރެވިފައިނުވާ އިރު، އަނެއްކޮޅުން ނުކުތް އިންޑިއާއަކީ ރެކޯޑު ހަތް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ގައުމެކެވެ. އެންމެފަހުން އިންޑިއާއިން މުބާރާތް ކާމިޔާބު ކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ.
މެޗު ފެށިގެން ފުރަތަމަ ދިހަ ވަރަކަށް މިނެޓުން ފެށިގެންވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އިންޑިއާއިންނެވެ. ފުރަތަމަ ހާފުގައި ބަންގުލަދޭޝްއިން ބޮޑަށް ބެލީ ހިލޭ ޖެހުންތަކާއި ކައުންޓާ އެޓޭކުތަކުން އިންޑިއާގެ ގޯލަށް ނުރައްކާ ކުރުމަށެވެ. އެފަދަ ސްޓައިލެއްގައި ކުޅެ، ބަންގުލަދޭޝްއިން ވަނީ މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާގެ ގޯލަށް ނުރައްކާވެސް ކޮށްފައެވެ.
މެޗު ވަރުގަދަކޮށް ފެށި އިންޑިއާއިން ލީޑު ނެގީ 26 ވަނަ މިނެޓުގައެވެ. ބަންގުލަދޭޝްގެ ޑިފެންސް ހުޅުވާލައި މެދުތެރެއިން އަރިމައްޗަށް ދިން ޕާހަކާއެކު އުދަންތާ ސިންހް އޭރިއާ ތެރެއަށް ވަދެ، ތިރިތިރިން ހުރަސްކޮށްލި ބޯޅަ، ހުރަސް ދަނޑީގައި ޖައްސައި ގޯލަށް ވައްދާލީ އިންޑިއާ ކެޕްޓަން ސުނިލް ޗެތުރީއެވެ. އެ ގޯލަކީ ސާފް ޗެމްޕިއަންޝިޕްގައި ޗެތުރީ ޖެހި 14 ވަނަ ގޯލެވެ. އޭނާއަކީ މުބާރާތުގެ ތާރީހުގައިވެސް ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އެންމެ ގިނަ ގޯލު ސާފް ޗެމްޕިއަންޝިޕްގައި ޖަހައިފައި ވަނީ ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އެއީ 20 ގޯލެވެ.
އޭގެ އިރުކޮޅެއް ފަހުންވެސް އިންޑިއާގެ ކެޕްޓަން ޗެތުރީގެ ނުރައްކާތެރި ހަމަލާއެއް ފެނިގެން ދިޔައެވެ. އޭރިއާ ބޭރުން ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ބާރު ހަމަލާ ހުޝިޔާރު ކަމާއެކު މަތަކޮށް ބޭރުކޮށްލީ ބަންގުލަދޭޝް ގޯލްކީޕަރު އަނީސުރު ރަހުމާނެވެ.
ފުރަތަމަ ހާފްގައި ބަންގްލަދޭޝްއިން ފަހިކުރި އެންމެ ރަނގަޅު ފުރުސަތު ލިބުނީ ބިޕްލޯ ހުސެންއަށެވެ. ކައުންޓާގައި ކުރިއަށް ޖެހި، އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބާރު ހަމަލާ މަތަކުރީ އިންޑިއާގެ ގޯލްކީޕަރު ގްރަޕުރީތު ސިންހު ސަންދޫއެވެ.
ދެވަނަ ހާފަށް ނުކުމެ މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ބަންގްލަދޭޝްއިން އިތުރަށް ކުރިއަށް ޖެހިލައި މަސައްކަތް ކުރަނިކޮށް އެޓީމަށް ދިމާވި މާޔޫސް ކަމަކީ ޑިފެންޑަރު ބިޝްވަނާތު ގޯޝްއަށް ދެއްކި ރަތް ކާޑެވެ. ބަންގުލަދޭޝްގެ އޭރިއާ ކައިރިން މަތިމަތިން ދިޔަ ޕާހަކަށް އިންޑިއާގެ ލިސްޓޮން ދުއްވައިގަތުމުން ގޯޝް އޭނާ ގައިގައި ހިފެހެއްޓީ އެންމެ ފަހު ޑިފެންޑަރުގެ ގޮތުގައި ހުރެފައެވެ. ރެފްރީ ދެއްކީ ސީދާ ރަތެކެވެ.
އެ ރަތްކާޑަށް ފަހުވެސް ބަންގުލަދޭޝްއިން އުންމީދު ކަނޑައިނުލާކަން އެނގުނީ ކުރިއަށް ކުޅޭ ކުޅުންތެރިން ކުރަމުން ދިޔަ މަސައްކަތުންނެވެ. ދަނޑަށް ވަދެ ތިބި ބަންގުލަދޭޝްގެ ގިނަ ސަޕޯޓަރުންގެ ހޫނުގަދަ ތަރުހީބާއެކު އެޓީމުން އިންޑިއާ ހިފަހައްޓަން ބުރަ މަސައްކަތްތަކެއް ދެވަނަ ހާފުގެ ކުރީކޮޅުގައި ކޮށްފައިވެއެވެ.
ރަތް ކާޑަށް މާ ގިނައިރެއް ނުވެ، އިންޑިއާގެ ލީޑު ފުޅާކުރަން ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިގެން ދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މަންވީރު ފޮނުވާލި ހަމަލާއާއި، އެ ބޯޅައިގެ ރީބައުންސްގައި އުދަންތާ ފޮނުވާލި ހަމަލާވެސް މަތަކުރީ ބަންގުލަދޭޝްގެ ގޯލްކީޕަރު އަނިސުރެވެ. ބަންގުލަދޭޝްގެ ކުޅުންތެރިޔަކު މަދުވުމުގެ ފައިދާ އިންޑިއާއަށް ނުނެގިގެން އުޅެނިކޮށް، ކޯނަރެއްގެ އެހީގައި ބަންގްލަދޭޝްއިން ނަތީޖާ ހަމަހަމަ ކުރިއެވެ.
ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލައިގެން ބަންގުލަދޭޝްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޔާސިން އަރަފާތެވެ. އެ ގޯލާއެކު ގައުމީ ދަނޑު ކައްކުވައިލިއެވެ. ބަންގުލަދޭޝްގެ ކޯޗު އޮސްކާ ބްރޫޒޮންއާއި ބެންޗުން ވަރަށް ބޮޑަށް ސަޕޯޓަރުންނަށް ހިތްވަރުދީ ވަރަށް ބޮޑަށް އުފާފާޅުކުރިއެވެ.
އޭގެ ފަހުން ހިތްވަރާއެކު އިންޑިއާ ހިފަހައްޓަން ބުރަކޮށް ބަންގްލަދޭޝްއިން މަސައްކަތް ކުރިއިރު، އިންޑިއާއަށް އަލުން ލީޑު ނަގައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ މަންވީރު ސިންހަށެވެ. ޗެތުރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މަންވީރު ފޮނުވާލި ބާރު ހަމަލާ ބަންގުލަދޭޝްގެ ޑިފެންޑަރު ޓޮޕޫ ވަނީ ބޮލުން ދިފާއުކޮށްފައެވެ.
ބަންގުލަދޭޝްއިން މިހާތަނަށް މިއަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ އިރު، މިއަދުގެ މެޗަކީ އިންޑިއާއިން ކުޅުނު ފުރަތަމަ މެޗެވެ. އިންޑިއާއިން ދެން މުބާރާތުގައި ކުޅޭ މެޗުގައި ހަތްވަނަ ދުވަހު ސްރީލަންކާއާ ދެކޮޅަށް ނުކުންނަ އިރު، ބަންގްލަދޭޝްއިން އެ ދުވަހު ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް