ޚަބަރު

އެސްޓީއޯގެ ހޮޓާ ވިއްކާލުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލަ އޭސީސީއަށް

އިބްރާހިމް ޒަކީ

ހުޅުމާލޭގައި އެސްޓީއޯ އިން ތަރައްގީ ކުރަމުން އަންނަ ގިނަ ދުވަސް ވީ ޓޫރިސްޓް ހޮޓާ، ލަންކާގެ ބްރައުންސް ކުންފުންޏަށް ވިއްކާލުމުގެ މުއާމަލާތުގައި ތިން މިލިޔަން ޑޮލަރުގެ ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

އެ ހޮޓާ ވިއްކާލުމަށް ޓަކައި ބިޑު ހުށަހެޅުމަށް އެޗްޑީސީން ކޮށްފައިވާ އިއުލާނަށް ބިޑު ހުށަހެޅި ކުންފުނިތައް އިވެލުއޭޓް ކުރުމަށްފަހު އެ ހޮޓާ ސްރީލަންކާގެ ބައުންސް ކުންފުންޏަށް އެވޯޑު ކުރުމުގައި ތިން މިލިއަން ޑޮލަރުގެ ކޮރަޕްޝަންގެ ތެރެއިން ތުހުމަތު ކުރެވޭ ތިން މައްސަލަ ބަލައިދިނުމަށް އެދި ޖޭ ހޮޓެލް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަ ޕްރައިޒަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ އޭސީސީން ބަލަމުން ގެންދޭތޯ ކޮމިޓީން ވަނީ އޭސީސީގައި ސުވާލު ކޮށްފައެވެ.

އެކަމާބެހޭގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވި އެ ކޮމިޓީގެ ނައިބު މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ ހުސްވި ސެޕްޓެމްބަރު މަހުގެ 28 ގައި އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް އޭސީސީން ކޮމިޓީއަށް ސިޓީއަކުން ޖަވާބު ދީފައިވާ ކަމަށެވެ. އަދި އެ މައްސަލަ އޮތީ އިވެލުއޭޝަން މަރުހަލާގައި ކަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ބެހޭގޮތުން އެޗްޑީސީން ލިޔުމުން ކޮމިޓީއަށް ދިން މައުލުމާތުގައި ވަނީ އެ ހޮޓާ ހިންގުމުގެ ޝައުގުވެރިކަން ފާޅުކޮށް 8 ޑިސެންބަރު 2020 ގައި ބްރައުންސް އިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅި ކަމަށެވެ. އަދި އެޗްޑީސީގެ އިންވެސްޓްމެންޓް ޕޮލިސީއާ އެއްގޮތަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް، 17 ޖެނުއަރީ 2021 ގައި ބްރައުންސް އިން ހުށަހެޅި ނަމަވެސް އެޗްޑީސީގެ ޕޮލިސީގައި ބުނާ ފަދައިން އިތުރު ފަރާތަކަށް އެ މަޝްރޫއަށް ކުރިމަތިލުމަށް ފުރުސަތު ދިނުމުގެ ގޮތުން ދެ ހަފުތާގެ މުއްދަތަކަށް 26 ޖެނުއަރީ 2021 ގައި އެކްސްޕްރެޝަން އޮފް އިންޓްރެސް ހުށަހެޅުމަށް އާއްމުކޮށް ހުޅުވައިލި ކަމަށް ވިދާޅުވިއެވެ.

އެ އިއުލާނާ ގުޅިގެން 9 ފެބްރުއަރީ 2021 ގައި ޖޭ ހޮޓެލްސް އާއި އޭޝިއަން ޑިވެލޮޕްމަންޓުން ޝައުގުވެރިކަން ފާޅުކޮށް، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުން، މަދުވާ ލިޔެކިޔުންތައް ހަމަކުރުމަށް 28 ފެބްރުއަރީ އަށް އެފަރާތްތަކަށް ފުރުސަތު ދިން ކަމަށްވެސް އޭގައި ބުނެފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އެއަށްފަހު އެޗްޑީސީގެ އިންވެސްޓްމެންޓް ޕޮލިސީގައިވާ ގޮތަށް އެކަމަށް ހޮވިފައިވާ ތިން ޕްރޮޕޯސަލް އެ ކުންފުނީގެ ސްޓްރެޓެޖިކް އިންވެސްޓްމަންޓް ކޮމިޓީން އިވެލުއޭޓް ކުރުމަށްފަހު ބޭނުންވާ އިތުރު ލިޔެކިޔުންތައް 27 އޭޕްރީލްގައި ހުށަހެޅުމަށް އިތުރު ފުރުސަތު ދިން ކަމަށްވެސް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ފަހުން އެ ހުށަހެޅުންތައް ކޮމިޓީން އިވެލުއޭޓް ކުރުމަށްފަހު، މެއި މަހުގެ ހަތަރު ވަނަ ދުވަހު އެ މަޝްރޫއަށް އެންމެ ގާބިލު ފަރާތަކީ ބްރައުންސް ކަން ކޮމިޓީން ލަފާ ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެއަށްފަހު ކުންފުނީގެ ބޯޑުގައި އެކަމާމެދު މަޝްވަރާކޮށް ޓެކްނިކަލް ކޮމިޓީގެ ލަފައާއެކު، އެ ޕްރޮޖެކްޓުގައި ބްރައުންސްއާ އެކު ކުރިއަށް ދިއުމަށް މެއި 27 ގައި ނިންމި ކަމަށްވެސް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އެމަޝްރޫއު އޮތް ހިސާބަކީ ބްރައުންސް ކުންފުނީގެ ކޮންޑިޝަންތައް ފުރިހަމަ ކުރުމަށް 10 އޯގަސްޓުން ފެށިގެން ދިން ތިން މަސްދުވަހުގެ މުއްދަތު، 10 އޮކްޓޫބަރުގައި ހަމަވުމުން ކުންފުނީގެ ބޯޑުގެ ހުއްދަ ލިބިގެން ޖޮއިންޓް ވެންޗާ އެގްރިމެންޓުގައި އެފަރާތާ އެކު ސޮއި ކުރުމާ ހިސާބުގައި ކަމަށްވެސް އޭގައިވާ ކަމަށް ހުސެއިން މުހައްމަދު ދީދީ ވިދާޅުވިއެވެ.