މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރި ކަމުގެ ކުށް ސާބިތުވުމުގެ ސަބަބުން ތ. ވޭމަންޑޫ. ރެދިންގެ. މުރުތަލާ އަލީ 23 އަހަރާއި ފަސް މަހާއި 14 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މުރުތަލާ އަލީގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ދައުވާގައި ބުނަނީ، މުރުތަލާ އަލީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު 17:43 އެހާކަންހާއިރު ހ. ނެސްޓަލް ގޭގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން އެގެއަށް ގޮސް އެގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި ކޮޓަރި މުރުތަލާ އަލީ އާއި އެވަގުތު ކޮޓަރީގައި ތިބި އިތުރު މީހުންގެ ހާޒިރުގައި ބަލައި ފާސް ކުރިއިރު އެ ކޮޓަރީގައި ކަބަޑެއްގެ މަތީގައި އޮތް ބެކްޕެކްގެ ބޮޑު ވައްގަނޑުގެ ތެރޭގައި އޮތް ޓީޝަޓެއްގެ ތެރޭގައި އޮތް ފޮތިކޮޅެއްގެ ތެރޭގައި އޮތް ގަމީހެއްގެ ތެރެއިން ފެނުނު ފަސް ޖޫސް ޕެޓީ ކޮތަޅުގައި 449.3128 ގްރާމް ޑައިމޯފިން ހުރިކަމަށް އެ ތަކެތީގެ ތަހުލީލީ ރިޕޯޓުން ދައްކާތީ އާއި ބެކްޕެކްގެ އެންމެ ބޭރު ވަށްގަޑުގެ ތެރެއިން ޑިޖިޓަލް ކައްޓާއެއް ފެނިފައިވާތީ މައްސަލައިގެ ތަހުގީގުގައި މުރުތަލާ އަލީއާ ސުވާލު ކުރުމުން، އެ ތަކެއްޗަކީ އޭނާ އެ ކޮޓަރި ތެރޭގައި ބަހައްޓައި ގެންގުޅުނު ތަކެތިކަމަށް އިއުތިރާފުވެފައި ވާތީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ދަށުން ޑައިމޯފިން ޓްރެފިކް ކުރިކަމުގެ ކުށުގެ ދައުވާ ކުރާ ކަމަށެވެ.
ފުލުހުންގެ ތަހުގީގުގައި މުރުތަލާ އަލީ އިއުތިރާފުވި ނަމަވެސް ޝަރީއަތުގައި ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. ފުލުހުން ޝަރީއަތަށް ދީފައިވާ ބަޔާނުގައި ވާގޮތުން މުރުތަލާ އަލީ ދިރިއުޅޭގެ ބަލައި ފާސްކުރަމުން ދިޔުމުން ކޮޓަރިން ފެނުނު ދަބަހަކީ މުރުތަލާ އަލީގެ އެއްޗެއް ކަމަށް އެގޭގައި ދިރިއުޅޭ އެހެން މީހުން ވަނީ ބުނެފަ އެވެ. އެއީ މުރުތަލާ އަލީގެ އާއިލާ މެންބަރުންނެވެ. މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި މުރުތަލާ އަލީ ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. އެ އަޑުއެހުމުގައި މުރުތަލާ އަލީ އަށް ލިބިދޭ ހައްގުތައް ޝަރީއަތުން ވަނީ ސާފުކޮށްދެއްވައިފަ އެވެ. އެ އަޑުއެހުމުގައި މުރުތަލާ އަލީ ވަނީ ވަކީލަކު ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެންކަމުން އޭނާއަށް ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
އެއަށްފަހު ބޭއްވުނު ބަންދު މުރާޖާ ކުރުމުގެ އަޑުއެހުމުގައި މުރުތަލާ އަލީ ކަމެއް ސާފުކުރަން އެދޭ ކަމަށް ބުނެ، އޭނާ ވަކީލު ފޯމު ފުރިތާ ފަސް ދުވަސް ތެރޭގައި މޯލްޑިވްސް ކަރެކްޝަން ސާވިސްގެ އޮފިސަރަކު އައިސް ވަކީލެއްގެ ނަން ބުނެފައި އެ ވަކީލު ދަންނަންތޯ އާއި، އެ ވަކީލަކީ މުރުތަލާ އަލީ ބޭނުންވާ ވަކީލެއްތޯ އަހައި، ބައްދަލުކުރަން ފޯމު ލާފައިވާ ވާހަކަ ބުނި ކަމަށާއި، ބަންދުގެ މުރާޖާ ކުރުމަށް ބޭއްވި އަޑުއެހުމަށް އޭނާގެ ވަކީލަކު އައިސްފައި ނުވުމުން އެކަމާ ވަނީ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ޝަރީއަތުން ބުނީ، މުރުތަލާ އަލީގެ ވަކީލުގެ ގޮތުގައި އަދި އެއްވެސް ފަރާތަކުން އައްޔަން ވެފައި ނުވާ ކަމަށެވެ. މުރުތަލާ އަލީއަށް ވަކީލަކު ހަމަޖެހިގެން އަޑުހެއުމެއް ބޭއްވުނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ނަމަވެސް މުރުތަލާ އަލީގެ އަޑުއެހުން ތާވަލުކުރިއިރު އޭނާގެ ވަކީލު އަލްއުސްތާޒު މުހައްމަދު ރާއިބް އަހުމަދު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.
އެއަށްފަހު ބޭއްވި އަޑުއެހުމުގައި މުރުތަލާ އަލީ ވަނީ ކުރެވޭ ދައުވާއަށް ޝަރީއަތުގައި އިންކާރު ކުރި ސަބަބު ކިޔައިދީފަ އެވެ.
"އަޅުގަނޑު ޕޮލިހަށް ދީފައިވާ ބާޔަނަކީ ހަމަތެދު ބަޔާނެއް، ކުރިން ދުވަހު އަޅުގަނޑަށް އިންކާރު ކުރެވުނީ އަޅުގަނޑުވެސް ބޭނުން ވީ ސަލާމަތް ވާން، އެކަމަކު މިހާރު އަޅުގަނޑު ރޯދަ ހިފައިގެން ބަރާބަރަށް ނަމާދު ކޮށްގެން އުޅޭއިރު އަޅުގަނޑަކަށް އެގޮތް އެހައި ރަނގަޅެއް ނޫން" މުރުތަލާ އަލީ ބުންޏެވެ.
މުރުތަލާ އަލީ އަލުން ކުށަށް އިއުތިރާފު ވުމުން ދެން މި މައްސަލަ ބެލީ އަވަސް ނިޔާގެ ގޮތުގަ އެވެ. އަވަސް ނިޔާގެ އަޑުއެހުމުގައި މުރުތަލާ އަލީ ބުނީ، އިއުތިރާފު ދަމަހައްޓަން ބޭނުންވާ ކަމަށާއި އިއުތިރާފު ވަނީ އެއްވެސް މީހެއްގެ ނުފޫޒު ނެތި އަމިއްލަ އިހުތިޔާރުގައި ކަމަށެވެ. އަދި މިހާރު ކުރިން އުޅުނު ގޮތް ދޫކޮށްލައި ރަނގަޅަށް އުޅެން ބޭނުންވާ ކަމަށެވެ.
އެއަށްފަހު ވާހަކަ ދެއްކީ އަދަބާ ބެހޭގޮތުންނެވެ. މުރުތަލާ އަލީގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ 25 އަހަރަށް ޖަލައި 1،00،0000 ރުފިޔާ އާއި 10،000،000 މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމާނާއެެއް ކަމަށް ދައުލަތުން ވަނީ ވިދާޅުވެފަ އެވެ. މުރުތަލާ އަލީ އެދުނީ ވީހާވެސް ލުއި އަދަބެއް ދިނުމަށެވެ.
ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މައްސަލަ ބައްލަވާ ގާޒީ ކަނޑައެޅުއްވީ މުރުތަލާ އަލީގެ މައްޗަށް 23 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެއްލައްކަ ރުފިޔާއިން ޖޫރިމާނާ ކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު