ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަކީ މަރާލަން ޖެހޭ މީހެއް ކަމަށް ބުނި މީހެއްގެ މައްސަލަ އިދިކޮޅު ޕީޕީއެމްގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ރައީސް ޔާމީނަކީ މަރާލަން ޖެހޭ މީހެއް ކަމަށް ބުނެފައި ވަނީ އަބްދުލް ހަމީދު ނަމަކަށް ކިޔާ މީހެއްގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކުންނެވެ.

އެ މައްސަލައާ ގުޅިގެން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު މީޑިއާތަކަށް ވިދާޅުވީ، ޕާޓީގެ ފަރާތުން އެ މައްސަލަ ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް މިއަދު ފުލުހުންގެ އިދާރާއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެ ސިޓީގައި، ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ފޭސްބުކުގައި ލިޔެފައިވާ ލިޔުމުގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށާއި ރައީސް ޔާމީނަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެދިފައިވާނެ ކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.

ނަމަވެސް އެ ސިޓީގެ ކޮޕީއެއް ޕީޕީއެމަކުން ހިއްސާކޮށްފައެއް ނުވެއެވެ.