އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ދެވަނަ ބުރުގެ މެޗުތައް މިއަދު ފެށޭއިރު، ހަވީރު އޮންނަ މެޗުގައި އިންޑިއާ އިން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އިންޑިއާއަކީ މިހާތަނަށް މުބާރާތުގައި އެންމެ ކާމިޔާބު ޓީމެވެ. މިހާތަނަށް ހަތް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިންޑިއާ އިން މިފަހަރު މުބާރާތަށް ގެނައީވެސް އެގައުމުގެ އެންމެ ސީނިއާ ކުޅުންތެރިންގެ ސްކޮޑެވެ. އެހެންކަމުން އެގައުމަށް ވެސް މުބާރާތް މުހިއްމުކަން ސާފެވެ. އިންޑިއާ އިން މުބާރާތް ފަށާ މެޗުގައި ނުކުންނަން ޖެހޭނީ، ފުރަތަމަ މެޗުގައި ލަންކާ އަތުން މޮޅުވެ، ކޮންފިޑެންސްގައި އޮތް ބަންގްލަދޭޝްއާ ދެކޮޅަށެވެ.
އެންމެފަހުން އިންޑިއާ އިން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން އިންޑިއާއިން ކާމިޔާބު ކޮށްފައިވާއިރު، މެޗުގައި ދެ ގޯލުވެސް ޖެހީ ސުނިލް ޗެތުރީ އެވެ. އިއްޔެގެ ޕްރި މެޗު ޕްރެސްގައި ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރޫޒޯން ވަނީ ޗެތުރީ އަށް ތައުރީފުކޮށް، ޗެތުރީ ހުއްޓުވާނެ ޕްލޭނެއް އެބައޮތް ކަމަށް ބުނެފައެވެ. އޭގެ އިތުރުން އޮސްކާ ބުނީ އިންޑިއާ ކޯޗު، ކްރޮއޭޝިއާގެ އީގޯ ސްޓިމަކް އަކީ މައިންޑް ގޭމްތަކަށް މަސައްކަތް ކުރާ ކޯޗެއް ކަމަށެވެ. އޮސްކާ އެހެން ބުނެފައި ވަނީ ސްޓިމަކް ބަންގްލަދޭޝް އަށް އޮތް އެޑްވާންޓޭޖު ތަކުގެ ވާހަކަ ދައްކައި، މުބާރާތް އިންޑިއާ އަށް އެހާ މުހިއްމު ނޫން ކަމަށް ފެންނަ ކަހަލަ ގޮތަކަށް ވާހަކަ ދެއްކުމުންނެވެ.
"މުބާރާތް ކާމިޔާބު ކުރެވިއްޖިނަމަ ވަރަށް ހިތްހަމަޖެހޭނެ. އެހެންވެ އަހަރެމެން މިތިބީ މުބާރާތަށް އައިސް. އަހަރެމެންނަށް މުބާރާތް ބޭނުމެއް ނެތޭ ނުބުނެވޭނެ. އޭރުން ކޮންފިޑެންސަށް އަސަރުކޮށްފާނެ. އެހެންވީމަ ވެވުނު ވަރަކުން ތައްޔާރުވެގެން މިތިބީ. ކޮންމެ ދެ ފަހަރަކުން އެއް ފަހަރު ސާފްގެ ޗެމްޕިއަންކަން އިންޑިއާ އިން ހޯދާފައިވުމަކީ މި ފަހަރުގެ މުބާރާތަށް ނުކުންނައިރު، އިންޑިއާ ޓީމަށް އޮތް ޕްރެޝަރެއް ނޫން،" ސްޓިމަކް ބުންޏެވެ.
ސްޓިމަކް ބުނީ ބަންގްލަދޭޝްގައި މިހާރު ހުރި ކޯޗު އޮސްކާގެ ސެލެކްޝަން އަކީ ބަޝުންދުރާގައި މަަސައްކަތް ކުރާ ކުޅުންތެރިން ގިނަކޮށް ނަގައިފައިވާ ސެލެކްޝަން އެއް ނަމަވެސް ގައުމީ ޓީމުތަކުގައި ބިދޭސީ ކުޅުންތެރިންނަށް ބަރޯސާވެ މެޗު އަނބުރާލަން އުނދަގޫ ވާނެ ކަމަށެވެ. ސްޓިމަކް އެހެން ބުނެފައި ވަނީ ބަޝުންދަރާގައި އޮސްކާ ބޭނުން ކުރި ބޭރުގެ ހުނަރުވެރި ކުޅުންތެރިންނަށް އަމާޒުކޮށެވެ.
"އޮސްކާގެ ކްލަބް އޭއެފްސީ ކަޕްގައި ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު މިއީ ގައުމީ ޓީމު. ގައުމީ ޓީމު ތަފާތުވާނެ. ބިދޭސީ ކުޅުންތެރިންނަށް ބަރޯސާވެގެން ކަންކަން ނުނިންމޭނެ. ކްލަބްގައި ހުންނަ ކަންކަން ގައުމީ ޓީމުގައި ނުހުންނާނެ. ކޮންފިޑެންސް ހައިކޮށް، ބަންގްލަދޭޝްއަކީ ފެވަރިޓުން ކަމަށް ބުނާ ބުނުމުގައި އޮސްކާ ވަރަށް އަވަހަށް ވިސްނުން ބަދަލުކުރާނެ،" ސްޓިމަކް ބުނެފައިވެ އެވެ.
އިންޑިއާގެ ކޯޗު ސްޓިމަކް ބުނެފައި ވަނީ އެންމެ މުހިއްމީ ފުރަތަމަ މެޗު ރަނގަޅަށް ފެށުން ކަމަށާއި، ރާއްޖެ ވެސް މޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ބަލިވެގެން ދިޔަނީ ކުޑަ ވަގުތުކޮޅަކުން އައި ބަދަލުކުން ކަމަށެވެ. އެހެންކަމުން ފުރަތަމަ މެޗުގެ އުނދަގޫ ސާފު ވާ ކަމަށް ސްޓިމަކް ބުނެފައިވެއެވެ.
އިންޑި އާއި ބަންގްލަދޭޝް ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު