ޚަބަރު

ފަރެސްމާތޮޑާ އެއާޕޯޓް ރަންވޭގައި އޭބީސީ ފަށަލަ އަޅަން ބޭނުންވާ ތަކެތި ސައިޓަށް ގެންގޮސްފި

ފަރެސްމާތޮޑާ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ ކުރިން އޭބީސީ (އެގްރިގޭޓް ބޭސް ކޯސް) ލޭޔަރު އެޅުމަށް ބޭނުންވާ ތަކެތި ސައިޓަށް ގެންގޮސްފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޓީސީސީން ބުނީ ފަރެސްމާތޮޑާ އެއާޕޯޓު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއާޕޯޓް ފަޔާ ބިލްޑިންގެ ސްޓްރަކްޗަރަލް މަސައްކަތްތައް ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑު އުސޫލުން ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ޖުމުލަ 144.8 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ އަކާއި އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކުރުން ހިމެނެއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، އެ އެއާޕޯޓުގެ މަސައްކަތް އަންނަ ޖަނަވަރީ ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ.