ހިޔާ މަޝްރޫއުގެ ފުލެޓުތަކަށް މަހަކު ދައްކަން ޖެހޭ އަދަދު ކުޑަކުރުމަށް ތިން ވަނަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓި ފޮނުވާފައިވާ ކަމަށް މާލޭ ސިޓި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލު ކުރައްވައި މުއިއްޒު ވަނީ ފުލެޓުތަކުގެ ކުލި ކުޑަކޮށް ފިނިޝިން މަސައްކަތަށް ނުވަ މަސްދުވަސް ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި އެއަށްފަހު ސިޓީއަކުންވެސް އެކަމަށް އެދިވަޑައިގެންނެވި ކަމަށް މުއިއްޒު ކުރީން ވަނީ ވިދާޅުވެފަ އެވެ.
ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ އަދަދު 5600 ރުފިޔާ އަށްވުރެ ކުޑަކޮށްދެއްވުމަށް އެދި ތިން ވަނަ ފަހަރަށް ރައީސް އޮފީހަށް މިދިޔަ ހަފުތާގައި ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. އަދި ފިނިޝިން މަސައްކަތަށް މަދުވެގެން ނުވަ މަސްދުވަސް ދެއްވުމަށް ތަކުރާރުކޮށް އެ ސިޓީގައި އެދިފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ ކުރިން މުއިއްޒު ވިދާޅުވީ ހިޔާ ފުލެޓްތަކުގެ ފިނިޝަން މަސައްކަތަށް އަމިއްލަ އަށް ހަރަދު ކުރަން ޖެހުމުގެ ސަބަބުން ދީފައިވާ ތިން މަސް ދުވަހުގެ ތެރޭގައި ނިންމޭނީ މަދު ބަޔަކަށް ކަމަށެވެ.
ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ބުނެފައިވަނީ ކުލި ކުޑަކުރުމަށް ޑރ. މުއިއްޒު ގޮވާލައްވަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި މިހާރު ކަނޑައަޅާފައިވާ އަދަދަށްވުރެ ކުލި ކުޑަކުރެވެން ނެތް ކަމަށް ވަނީ ބުނެފަ އެވެ.
އެގޮތުން އެޗްޑީސީން ބުނީ ހިޔާ ފްލެޓްތައް ހެދުމަށް ނަގާފައިވާ ލޯނު ދެއްކެން އޮތީ އެތަންތަން ކުއްޔަށް ދީގެން ލިބޭ ފައިސާއިން ކަމަށާއި އެހެން ގޮތަކަށް ލޯނު ދެއްކެން ނެތް ކަމަށެވެ. އެހެން ކަމުން 5600 ރުފިޔާ އަށް ކުލި ކުޑަކުރެވެން ނެތް ކަމަށް ވެސް އެ ކޯޕަރޭޝަނުން ވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ.
ހިޔާ ފުލެޓުތަކަށް ފައިސާ ދައްކައި ހަލާސް ކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500ރ. ދައްކާ ގޮތަށެވެ. އަދި ފްލެޓުތަކުގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000ރ. ނެގުމަށް ވެސް ނިންމާފައިވެއެވެ.
ހިޔާ ފުލެޓުތަކުގެ ފިނިޝިން މަސައްކަތަށް ތިންމަސް ދީފައިވާއިރު ބައެއް ތަންތަން ނިމުނު ވަރަކަށް ނިންމައި 50 އަށް ވުރެ ގިނަ އާއިލާތަކުން ވަނީ އެތަނަށް މިހާރު ދިރިއުޅުން ބަދަލުކޮށްފަ އެވެ. ސެޕްޓެމްބަރު މަހުން ފެށިގެން ކުލި ގުނަން ފެށި ނަމަވެސް ސަރުކާރުން ބުނެފައިވަނީ ކުލި ނަގަން ފަށާނީ އަންނަ ޑިސެމްބަރު މަހުން ފެށިގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު