ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުގެ ހުރިހާ ޓަވަރަކަށް ކަރަންޓާއި ފެން ފޯރުކޮށްދީފައިވާ ކަމަށާއި ތިން މަސް ފަހުން ކުލި ނަގަން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.

ފްލެޓު ލިބުނު މީހުންނާ އެކު އެޗްޑީސީން ވެފައިވާ އެއްބަސްވުމުގެ އަށް ވަނަ މާއްދާގެ "ނ" ގައިވާ ގޮތުން، އެ އެއްބަސްވުމުގައި ސޮއިކުރާ އިރު އެ ޓަވަރަކަށް ފެނާއި ކަރަންޓު ނުލިބޭނަމަ ގްރޭސް ޕީރިއަޑްގެ ތިން މަސް ގުނަން ފަށާނީ އެ ޓަވަރަކަށް ކަރަންޓާއި ފެން ލިބުނުކަން އެޗްޑީސީން އިއުލާނުކުރުމުންނެވެ.

އެޗްޑީސީން ބުނީ، މިދިޔަ މަހުގެ ނިޔަލަށް ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ހުރިހާ ފަރާތްތަކުގެ އަތުން މިއަދުން ފެށިގެން ތިން މަސް ފަހުން ކުލި ނަގަން ފަށާނެ ކަމަށެވެ.

ހިިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައި ވަނީ 6،720 ފްލެޓެވެ. ހިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް ތިން މަހުގެ ގްރޭސް ޕީރިއަޑެއް ދިނުމުން ގިނަ އާއިލާތަކުން ވަނީ ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އެގޮތުން މިހާރުވެސް 60 އަށް ވުރެ ގިނަ އާއިލާ ވަނީ ބަދަލުވެފައެވެ.

ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި 7،500 ދެއްކުމަށާއި، ސާވިސް ފީގެ ގޮތުގައި 1،000 ރުފިޔާ ހިމަނައިގެން ކޮންމެ މަހަކު ޖުމުލަ 8،500 ރުފިޔާ ދައްކަން ޖެހޭ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.