އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގައި ކުޅުނު ފުރަތަމަ މެޗުގައި ބަންގުލަދޭޝްއިން ސްރީ ލަންކާގެ މައްޗަށް ކުރި ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ސާފް ޗެމްޕިއަންޝިޕް 2021 ގެ ފުރަތަމަ މެޗުގައި ބަންގުލަދޭޝްއިން ލަންކާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗަށް ގިނަ އަދަދެއްގެ ބަންގުލަދޭޝް ސަޕޯޓަރުން ދަނޑަށް ވަދެފައިވާ އިރު، ސަޕޯޓަރުން ހެއްވާލީ ޓޯޕޫ ބާމަން ޖެހި ޕެނަލްޓީއާ އެކުގައެވެ. މެޗުގެ ފަހު ހާފުގެ ބޮޑުބައި ލަންކާއިން ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ޑިފެންޑަރު ޑަކްސަން ޕުސްލަސްއަށް ރަތް ކާޑު ދެއްކުމުންނެވެ.

މިއަދު ގައުމީ ދަނޑުގައި ފެށިގެން ދިޔައީ ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ މުބާރާތެވެ. ތަފާތު ބްރޭންޑިންއަކާ އެކު މިފަހަރުގެ މުބާރާތް އެފްއޭއެމްއިން ތަފާތު ކޮށްލައިފައިވާ އިރު، ދަނޑުންވެސް ފެނިގެން ދިޔައީ ވަރަށް ރަނގަޅަށް މުބާރާތަށް ތައްޔާރުވެފައިވާ ތަނެވެ. މިއަހަރުގެ މުބާރާތް ރާއްޖޭގައި ހޯސްޓް ކުރާ އިރު، މިއީ ރާއްޖޭގައި ފުލީ ހޯސްޓް ކުރާ ފުރަތަމަ ސާފް ޗެމްޕިއަންޝިޕެވެ. މުބާރާތް ފުރަތަމަ ބާއްވާ ގޮތަށް އޮތީ ބަންގުލަދޭޝްގައި ނަމަވެސް މިފަހަރުގެ މުބާރާތް ރާއްޖޭގައި ހޯސްޓް ކުރަން ނިންމީ ބަންގްލަދޭޝްގެ ކޮވިޑު ހާލަތު އޮތް ގޮތުންނެވެ.

މިފަހަރުގެ މުބާރާތަށް ބަންގުލަދޭޝްއާއި ލަންކާއިންވެސް ނުކުތީ ދެވަނަ ފަހަރަކަށް މުބާރާތް ކާމިޔާބު ކުރުމަށެވެ. ލަންކާއިން 1995 ވަނަ އަހަރު މުބާރާތުގެ ރަން މެޑަލް ހޯދާފައިވާ އިރު، ބަންގުލަދޭޝްއިން މުބާރާތް ކާމިޔާބު ކުރީ 2003 ވަނަ އަހަރުއެވެ. މި ދެގައުމަށްވެސް އޭގެ ފަހުން މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މެޗުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، މެޗުގެ 20 ވަރަކަށް މިނެޓު ހިނގިއިރު ބަންގުލަދޭޝްއިން ވަނީ އެޓީމުގެ ކޮންޓްރޯލަށް މެޗު ގެންގޮސް ޕާސްތައް ޖަހަން ފަށައިފައެވެ. ކޯޗު އޮސްކާ ބްރޫޒޯންގެ ސްޓައިލުގައި ބަންގްލަދޭޝްއިން ކުޅެން މަސައްކަތް ކުރި ނަމަވެސް އެޓީމަށް މަދުވީ އެޓޭކެކެވެ. އެޓޭކިން ތާޑުގައި ބަންގްލަދޭޝްއަށް އެންމެ އެކަށޭނެ ޕާސްތަކެއް ޖަހަން އުނދަގޫވި އިރު، ހާފުގެ ފުރަތަމަ ހަމަލާވެސް ފެނުނީ ފަހު މިނެޓުގައެވެ.

މެޗަށް ގިނަ އަދަދެއްގެ ބަންގުލަދޭޝް ސަޕޯޓަރުން ވަދެ ދަނޑުގައި ފޯރި ނަގައިފައިވާ އިރު، ހާފުގެ ފަހު މިނެޓުގައި ޔެސިން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޓޮޕޫ ބޮލުން ފޮނުވާލި ހަމަލާ ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފައެވެ.

ފުރަތަމަ ހާފުގައި ލަންކާއަކަށްވެސް ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އެޓޭކަށް މަސައްކަތް ކުރި ނަމަވެސް ލަންކާއަށްވެސް ބަންގުލަދޭޝް ގޯލުގައި ހުރި އަނީސުރު ރަހްމާން ޓެސްޓު ކޮށްލެވިފައެއް ނުވެއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ 54 ވަނަ މިނެޓުގައި ބަންގްލަދޭޝްއަށް ލިބުނު ޕެނަލްޓީއާ އެކުގައެވެ. މިދިޔަ ސީޒަންގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުން ފާހަގަކޮށްލެވުނު ލަންކާގެ ޑިފެންޑަރު ޑަކްސަން ބޯޅައިގައި އަތްލުމުން ރެފްރީ ވަނީ ޕެނަލްޓީ ދީފައެވެ. ޑަކްސަންއަށް ކުރިން މެޗުގައި ރީނދޫ ކާޑު ދައްކާފައި އޮތް އިރު، ގަސްދުގައި ބޯޅައިގައި އަތް ލުމުން ރެފްރީ އޭނާއަށް ދެވަނަ ރީނދޫ ކާޑު ދައްކައި، ރަތް ކާޑަކާއެކު ދަނޑުން ފޮނުވާލިއެވެ.

އެ ޕެނަލްޓީގައި ބަންގުލްދޭޝްއަށް ލީޑު ނަގައިދިނީ ޓޯޕޫއެވެ. އޭނާ ބޯޅަ އަމާޒުކޮށްލީ ލަންކާ ގޯލުގެ ތިރީ ކަނަކަށެވެ. ފަހު ހާފުގައި ވަރަށް ބޯކޮށް ދަނޑަށް ވާރޭވެސް ވެހުނުކަން ފާހަގަވެގެން ދިޔަ އިރު، ދަނޑު ތެމުމުން ކޮންމެވެސް ވަރަކަށް އުނދަގޫތަކާ ކުރިމަތިވިއެވެ. ގޯލަށް ފަހު ބަންގުލަދޭޝްއިން ހަމަޖެހިލި އިރު، ކުޅުންތެރިޔަކު މަދުން ކުޅެން ޖެހުމުން ލަންކާއަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. އެހެންނަމަވެސް ލަންކާއިން ވަނީ މަސައްކަތުގެ ރޭޓު މަތިކޮށް، ބަންގްލަދޭޝް ހިފަހައްޓަން ބުރަކޮށް މަސައްކަތް ކޮށްފައެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ފަސް ގައުމަކުން ވާދަކުރާ އިރު، މުބާރާތް ކުޅޭނީ ލީގު ބުރަކާ އެކުގައެވެ. ލީގު ބުރު ނިމޭ އިރު، އެއްވަނަ އަދި ދެވަނަ ޓީމު ފައިނަލަށް ދާނެއެވެ. މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ހޯސްޓް ކުރާ ގައުމު ރާއްޖެއިން ނޭޕާލާ ދެކޮޅަށް ނުކުންނާނެއެވެ. މެޗު ފަށާނީ 9:00 ގައެވެ.