އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ފުރަތަމަ މެޗުގައި ސްރީ ލަންކާއާއި ބަންގްލަދޭޝް ވާދަކުރާ މެޗުގެ ލައިވްއަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ މުބާރާތް. މިއަހަރުގެ މުބާރާތް ރާއްޖޭގައި ހޯސްޓް ކުރާއިރު، މިއީ ރާއްޖޭގައި ފުލީ ހޯސްޓް ކުރާ ފުރަތަމަ މުބާރާތް. މުބާރާތް ފުރަތަމަ ބާއްވާ ގޮތަށް އޮތީ ބަންގްލަދޭޝްގައި ނަމަވެސް މިފަހަރުގެ މުބާރާތް ރާއްޖޭގައި ހޯސްޓް ކުރަން ނިންމީ ބަންގްލަދޭޝްގެ ކޮވިޑް ހާލަތު އޮތް ގޮތުން.

ބަންގްލަދޭޝްއާއި ލަންކާއިންވެސް މީގެ ކުރިން މުބާރާތް ކާމިޔާބު ކޮށްފައި ވަނީ އެއް ފަހަރު. ލަންކާއިން 1995 ވަނަ އަހަރު މުބާރާތުގެ ރަން މެޑަލް ހޯދާފައިވާ އިރު، ބަންގްލަދޭޝްއިން މުބާރާތް ކާމިޔާބު ކުރީ 2003 ވަނަ އަހަރު. ލަންކާއިން 1993 ވަނަ އަހަރު ފައިނަލުގައި ކުޅެފައިވާ އިރު، ބަންގްލަދޭޝްއިން ވަނީ މީގެ ކުރިން 1992 ވަނަ އަހަރުވެސް ފައިނަލުގައި ކުޅެފައި.

  • ބަންގްލަދޭޝް - ޖަމާލް ބުޔާން

ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ކެޕްޓަން ޖަމާލް ބުޔާންއަކީ ޑެންމާކަށް އުފަން ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެއް. ކެރިއަރުގެ ކުރީކޮޅުގައި ޑެންމާކުގެ ކްލަބުތަކަށްވެސް ޖަމާލް ކުޅެފައިވާ އިރު، ބަންގްލަދޭޝްގެ ކްލަބުތަކަށް އޭނާ ކުޅެން ފެށީ 2014 ވަނަ އަހަރު. މިހާރު އޭނާއަކީ ގައުމީ ޓީމުގެ އިތުރުން ސައިފް ސްޕޯޓިން ކްލަބުގެވެސް ކެޕްޓަން. ޖަމާލް ވަނީ ގައުމީ ޓީމަށް 50 އަށްވުރެ ގިނަ މެޗު ކުޅެދީފައި.

  • ސްރީ ލަންކާ - ސުޖަން ޕެރޭރާ

ލަންކާގެ ކެޕްޓަން ސުޖަން ޕެރޭރާއަކީ ރާއްޖޭގެ ފުޓުބޯޅައަށްވެސް ފަރިތަ ނަމެއް. އުމުރުން 29 އަހަރުގެ ސުޖަން ކެރިއަރު ފެށީ ލަންކާ ކްލަބަކުން ނަމަވެސް އުމުރުން 22 އަހަރުގައި ރާއްޖޭގެ އީގަލްސްއަށް އޭނާ ގެނައި. އެ ކްލަބާއެކު ހަ އަހަރު ހޭދަކުރި ސުޖަން ވަނީ 2016 ވަނަ އަހަރު ޕްރެސިޑެންޓް ކަޕްވެސް ކާމިޔާބު ކޮށްފައި. ސުޖަންއަކީ 2016 ވަނަ އަހަރު ރާއްޖޭގައި ކުޅުނު އެންމެ މޮޅު ގޯލްކީޕަރު މަގާމުވެސް ހޯދި ކުޅުންތެރިޔާ. އޭނާ ކްލަބު އީގަލްސް ދޫކޮށް، މިދިޔަ އަހަރު ލަންކާ ލީގަށް ބަދަލުވީ އަމިއްލަ އާއިލީ ކަންކަމަށް ވަގުތު ހުސްކުރުމަށް.