އަލީ އަޝްފާގު (ދަގަނޑޭ)ގެ ވާހަކަ ދައްކާއިރު އޭނާގެ ތައާރަފެއް ދޭކަށް ނުވެސް ޖެހޭނެއެވެ. އެއީ މިސަރަހައްދުގެ ފުޓުބޯޅަ ދުށް އެންމެ މޮޅު ކުޅުންތެރިޔާއެވެ. ރާއްޖޭގެ ތާރީހުގައިވެސް ފެނުނު އެންމެ ކުޅަދާނަ، އެންމެ ހުނަރުވެރި ކުޅުންތެރިޔާއެވެ. ސަރަހައްދީ އެންމެ ބޮޑު މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕަށްވެސް އާ މޫނެއް ނޫނެވެ. މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.
މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގައި 20 ގޯލު ދަގަނޑޭ ޖަހާފައި އވާއިރު، އެންމެ ގާތުން ވާދަކުރާ ސުނިލް ޗެތުރީއަށް ޖެހިފައި ވަނީ 13 ގޯލެވެ. ލެޖެންޑަރީ ދަގަނޑޭގެ ކެރިއަރުގެ ފަހު ކޮޅަށް މިހާރު ވަނީ މިސްރާބު ޖަހައިފިއެވެ. އުމުރުން 36 އަހަރުގެ ދަގަނޑޭއަށް މިއީ އެންމެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވުން ގާތެވެ. އެއީ އޭނާގެ ރޫހު އާވާނެ އެއް ސަބަބެވެ. ދިވެހި ގައުމަށް ތިން ވަނަ ފަހަރަށް ތަށި ގެނެސްދީ ބައިނަލްއަގުވާމީ ކެރިއަރުގެ ނިމުމަކަށް ދިޔުން އެއީ ދަގަނޑޭގެ އުންމީދަށް ވެސް ވާނެއެވެ.
"ހުރިހާ ކުޅުންތެރިންވެސް މުހިއްމު. އެހެން ނަމަވެސް އަޝްފާގު ކަހަލަ ކުޅުންތެރިންޔަކު ހުރުމާއެކު ޓީމުގެ އެހެން ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް އެބަ ލިބިގެންދޭ. އެކަން އެންމެފަހުން ކުޅުނު ކޮލިފިކޭޝަން މެޗުތަކުގައިވެސް ފެނުނު. އެހެންކަމުން އަޅުގަނޑު ދަންނަވާނީ މުޅި ޓީމުގެ ކާމިޔާބީއަށް ވާސިލުވުމަށް ޓަކައި އަޝްފާގަކީ ވަރަށް މުހިއްމު ކުޅުންތެރިއެކޭ. ހުނަރު އެކަންޏެއް ނޫން، އަޝްފާގާއެކު ކުޅެލަން ފުރުސަތު ލިބުމަކީ އަރަމުން އަންނަ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވޭ. މި މުބާރާތް ކާމިޔާބު ކުރުމަށް އަޝްފާގަކީ މުހިއްމު ރޯލެއް އަދާކުރެވޭނެ ކުޅުންތެރިއެއް،" އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު "ވަން ޕްލަސް"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގައި ވިދާޅުވެފައިވެއެވެ.
ޓީމު ތެރޭގެ އެކިއެކި ސަބަބުތަކާއެކު ދަގަނޑޭއަށް 2018 ގެ ސާފް ގެއްލުނެވެ. އެއީ ދިވެހި އެތައް ބަޔަކަށް މާޔޫސްކަން ގެނުވި ކަމެކެވެ. ދަގަނޑޭއާ ނުލައި 2018 ވަނަ އަހަރު ސާފް ދިވެހި ޓީމު ކާމިޔާބުކުރި ނަމަވެސް، ކޮންމެ ދިވެހި ސަޕޯޓަރަކު ހިތާއިހިތުން އޭރުވެސް ބުނަމުން ދިޔައީ ދަގަނޑޭ އެ ޓީމު ލީޑުކުރަން ހުންނަން ޖެހޭ ކަމަށެވެ. ދިވެހި ފުޓުބޯޅައިގެ މަންޒަރެއް ދަގަނޑޭއާ ނުލައި ކުރަހަން ސަޕޯޓަރުން ބޭނުންވެސް ނުވާނެތީއެވެ. އެ ހާލަތު ބަދަލު ވެ، މިއަދު އަނެއްކާވެސް ޓީމު ނުކުތީ ދަގަނޑޭއާ އެކުގައެވެ. ދަގަނޑޭއަކީ ކެޕްޓަން ނޫން ނަމަވެސް އޭނާއަކީ ޓީމުގެ ތަނބެވެ. ކެޕްޓަން ބޭންޑު އަލުން ދަގަނޑޭ ބޭނުން ނުވާއިރު، ދަގަނޑޭގެ ރޫހާއި ފޯކަސް ހުރީ ހަމަ އެންމެ ކަމަކަށެވެ. ސީދާ ރަން މެޑެއްޔަށެވެ.
"އަޝްފާގަށް ކެޕްޓަން ބޭންޑު ދިނުމަކީ ބައެއްގެ ހިޔާލެއްގައި އޮތް ކަމެއްކަންނޭނގެ. އެކަމަކު އަޝްފާގުވެސް މާ ބޮޑަކަށް ބޭންޑް ބޭނުން ވެގެން ޝައުގުވެރިކަމެއް ނުދޭ. އަޝްފާގުގެ ވިސްނުން ހުރީ ގައުމީ ޓީމަށް މިވަގުތު އޭނައަށް ދެވެން އޮތް އެއްޗެއް އެންމެ ފުރިހަމައަށް ދޭން. ޓީމުގައި އަކުރަމް ކެޕްޓަނަކަށް ބަހައްޓަން ޖެހިލުން ވާން ޖެހޭ އެއްވެސް ސަބަބެއް ނެތް. އެއީ މިހާތަނަށް އަޅުގަނޑު މަސައްކަތް ކުރި ހުރިހާ ދުވަހެއްގައިވެސް އަކުރަމްގެ ލީޑާޝިޕް ފެނިއްޖެ. ޓީމު މޯރަލީ އެންމެ ރަނގަޅަށް ނަގައިދެވޭނެ ކުޅުންތެރިޔަކީ ހަމަ އަކުރަމް،" އިއްޔެގެ ޕްރީ މެޗު ޕްރެސްގައި ކޯޗު އަލީ ސުޒޭން ބުނެފައިވެއެވެ.
2005 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުން ސަރަހައްދީ ފުޓުބޯޅައަށް ފިޔަޖަހާލި ދަގަނޑޭ، މިއަދު ނުކުންނަނީ ކެރިއަރުގެ ފަހު ސާފަށް ކަމަށް ވުން ގާތެވެ. ސަޕޯޓަރުންގެ ކުރިމަތީގައި މުބާރާތަށް ނުކުންނައިރު، ދިވެހީންގެ ލޯތްބާއި އިހުތިރާމު ތާއަބަދު ދަގަނޑޭއަށް އޮންނާނެކަމާ މެދު ޝައްކެއް ނެތެވެ. ދިވެހި ސަޕޯޓަރުންނާއި ޓީމާ އެންމެ ފަސޭހައިން ގުޅޭ މަގަކީވެސް ހަމަ ދަގަނޑޭއެވެ. ދަގަނޑޭއަށް ހާއްސަވެ ދަނޑަށް ވަންނާނެ އެތައް ސަޕޯޓަރުންނެއް އުޅޭނެކަން ޔަގީނެވެ. ވާނީވެސް އެހެންނެވެ. އިދިކޮޅު ޓީމުތަކުގެ ތަރިންނާއި ކުޅުންތެރިންވެސް ދަގަނޑޭއަށް ދެނީ ލޯތްބާއި އިހުތިރާމެވެ.
ޕްރީ މެޗު ޕްރެސްގައި ނޭޕާލްގެ ކެޕްޓަން، ގޯލްކީޕަރު ލިމްބޫ ކިރަން ކުމާރު ބުނެފައި ވަނީ ދަގަނޑޭއަށް އިހުތިރާމު ކުރަން ޖެހޭ ކަމަށާއި، ދަގަނޑޭއަކީ ދެވަނައެއް ނެތް ހުނަރެއް ކަމަށެވެ. ހަމަ އެބީދައިން މުބާރާތުގެ ތާރީހަށް ބަލާއިރު، ވަކި ކުޅުންތެރިއެއް ނެގުމަށް ސުނިލް ޗެތުރީއަށް ދިން ފުރުސަތުގައި އޭނާ ނެގީވެސް ދަގަނޑޭއެވެ. އެއީ ދަގަނޑޭގެ ލެގަސީގެ މިންވަރެވެ. އޭނާގެ ރޫހާއެކު ގައުމީ ޓީމަށް ރަނަށް ވާސިލު ވާން ފަސޭހަ ވާނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު