ދިވެހި ދައުލަތުގެ ހުރިހާ ބާރުތަކަކާއި ވަސީލަތްތައް މި ސަރުކާރުން އިންޑިއާއަށް ދީފައިވާ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
"މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި އިދިކޮޅުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ދައުލަތުގެ އަހުގުރި ތަރިކަތަކާއި މާލޭގައި ހުރި ހުސްބިންތައް އިންޑިއާއަށް ހިބަކޮށް ދީފައިވާ ކަމަށެވެ.
ދިވެހި ކަސްޓަމްސްއިން އެތެރެވާ މުދަލާއި ބޭރުވާ މުދަލުގެ ތަފުސީލް ވަގުތުން ވަގުތަށް އިންޑިއާއަށް ލިބޭ ގޮތް ހަދާފައިވާ ކަމަށާއި ދިވެހިންގެ އިހުތިސޯސްގެ ހުރިހާ ސިއްރުތަކެއްވެސް އިންޑިއާއަށް ލިބޭނެ ގޮތް މި ސަރުކާރުން ހަދާފައިވާ ކަމަށް ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންގެ ފޯނުން ދައްކާ ވާހަކަ ވެސް އެނގޭނެ އިންތިޒާމުތައް އިންޑިއާ އެމްބަސީގައި ވަނީ ހަމަޖައްސާފައި. މި ހުރިހާ ސިއްރެއް އިންޑިއާއަށް މި ދަނީ" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖެ އިންޑިއާއަށް ވިއްކާލައިފައިވާ ކަމަށާއި މި ގައުމު ސަލާމަތް ކުރެވޭނީ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކޮށް އަލުން އަނބުރާ ރާއްޖޭގެ ވެރިކަމަށް ގެނެސްގެން ކަމަށެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ދިވެހިން މިއަދު ނުނިކުމެއްޖެނަމަ ރާއްޖޭގެ މިނިވަންކަން ދިވެހިންގެ އަތުން ބީވެގެންދާނެ ކަމަށާއި އެ ދުވަސް އޮތީ ވަރަށް ކައިރީގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު