އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގައި ގައުމީ ފުޓުބޯޅަ ޓީމުން ބޭނުންކުރާނެ އާ ޖާޒީ މިރޭ ދައްކާލައިފިއެވެ.
ދިވެހިވަންތަ ފަރުމާއަކަށް ފަރުމާކޮށްފައިވާ އާ ޖާޒީއާއެކު މިރޭ ވަނީ ގައުމީ ޓީމު ބޭނުންކުރާ ތިން ކިޓުވެސް ދައްކާލައިފައެވެ. އެއީ ހޯމް ކިޓާއި އަވޭ ކިޓުގެ އިތުރުން ތިންވަނަ ކިޓެވެ. ހޯމް ކިޓުގައި ފެއްސާއި ރަތް އެކުލެވޭ އިރު، ޖާޒީގެ މެދުގައި ގައުމީ ދިދައިގެ ހަނދުފަޅިވެސް ހިމަނާފައިވެއެވެ. ތިން ކިޓުގައިވެސް ހަނދުފަޅި ހިމަނާފައިވާ އިރު، ފަރުމާގައި ހިމެނެނީ ދިވެހި ލިޔެލާގެ ޑިޒައިނެކެވެ.
އަވޭ ކިޓުގައި ހުދު ކުލައާއި ރަތް ކުލަ ހިމެނޭ އިރު، ތިންވަނަ ކިޓުގައި ހިމެނެނީ ބޮޑަށް ފެހި ކުލައެވެ. ޖާޒީގެ މޭ މަތީގައި މަގޭ މަހަލްދީބު ދިވެހިން ލިޔެފައިވެއެވެ.
ޕީއެސްއެމްގެ ސްޓޫޑިއޯގައި ބޭއްވި ހަފުލާއެއްގައި ޖާޒީ ދައްކާލީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމެވެ. އެ ކުޑަ ހަފްލާގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބައްސާމް ވިދާޅުވީ އާ ޖާޒީއެއްގެ ވިސްނުމަކީ ސީނިއާ ނައިބު ރައީސް އަލީ އުމަރުގެ ވަރަށް ބޮޑު ވިސްނުމެއް ކަމަށާއި ދިވެހިވަންތަ ގޮތަކަށް ޖާޒީ ފަރުމާ ކޮށްފައިވަނީ ދިވެހި ކުންފުންޏަކުން ކަމަށެވެ.
މިއީ ރާއްޖެއިން އެކަނި ސާފް ޗެމްޕިއަންޝިޕް ހޯސްޓު ކުރާ ފުރަތަމަ ފަހަރެވެ. މިއަހަރުގެ މުބާރާތް ފެންވަރު ރަނގަޅުކޮށް ކުރިއަށް ގެންދިއުމަށް މާކެޓިންގެ ބޮޑެތި މަސައްކަތްތަކެއް ކޮށް، މުބާރާތް ވަނީ ތަފާތު ކޮށްލައިފައެވެ. މުބާރާތުގެ ތެރެއިން ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ކޮންޓެންޓުތަކެއް ހަދައި، ތަފާތު އިޝްތިހާރުތަކާއެކު މުބާރާތް އަންނަނީ އިޝްތިހާރު ކުރަމުންނެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ނޭޕާލާ ދެކޮޅަށް ނުކުންނަ އިރު، މެޗުގެ ޓިކެޓު އަންނަނީ ވިކެމުންނެވެ. މާދަމާ ރޭގެ މެޗުގެ އޮންނާނީ 9:00 ގައެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް