ހޯސްޓް ބަންގްލަދޭޝްއިން ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ ތަރި ހަމްޒާ ޗޯދުރީ ނުކުޅުނު ނަމަވެސް، އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު އޭނާ މިއަދު ޓީމާ ގުޅިއްޖެއެވެ.

ބަންގްލަދޭޝްއިން މިއަހަރު އަމިއްލަ ގައުމުގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރަން ޓާގެޓް ކަނޑައަޅާފައިވާ އިރު، ބަންގްލަދޭޝްއިން މި ފަހަކަށް އައިސް އެގައުމަށް ނިސްބަތްވާ އާއިލާތަކުގެ ކުޅުންތެރިން ނެޗުރަލައިސްކޮށްގެން ގައުމީ ޓީމަށް ގެނެސްފައިވެއެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ކުރިން ލެސްޓާ ސިޓީއަށް އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ހަމްޒާއެވެ. ހަމްޒާއަކީ މިހާތަނަށް ސާފް ޗެމްޕިއަންޝިޕެއްގައި ފެނިގެންދާނެ އެންމެ ތަޖުރިބާކާރު، އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާއެވެ. ހަމްޒާ މިހާރުވެސް ކުޅެމުން ދަނީ އިނގިރޭސި ދެވަނަ ޑިވިޝަނުގެ ޝެފީލްޑް ޔުނައިޓެޑަށެވެ.

ތަޖުރިބާކާރު މިޑްފީލްޑަރު ހަމްޒާ މިއަދު ބަންގްލަދޭޝްއަށް އައިސްފައިވާ އިރު، އޭނާ ދާނީ އެއާޕޯޓުން ޓީމު ހޮޓަލަށް ކަމަށް މީޑިއާތަކުން ބުނެފައިވެއެވެ. އޭގެ އިތުރުން އިނގިރޭސި ފަސްވަނަ ޑިވިޝަން ކަމަށްވާ ނޭޝަނަލް ލީގުގެ ބޯރްހަމް ވުޑަށް ކުޅެމުންދާ ފަރްހާން އަލީ ވަހީދުވެސް މިއަދު ޓީމާ ގުޅޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފަރްހާނަކީ ފުލަމްގެ ކުޅުންތެރިއެކެވެ. އޭނާ މިވަގުތު ފަސްވަނަ ޑިވިޝަނުގައި ކުޅެމުން ދަނީ ލޯނެއްގައެވެ.

ބަންގްލަދޭޝްއިން ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން ކައިރިން 1-0 އިން މޮޅުވެފައި އޮތުމުން އެޓީމަށް ވަނީ ސެމީ ފައިނަލް ޔަގީންވެފައެވެ. އެއީ ރޭ އެ ގްރޫޕުގައި ސްރީ ލަންކާއާއި ބޫޓާން ކުޅުނު މެޗު 2-2 އިން އެއްވަރުވުމުންނެވެ.

ބަންގްލަދޭޝްއިން ދެން ކުޅޭ ގްރޫޕް ސްޓޭޖު ފަހު މެޗުގައި ލަންކާއާ ދެކޮޅަށް ނުކުންނާނީ 11 ވަނަ ދުވަހުގެ ރޭގައެވެ.

މިފަހަރުގެ ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުނީ މިއަދުއެވެ. ނޮވެމްބަރު 17 ވަނަ ދުވަހާ ހަމައަށް ފީފާ ބްރޭކް ދެމިގެންދާ އިރު، ގިނަ ކްލަބުތަކަށް ކުޅޭ މުހިއްމު ކުޅުންތެރިން އަދި މުބާރާތުން ފެނިގެން ނުދެއެވެ. އެހެން ނަމަވެސް އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު އެ ކުޅުންތެރިން ޓީމުތަކާ ގުޅޭނެ ކަމަށް ބެލެވެއެވެ.