ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް އޭގައި މިރޭ ސްރީ ލަންކާއާއި ބޫޓާން ވާދަކުރި މެޗު އެއްވަރުވެއްޖެއެވެ.

ޑާކާ ނެޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ބޫޓާނުން ލަންކާ ކައިރިން އެއްވަރުކުރީ 2-2 ގެ ނަތީޖާއަކުންނެވެ.

މިއަދު މެޗަކީ މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާގެ ފުރަތަމަ މެޗެވެ. ސްރީ ލަންކާއިން އެންމެފަހުން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުޅުނީ 1995 ވަނަ އަހަރުއެވެ. އެފަހަރު އަމިއްލަ ގައުމުގައި ތަށި އުފުލައިލިއެވެ. މިރޭގެ މެޗުން މޮޅުވެ، ލަންކާއަށް ސެމީ ފައިނަލް ޔަގީން ކުރެވެން އޮތް އިރު، ބޫޓާނަށް މިއީ މޮޅުވާން މަޖުބޫރުވެފައި އޮތް މެޗެކެވެ. ބޫޓާނުން ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން އޮތީ ހަނިގޮތަކަށް 1-0 އިން ބަލިވެފައެވެ.

އެ ހާލަތުގައި ބޫޓާނުން މެޗަށް ނުކުތް އިރު، މިރޭވެސް އެޓީމުގެ ފަރާތުން ފެނުނީ ފުރަތަމަ މެޗުގައިވެސް ފެނުނު ކަހަލަ ޓެކްޓިކްސްއެކެވެ. ފަހަތުގައި މަޑުކޮށް ކައުންޓާގައި އެޓޭކް ކުރަން މަސައްކަތް ކޮށްފައިވާ އިރު، ލަންކާއިން ދިޔައީ ކުރިއަށް ޖެހިގެން ކުޅެމުންނެވެ. ކުރީކޮޅުގައި ލަންކާ ގެރެމީ ޑެވިން ޕެރޭރާއަށް ރަނގަޅު ފުރުސަތެއް ލިބުނު އިރު، އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ ބޫޓާންގެ ކީޕަރު ޔެލްޓްޝެން ޒަންގްޕޯއެވެ. ލަންކާއިން ފުލުފުލުގައި ނުރައްކާ ކުރަމުން ދިޔަ އިރު، އޭގެ އިރުކޮޅެއްފަހުން ލަންކާގެ ތަޖުރިބާކާރު ފޯވަޑް އަހުމަދު ވަސީމް ރަޒީކް ފޮނުވާލި ހަމަލާވެސް މަތަކުރީ ބޫޓާންގެ ކީޕަރެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ލަންކާގެ ވޭޑް ޑެރެން ޑެކާ އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ހަމަލާ ގޯލްގެ ހުރަސް ދަނޑިއަށް އަމާޒުވި އިރު، ކުޅުމުގެ އޮއެވަރާ ދެކޮޅަށް ބޫޓާނުން މެޗުގެ ލީޑު ނެގީ 33 ވަނަ މިނެޓުގައެވެ. އެ ގޯލުގައި އެންމެ މުހިއްމު ދައުރެއް ކުޅުނީ ބޫޓާންގެ ކެޕްޓަން، ޗެންޗޯ ޔެލްޓްޝެންއެވެ.

ޗެންޗޯ، ލަންކާ ތިން ކުޅުންތެރިން ބީޓްކޮށް އޭރިއާ ތެރެއަށް ތިރިތިރިން ނަގައިދިން ބޯޅަ ފުރަތަމަ ޑެވިން ޕެރޭރާ ފޮނުވަލި ނަމަވެސް ވީ ބްލޮކެވެ. އެހެން ނަމަވެސް ރިބައުންސްގައި ރިބައުންސްގައި ޑާވާ ޝެރިންގެ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލް ތެރެއަށެވެ.

އެ ގޯލަށް ދެމިނެޓުވެސް ނުވަނީސް ލަންކާގެ އޮލިވާ ޖޭމްސް ކެލާޓް، ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ ތިރީ ކަނަށެވެ. އެބޯޅަ ގޯލަށް ވަނީ ބޫޓާން ޑިފެންޑަރު ފުންޓްސޯ ޖިގްމޭ ފައިގައި ޖެހިފައެވެ. ހާފު ނިމުމުގެ ކުރިން ލަންކާއިން ލީޑުވެސް ނެގިއެވެ. އަރިމަތިން ޑެރެން ނަގައިދިން ހުރަސް ރަނގަޅު ތަނަސް އަރައި ގޯލަށް ވައްދާލީ ވަސީމެވެ.

ދެވަނަ ހާފުގައި ބޫޓާނުން ވަރަށް ބޮޑަށް ކުރިއަށް ޖެހުނެވެ. ފަހަތުގައި މަޑުކުރުމުގެ ބަދަލުގައި ކުރިއަށް ޖެހިގެން ކުޅުމުން ލަންކާއަށް އުނދަގޫތަކާ ކުރިމަތިވިއެވެ. މެޗުގެ 61 ވަނަ މިނެޓުގައި ޗެންޗޯގެ ހިލޭ ޖެހުން ސީދާ ސުޖަން ޕެރޭރާ އަތަށް ދިޔަ އިރު، އޭގެ އިރުކޮޅެއްގެ ފަހުން ކޯނަރެއްގައި ކުރި ނުރައްކަލަކުން ލަންކާ ޑިފެންޑަރު އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ބޫޓާނަށް ޕެނަލްޓީއެއް ދީފައެވެ.

ބޫޓާނަށް އެއްވަރުކޮށްލަން ޕެނަލްޓީއެއް ލިބުނު ނަމަވެސް، ޗެންޗޯ ފޮނުވާލި ޕެނަލްޓީ، ރާއްޖޭގެ ކްލަބު އީގަލްސްއާއި ޓީސީ ސްޕޯޓްސް ކްލަބަށްވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ތަޖުރިބާކާރު ކީޕަރު ސުޖަން މަތަކުރިއެވެ. އަދި ރިބައުންސްގައި ފޮނުވާލި ބޯޅަ ޕެމަ ޒަންގޯ ފޮނުވާލި ބޯޅަވެސް ސުޖަން މަތަކުރިއެވެ. އެ ބޯޅަ ސުޖަން އަތުގައި ޖެހިފައި ދިޔުމުން ގޯލް ލައިން މަތިން ސާފުކޮށްލީ ލަންކާގެ ޑިލޮން ސެނަންން ޑަ ސިލްވާއެވެ.

އޭގެ އިރުކޮޅެއްފަހުން، 76 ވަނަ މިނެޓުގައި ބޫޓާން މެޗު އެއްވަރުކުރިއެވެ. ދުރުން ފޮނުވާލި ހަމަލާއެއް ލަންކާ ކީޕަރު ސުޖަން އޭރިއާ ތެރެއަށް ޕަންޗުކޮށްލުމުން ފަހިވި ފުރުސަތުގައި ޗެންޗޯ ވަނީ ގޯލްގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިފައެވެ.

އޭގެފަހުން ލަންކާއިން އަލުން ލީޑު ނަގަން ކުރި މަސައްކަތުގައި އަނެއްކާވެސް ކުރިއަށް ޖެހި މަސައްކަތް ކުރިއެވެ. އޭރިއާ ތެރެއިން ޑެ ސިލްވާ އެނބުރާލާފައި ފޮނުވާލި ހަމަލާއެއް މަތިން ދިޔަ އިރު، މުޅިން ހުސްކޮށް އޮތް އަދަވަން ރަޖަމޯހަންއަށް ލިބުނު ބޯޅައިގައި ފޮނުވާލި ހަމަލާ މަތަކުރީ ބޫޓާންގެ ކީޕަރު ޒަންގްޕޯއެވެ.

ލަންކާއިން އިތުރަށް ގޯލެއް ޖަހަން ކުރި މަސައްކަތްވެސް ކާމިޔާބެއް ނުވިއެވެ. ބަދަލަކަށް ނުކުތް ރާހުލް ސުރޭޝް އިތުރު ވަގުތުގައި ފޮނުވާލި ހަމަލާވެސް ދިޔައީ ކީޕަރު އަތުގައި ޖެހި ބޭރަށެވެ.

މިހާރު އޮތް ހާލަތުގައި ބޫޓާނަށް ސެމީ ފައިނަލްގެ ފުރުސަތު އެބައޮތެވެ. އެއީ ޕޮއިންޓެއް ހޯދުމުންނެވެ. މިއީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕަށްފަހު ބޫޓާނުން ސާފްގެ މެޗެއްގައި ހޯދި ފުރަތަމަ ޕޮއިންޓެވެ. ގްރޫޕް އޭގެ ފަހު މެޗުގައި ބަންގްލަދޭޝްއާއި ސްރީ ލަންކާ ވާދަކުރާ އިރު، އެމެޗަށް ނުކުންނަ އިރުވެސް ބަންގްލަދޭޝް އޮތީ ސެމީ ފައިނަލް ޔަގީންވެފައެވެ. އެއީ މޮޅެއް ހޯދާފައި އޮތުމުންނެވެ. އެމެޗުގައި ބަންގްލަދޭޝްއިން ލަންކާ ކައިރިން ދެ ގޯލްގެ ފަރަގަކުން މޮޅުވެއްޖެނަމަ، ބޫޓާނަށް ސެމީގެ ފުރުސަތު އޮންނާނެއެވެ. ލަންކާއަށް އެމެޗުން ޕޮއިންޓަކުންވެސް ސަލާމަތް ވެވޭނެއެވެ.