ރިޕޯޓް

ލާމަރުކަޒީ ގާނޫނުގައި ގާނޫނީ ހުސްކަމުގެ ބޮޑު ބާގަނޑެއް!

އިބްރާހިމް ޒަކީ

ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން، ލާމަރުކަޒީ ގާނޫނަށް ވަނީ ވަރަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ.

އެ އިސްލާހު ތަކުގެ އެންމެ ބޮޑު އެއް އަމާޒަކީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކާއި، ރަށު ކައުންސިލްތަކުގައި، ރައްޔިތުންގެ ބަސްބުނުން ފުރިހަމައަށް އޮތުމާއި، ރައްޔިތުންނާ ވީހާވެސް ގާތުން ލާމަރުކަޒީކޮށް ފުރިހަމަ ހިދުމަތްތަކެއް ދިނުމެވެ.

ގާނޫނުގައި ކައުންސިލްތައް އެތުރިފައިވާ ގޮތަށް ބަލާއިރު، އަތޮޅު ކައުންސިލް އެތުރިފައި އޮންނަނީ ވަރަށް ތަފާތު ކޮށެވެ.

ލާމަރުކަޒީ ގާނޫނުގެ 24 ވަނަ މާއްދާގައި، ބުނާގޮތުން ރަށު ކައުންސިލް އެކުލެވިގެންވަނީ، އެ ރަށަކުން އިންތިހާބު ކުރެވޭ މެންބަރުންގެ މައްޗަށެވެ. އޭގެ ތެރެއިން 3000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ފަސް މެންބަރުން އިންތިހާބު ކުރަން ޖެހެއެވެ. ތިންހާހަށްވުރެން ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރަން ޖެހެނީ ހަތް މެންބަރުންނެވެ.

ގާނޫނުގެ 26 ވަނަ މާއްދާގައި ބުނާގޮތުން ރަށު ކައުންސިލްގެ ރައީސް އިންތިހާބު ކުރާނީ ކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ނަމަވެސް ރަށު ކައުންސިލްގެ ނައިބު ރައީސް އިންތިހާބު ކުރާނީ ކައުންސިލްގެ މެންބަރުންގެ ތެރެއިން، އެ ކައުންސިލްގައި ހިމެނޭ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

އެއާ ހިލާފަށް ލާމަރުކަޒީ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނާ ގޮތުން އަތޮޅު ކައުންސިލް އެކުލެވިގެން ވަނީ، އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން އިންތިހާބު ކުރާ އަތޮޅު ކައުންސިލްގެ ރައީސް އާއި އެދާއިރާއެއްގައި ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސް، އަދި އެ އިދާރީ ދާއިރާއެއްގައި ސިޓީއެއް ހިމެނޭ ނަމަ އެ ސިޓީއެއްގެ މޭޔަރުގެ މައްޗަށެވެ. އެހެންކަމުން އަތޮޅުގައި ސިޓީއެއް ހިމެނޭ ނަމަ އެ ސިޓީއަކާއެކު އެ އަތޮޅުގެ ހުރިހާ ރަށެއް އަތޮޅު ކައުންސިލުގައި ޝާމިލު ވެއެވެ.

ގާނޫނުގެ 16 ވަނަ މާއްދާގައި ވާގޮތުން، އަތޮޅު ކައުންސިލްގެ ނައިބު ރައީސް އިންތިހާބުކުރާނީ އަތޮޅު ކައުންސިލްގެ ރައީސް ފިޔަވައި ދެން ތިބި މެންބަރުންގެ ތެރެއިން، އެ ކައުންސިލްގެ މެންބަރުގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ކައުންސިލަރުންގެ މަސްއޫލިއްޔަތުތައް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، ގާނޫނުގެ 19 ވަނަ މާއްދާގައި އަތޮޅު ކައުންސިލް މެންބަރުންގެ މަސްއޫލިއްޔަތުގެ ގޮތުގައި ހިމަނާފައި ވަނީ، އަތޮޅު ކައުންސިލް މެންބަރު ނިސްބަތްވާ ރަށާއި އަތޮޅުގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ކައުންސިލްގެ ސަމާލުކަމަށް ގެނައުމާއި، އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމާއި، ކައުންސިލްގެ މަގުސަދުތައް ހާސިލުކުރުމަށް މަސައްކަތްކުރުމާއި، ކައުންސިލުން އެކުލަވާލަން ޖެހޭ ޕްލޭންތަކާއި އަހަރީ މަސައްކަތު ތާވަލާއި އަހަރީ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު އެކުލަވައިލުމުގައި އަމަލީ ގޮތުން ބައިވެރިވުމެވެ. އަދި ކައުންސިލްގެ މަސްއޫލިއްޔަތުތަކާ ގުޅިގެން އަތޮޅު ކައުންސިލްގެ ރައީސް ހަވާލު ކުރާ އެހެނިހެން މަސައްކަތްތައް ކުރުމެވެ.

އެއްވެސް ސަބަބަކާ ހުރެ ރަށު ކައުންސިލްގެ ރައީސް ނެތް ހާލަތެއްގައި، އޭނާގެ ހުރިހާ ޒިންމާތަކެއް އަދާ ކުރާނީ ކައުންސިލްގެ ނާއިބު ރައީސް ކަމަށް ސާފުކޮށް ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށް، ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް އެންމެ ބޮޑެތި މަސައްކަތްތަކެއް ކުރި، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ވަނީ ބުނެފައެވެ. ނަމަވެސް ރަށު ކައުންސިލްގެ ރައީސް ނެތް ހާލަތެއްގައި، ގާނޫނުން ލިބިދޭ ބާރުގެ ދަށުން ރަށު ކައުންސިލްގެ ނާއިބު ރައީސް އުފުއްލަވާ މަސްއޫލިއްޔަތުގެ ތެރެއިން އަތޮޅު ކައުންސިލުގައި ނާއިބު ރައީސް ބައިވެރި ވުމާމެދު މުހިއްމު ގާނޫނީ ސުވާލުތަކެއް އުފައްދައި، ހުސްވި ހަފުތާއި ބޭއްވި ލާމަރުމަޒީ ކޮމިޓީއަށް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ.

އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ، ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރެވެ.

މައްސަލަ ހުށަހަޅުއްވަމުން ޒާހިރު ވިދާޅުވީ، ކޮންމެ އަތޮޅު ކައުންސިލް ބައްދަލުވުމެއްގައި ބައިވެރި ވުމަކީ ރަށު ކައުންސިލްގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާނެ ކަމަށެވެ. ނަމަވެސް ގައްދޫ ކައުންސިލް ރައީސް ނެތުމުގެ ސަބަބުން ކައުންސިލުގެ ނައިބު ރައީސް، ރައީސްގެ ޒިންމާތައް ނެންގެވި ނަމަވެސް ގާނޫނު އޮތް ގޮތުން އަތޮޅު ކައުންސިލްގައި އެރަށު ރައްޔތުން ތަމްސީލް ކުރުމުގެ ފުރުސަތު ލިބިގެން ނުދާ ކަމަށް ޒާހިރު ވިދާޅުވިއެވެ.

ގދ. ގައްދޫ ކައުންސިލުގެ ރައީސަކަށް އިންތިހާބުވި ގައްދޫ، ވިންސެންޓް/ މުހައްމަދު އަހުމަދު (އެމްޑީ) ހުރީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޖަލުގައި ބަންދު ކޮށްފައެވެ.

އެކަމާ ގުޅިގެން އެރަށު ކައުންސިލް ރައީސްގެ ޒިންމާތައް ނަންގަވަމުން ގެންދަވަނީ ނާއިބު ރައީސް ހަދީޖާ އަހުމަދު (ހައްޖަ) އެވެ.

"ގާނޫނުގައި އޮވޭ ރައީސް ނެތް ހާލަތެއްގައި ރައީސްގެ ހުރިހާ ޒިންމާއެއްް ނާއިބު ރައީސް ނަންގަވާ ގޮތަށް، އެގޮތަށް އޮންނައިރު މި ވާގޮތަކީ ކޮންމެ ބައްދަލުވުމަކަށް ނާއިބު ރައީސް އެބަ ދާން ޖެހޭ ދާއިރު ޓްރާންސްޕޯޓް އެލަވަންސެއް އޮވޭ ކޮންމެ ރައީސަކަށް، އެ އެލަވަންސެއް ނާއިބު ރައީސަކަށް ނުލިބޭ. އެހެންވީމާ ނާއިބު ރައީސް ޖީބުން މިހާރު ދައްކަމުން އެދަނީ ދެން އެލްޖީއޭ އިން ކައުންސިލަށް ދީފަ އޮންނަ ޖަވާބުގައި ބުނަނީ ގާނޫނު އޮތްގޮތުން އެކަން ހަމަޖެހިފައެއް ނެތޭ، އެހެންވީމަ އެކަމަށް ހައްލެއް ލިބޭތޯ އެ މައްސަލަ މި ކޮމިޓީއަށް މި ހުށަހެޅީ،،" އަސްލު މައްސަލަ ކޮމިޓީއަށް ހުށަހަޅަމުން ޒާހިރު ވިދާޅުވިއެވެ.

އަސްލު މައްސަލައަކީ ރަށު ކައުންސިލް ރައީސް ނެތް ހާލަތެއްގައި ނާއިބު ރައީސް ކައުުންސިލްގެ ހުރިހާ ޒިންމާއެއް ނަންގަވަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައި އޮތް ނަމަވެސް، ކައުންސިލް ރައީސްގެ ބަދަލުގައި އަތޮޅު ކައުންސިލްގައި ނާއިބު ރައީސަށް ބައިވެރިވެ ވޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާގައި ނެތުމެވެ. ހާއްސަކޮށް އަތޮޅު ކައުންސިލްގެ ބައްދަލުވުންތަކަށް ރަށު ކައުންސިލްގެ ރައީސް ވަޑައިގަންނަވާއިރު ދޭ ދަތުރު ހަރަދާއި ސިޓިން އެލަވަންސް ނާއިބު ރައީސަށް ދޭން ޖެހޭނެ ކަމަށް ވެސް ގާނޫނުގައި ބުނެފައި ނެތްކަން ފާގަކޮށްލެވެއެވެ.

މި މައްސަލައިގައި ކޮމިޓީ މެންބަރުންގެ ހިޔާލުވެސް ހުރީ ތަފާތު ކޮށެވެ.

މަޑަވެލީ ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ވިދާޅުވީ، އަތޮޅު ކައުނުސިލްގައި ހިމެނެން ޖެހޭނީ ރަށު ކައުންސިލްގެ ރައީސް ކަމަށް ގާނޫނުގައި ބުނެފައި ވަނިކޮށް، އެ ބައްދަލުވުމުގައި ނާއިބު ރައީސަށް ބައިވެރިވެވިގެން ނުވާނެ ކަމަށެވެ. އެކަން އެހެން ވަންޏާ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް ފިރުޝާން ވިދާޅުވިއެވެ.

ނަމަވެސް ކޮމިޓީގެ ނާއިބު މުގައްރިރު އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދުގެ ހިޔާލު އެކަމުގައި ތަފާތެވެ. އޭނާ ވިދާޅުވީ، ކައުންސިލް ރައީސްގެ ޒިންމާ ނާއިބު ރައީސަށް ނެގޭނެ ކަމަށް ގާނޫނުގައި ބުނާ ކަމަށް ވަންޏާ، ރައީސަށް ލިބޭ ދަތުރު ހަރަދާއި، އެލަވަންސް ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހަމައެކަނި އެ ޒިންމާ ހަވާލުކޮށްފައި އެއަށް ކަނޑައަޅާފައި އޮންނަ ހަރަދު ނުދިނުމަކީ ގާނޫނީ ގޮތުންވެސް ހަމަޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ގައްދޫ ދާއިރާގެ މެންބަރު ޒާހިރު ވިދާޅުވީ، ގާނޫނު އޮތް ގޮތުން އެ ރަށު ރައްޔިތުން އަތޮޅުކައުންސިލްގައި ތަމްސީލު ކުރެވެމުން ނުދާ ކަމަށެވެ. އެއީ ވަރަށް ބޮޑު މައްސަލައެއް ކަން ފާހަގަ ކުރައްވައި ކޮމިޓީން އެކަމަށް ހައްލެއް ހޯދައި ދިނުމަށް ޒާހިރު އެދިވަޑައިގެންނެވިއެވެ. ޒާހިރު ފާހަގަ ކުރެއްވި ގޮތުގައި އެ މައްސަލަ ކޮމިޓީއަށް ހުށަހަޅަން ޖެހުނީ ވެސް އެ މައްސަލައިގައި ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ދިން ޖަވާބަކާ ގުޅިގެންނެވެ.

"އެލްޖީއޭއިން ބުނަނީ އެލަވަންސްތަކެއް ދޭކަށް ނޯވެއޭ ހަމައެކަނި ޒިންމާތަކެކޭ އޮންނަނީ، މި މައްސަލަ މި ހުށަހެޅީ، މިސާލަކަށް ނާއިބު ރައީސް ރައީސްގެ މެންޑޭޓަކަށް ރާއްޖޭން ބޭރަށް ދަތުރު ކުރަންޏާ ޓްރެވަލް އެލަވަންސް ލިބޭނެ، މައްސަލައަކީ ކޮންމެ ގޮތެއްވިޔަސް ރައީސް އެއޮތީ ޖަލުގައި އެހެންވީމަ ރައީސަށް ބައިވެރި ނުވެވޭ ހާލަތެއްގައި، އެހެންވީމާ ނައިބު ރައީސަށް އަތޮޅުކައުންސިލްގައި ބައިވެރި ނުވެވޭ ކަމަށް ވަންޏާ ގައްދޫ ރައްޔިތުންގެ ވަރަށް ބޮޑު އެއްޗެއް އަތޮޅު ކައުންސިލުން އުނިވެގެން އެދަނީ، އަތޮޅު ކައުންސިލުގައި ގައްދޫ ތަމްސީލެއް ނުކުރެވޭ އެހެންކަމުން އެ ކަމަށް ގޮތެއް ހަމަޖެހެން ޖެހޭ،" ޒާހިރު ވިދާޅުވިއެވެ.

އެންމެ ފަހުން އެ މައްސަލައިގައި، އެ ކޮމިޓީގެ މުގައްރިރު ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ މިއީ ގާނޫނީ މައްސަލައެއް ކަމަށެވެ.

ރަށު ކައުންސިލް ނާއިބު ރައީސްގެ މަސްއޫލުއްޔަތުގެ ތެރޭގައި އަތޮޅު ކައުންސިލްގައި ތަމްސީލު ކުރުން އޮވޭތޯ ބަލަން ޖެހޭ ކަމަށާއި، ދެން އެ މައްސަލަ ކޮމިޓީގައި ކުރިއަށް ގެންދާނީ އެކަމުގައި އެލްޖީއޭގެ ލަފައަކާއި މަޖިލީހުގެ ލީގަލް ލަފައެއް ހޯދުމަށްފަހުގައި ކަމަށްވެސް އަލީ ނިޔާޒު ވިދާޅުވިއެވެ.

މި މައްސަލައާ ބެހޭގޮތުން، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަލް ލަތީފަށް ތަކުރާރު ކޮށް ގުޅުމުންވެސް ފޯނު ނުނަންގަވާތީ އެލްޖީއޭގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އެންމެފަހުން ކަމެއް އޮޅުން ފިލުއްވުމަށް ބޭނުން ނަމަ މެސެޖް ކޮށްލެއްވުމަށް އެސްއެމްއެސްއަކުން އެދިވަޑައިގަތުމާ ގުޅިގެން، އެކަމާ ބެހޭގޮތުން މިމަހުގެ ތިންވަނަ ދުވަހު ކުރި އެސްއެމްއެސް އަށް މިހާތަނަށް ވެސް ޖަވާބެއް ދެއްވައިފައެއް ނުވެއެވެ.

ގައްދޫ ކައުންސިލްގެ ރައީސްގެ މަސްއޫލިއްޔަތުތައް މިހާރު އަދާ ކުރައްވަމުން ގެންދަވާ އެ ކައުންސިލްގެ ނާއިބު ރައީސް ހަދީޖާ އަހުމަދު (ހައްޖަ) ވަން އަށް ވިދާޅުވީ ކައުންސިލް ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރާ މީހެއްގެ ހައިސިއްޔަތުން ފެށުނީއްސުރެން އަތޮޅު ކައުންސިލްގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އަތޮޅުކައުންސިލްގެ ނިންމުން ތަކުގައި ދޭ ވޯޓު ނުގުނާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން އަތޮޅު ކައުންސިލްގައި އެ ރަށު ރައްޔިންގެ ބައިވެރިވުން ނޯންނަ ކަމަށާއި، އެހައްގު ރައްޔިތުންނަށް ގެއްލިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެކަމާ ބެހޭގޮތުން އެލްޖީއޭއިން ރަސްމީ ޖަވާބެއް ދީފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ފެށުނީއްސުރެން އަތޮޅު ކައުންސިލްގެ ބައްދަލުވުން ތަކުގައި ބައިވެރިވަމުން މިދަނީ، އެކަމާ ގުޅިގެން އަތޮޅު ކައުންސިލުން ބުނީ، އެ ކައުންސިލުން ނިންމާ ނިންމުންތަކުގައި އަޅުގަނޑަށް ވޯޓުވެސް ނުލެވޭނެ ކަމަށް، ނަމަވެސް އެދުވަހަކު އޮންނަ ކަމަކާ ގުޅިގެން ބަހުސްގައި ބައިވެރިވެ ވާހަކަ ދެއްކުމަށްފަހު އަޅުގަނޑު ވޯޓު ދެން އެކަމަކު އެ ވޯޓެއް ނުވެސް ގުނާ، އަޅުގަނޑު ދެކެނީ އެއީ އަތޮޅުކައުންސިލްގައި ގައްދޫ ރައްޔިތުންނަށް ބަސް ބުނުމުގެ ހައްގު ނެތީ ކަމަށް، އެހެންވީމަ އެއީ އެ ރައްޔިތުންގެ ގެއްލިގެންދާ ހައްގެއް، ލިބޭ އެއްވެސް އެލަވަންސެއް އެއްވެސް އެއްޗެއް ނޯވޭ، ނަމަވެސް ވޯޓު ލުމުގެ ހައްގުވެސް މިއުޅެނީ ނުލިބިގެން،" ހައްޖަ ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްގައި ތަމްސީލުކުރާ ކައުންސިލް ރައީސުންނަށް، އަތޮޅު ކައުންސިލުން ވަކި މުސާރައެއް ދޭގޮތަށް ގާނޫނަކު ނޯވެއެވެ. ގާނޫނުގައި އޮންނަނީ އަތޮޅު ކައުންސިލްގެ ކޮންމެ ބައްދަލުވުމަކަށް 500 ރުރިފާގެ އެލަވަންސެއް ކަނޑައަޅައިފައެވެ. އެ އެލަވަންސަށްވުރެ ވެސް ބޮޑަށް ހައްޖަގެ ޝަކުވާއަކީ އަތޮޅު ކައުންސިލްގައި ރަށު ރައްޔިތުން ތަންސީލު ނުވެ ދިއުމެވެ.

މި މައްސަލަ މި ވަގުތު ކުރިމަތިވެފައި މި އޮތީ ގައްދޫ ރައްޔިތުންނަށް ނަމަވެސް، ކޮންމެ ރަށަކަށް ވެސް މި ހާލަތު އައުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. މިއީ ގާނޫނީ ގޮތުން އޮތް ބޮޑު ހުސްކަމެކެވެ.