ގާނޫނަށް ގެނައި އިސްލާހާއެކު، އެއާޕޯޓް ސާވިސް ޗާޖުގެ ބަދަލުގައި ރާއްޖޭން ފުރާ މީހުންގެ އަތުން، އަންނަ އަހަރުން ފެށިގެން ޑިޕާޗާ ޓެކްސް ނަގަން ފަށާއިރު، އަންނަ އަހަރުގެ ދަތުރުތަކަށް މިއަހަރުގެ ނޮވެމްބަރު މަހުގެ ފަހުން ނަގާ ޓިކެޓުތަކަށް، އަންނަ އަހަރުން ފެށިގެން، ބޮޑުކުރި ޓެކްސް ދައްކަން ޖެހޭ ގޮތަށް ގަވާއިދުގައި ހިމަނައިފިއެވެ.
ރާއްޖޭގެ އެއާޕޯޓު ތަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަމުން އަންނަ އެއާޕޯޓް ސާވިސް ޗާޖު ނެގުން އަންނަ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް ހުއްޓާލައި އެތާރީހުން ފެށީގެން އާ ޓެކުހެއްގެ ގޮތުގައި ޑިޕާޗާ ޓެކްސް ނަގަން ގާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޖުލައި މަހުގެ ތެރޭގައެވެ.
ޑިޕާޗާ ޓެކްސް ނެގުމުގައި ފްލައިޓުން ދަތުރު ކުރާ ކެޓަގަރީއަށް ބަލައި ޓެކްސް ނަގާ އަދަދަށް ބަދަލު ގެނެސްފައިވެ އެވެ. އެބަދަލުގައި އިކޮނޮމިކް ކްލާހުގައި ދަތުރު ކުރާ ދިވެހީންގެ އަތުން މިހާރުވެސް ނަގަމުން އަންނަ އެއާޕޯޓް ސާވިސް ޗާޖާ އެއްވަރަށް ޑިޕާޗާ ޓެކްސް ނަގަން ހިމަނާފައިވީ ނަމަވެސް އެހެން ބައިތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން އިކޮނޮމިކް ކުލާހުގައި ދަތުރު ކުރާ ދިވެހިން އަތުން 12 ޑޮލަރު، ބިދޭސީންގެ އަތުން 30 ޑޮލަރު، އަދި ބިޒްނަސް ކްލާހުން ދަތުރު ކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު އަދި ފަސްޓް ކުލާހުން ދަތުރު ކުރާ މީހުންގެ އަތުން 90 ޑޮލަރު ނެގުމަށް ނިންމާފައިވާ އިރު، ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 120 ޑޮލަރުން ނެގުމަށް ގާނޫނުގައި ވަނީ ހިމަނައިފައެވެ.
ނަމަވެސް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދީން، ޑިޕާޗާ ޓެކްސް ނެގުމުން އިސްތިސްނާ ވާނެ ކަމަށް ބުނެފައިވެ އެވެ.
މިހާރު ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމަށްވެސް ބައެއް ބަދަލުތައް ގެނައުމަށް ވަނީ ހިމަނައިފައެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީ މިހާރު ނަގަމުން އަންނަނީ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރެވެ. ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ޑިޕާޗާ ޓެކުހާ އެއްގޮތަށް އަދަދުތަކަށް ބަދަލު ގެނައުމަށް ގާނޫނުގައި ވަނީ ހިމަނައިފައެވެ.
އެގޮތުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަމުން ގެންދާނީ އިކޮނޮމިކް ކުލާހުގައި ދަތުރު ކުރާ ދިވެހީން އަތުން 12 ޑޮލަރު، ބިދޭސީންގެ އަތުން 30 ޑޮލަރެވެ. ބިޒްނަސް ކުލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ނަގަން ނިންމާފައިވާ އިރު، ފަސްޓް ކުލާހުން ދަތުރުކުރާ މީހުންގެ އަތުން ނަގާނީ 90 ޑޮލަރެވެ. އަދި ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 120 ޑޮލަރުގެ ނެގުމަށް ވަނީ ހިމަނައިފައެވެ.
ނަމަވެސް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން "ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމާބެހޭ ގަވާއިދު" އަށް ގެނަސްފައިވާ އިސްލާހުގައި ބުނެފައި ވަނީ، 1 ޖެނުއަރީ 2022 އިން ފެށިގެން ދަތުރުކުރަން މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ނަގާ ޓިކެޓުތަކުން ނަގާނީ ބޮޑުކުރި ޓެކްސް ކަމަށެެވެ. އަދި ދަތުރުކުރާ ކްލާސް އަޕްގްރޭޑުކުރާ ފަސިންޖަރުން ވެސް ގާނޫނަށް ގެނެސްގައިވާ އިސްލާހާ އެއްގޮތަށް ކުލާސް ބަދަލުކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ދަތުރުކުރާ ކްލާސް ޑައުންގްރޭޑުކުރާ ފަސިންޖަރުންގެ އަތުން އެ ކުލާހަކަށް ބިނާކޮށް ޓެކުހުގެ އަދަދު ބަދަލު ކުރަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ވާ ގޮތުން ލޯޔަލިޓީ ޕްރޮގްރާމުތަކުން ލިބޭ ޕޮއިންޓް ރިޑީމްކޮށްގެން ކްލާސް އަޕްގްރޭޑު ކުރާ ނަމަ ބޮޑު ޓެކްސް ދައްކާކަށް ނުޖެހޭނެ އެވެ.
އެއާޕޯޓް ޓެކުސް
އެއާޕޯޓް ޓެކުސް
އެއާޕޯޓް ޓެކުސް