މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ސެޕްޓެމްބަރު މަހު އާމްދަނީގެ ގޮތުގައި 2.69 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މީރާ އިން އިއްޔެ އާންމުކޮށްފައިވާ ސެޕްޓެމްބަރު މަހުގެ ޓެކުހާ ގުޅޭ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހު 2.69 (ގާތްގަނޑަކަށް 2.7) ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އޭގެ ތެރޭގައި ޑޮލަރުން ލިބުނު އާމްދަނީ 126.81 މިލިއަނަށް އަރަ އެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 10.7 ޕަސެންޓް ދަށް އަދަދެކެވެ. ނަމަވެސް މި އަހަރުގެ ސެޕްޓެމްބަރު މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީއަށްވުރެ 12.7 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން ހާމަކުރި ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައި ބަލާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު ޖެނެރަލް ޖީއެސްޓީން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

އަންދާޒާކުރި ވަރަށްވުރެ އާމްދަނީ އިތުރުވީ އަންދާޒާ ކުރި ވަރަށްވުރެ ފަތުރުވެރިންގެ އަދަދު 18 ޕަސެންޓް އިތުރުވެ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީން ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

އަދި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގެ ކުލީގެ ތެރެއިން ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތް އިތުރުވުމާއި ސެޕްޓެމްބަރު މަހުގެ ސުންގަޑީގެ ކުރިން ގަވާއިދުން ދައްކަން ޖެހޭ ފައިސާ ދެއްކުމަކީ ވެސް އާމްދަނީ އިތުރުވި ކަންކަމެވެ.

މީރާއަށް މި އަހަރުގެ ސެޕްޓެމްބަރު މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީއެވެ. އެ ގޮތުން ޖީއެސްޓީގެ ގޮތުގައި 1.25 ބިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ ޖުމްލަ އާމްދަނީގެ 46.8 ޕަސެންޓެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ބިމު ކުލިންނެވެ. އެއީ 15.8 ޕަސެންޓް ނުވަތަ 424 މިލިއަން ރުފިޔާއެވެ.

އިންކަމް ޓެކްސްގެ ގޮތުގައި 213 މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 202 މިލިއަން ރުފިޔާ މިދިޔަ ސެޕްޓެމްބަރު މަހު މީރާއަށް ލިބިފައިވެއެވެ.

މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 177 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި 173 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 126.81 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓީޖީއެސްޓީންނެވެ. އެއީ ޖުމްލަ އާމްދަނީގެ 40.6 ޕަސެންޓެވެ. އަދި އެއީ 52 މިލިއަން ޑޮލަރެވެ.