އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުން އިތުރުވެ، 3.3 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް"ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު އިތުރު އަދަދެކެވެ.

އެގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ޑިޕާޗާ ޓެކުހުގެ ގޮތުގައި 1.64 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު 1.54 ބިލިޔަން ރުފިޔާއާ އަޅައި ބަލާއިރު 6.4 ޕަސެންޓްގެ އިތުރުވުމެކެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. އެގޮތުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.68 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.56 ބިލިޔަން ރުފިޔާއެވެ. މިއީ 7.6 އިތުރު އަދަދެއް ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

މިއާއެކު، މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓް ޑިވެލޮޕްމަންޓް ޕީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 3.32 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 3.11 ބިލިޔަން ރުފިޔާއެވެ.

ޑިޕާޗާ ޓެކްސް ނަގަން ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ. މި ފީ ނަގަން ފަށާފައިވަނީ 2017ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.