މި އަހަރުގެ މިހާތަނަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 871 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 30 ޕަސަންޓުގެ އިތުރުވުމެކެވެ.

ޑިޕާޗަރ ޓެކުހުގެ ގޮތުގައި ފުރަތަމަ ތިން މަސްދުވަހު ލިބިފައިވަނީ 563 މިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 435 މިލިޔަން ރުފިޔާއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ފުރަތަމަ ތިން މަސްދުވަހު ލިބިފައިވަނީ 573 މިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 437 މިލިޔަން ރުފިޔާއެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 1 މެއި 2017 އިން ފެށިގެން ނަގާ ފީއެކެވެ.