ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުގައި ޔުވެންޓަސް އިން އެންމެފަހުގެ ޗެމްޕިއަން ޗެލްސީ ބަލިކޮށްފިއެވެ.
ޔުވެންޓަސްއިން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޗެލްސީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު، ދެވަނަ ހާފްގެ 10 ވަނަ ސިކުންތުގައި ފެޑަރީކޯ ޗިއޭސާ ޖަހައިދިންއިރު، ޗެލްސީން އަވޭގައި ބަލިވެފައި ވަނީ ދެ ސީޒަންގެ ތެރޭގައި ފުރަތަމަ ފަހަރަށެވެ. މިދިޔަ ސީޒަނުގައި ޗެލްސީން ޔޫރަޕުގެ ޗެމްޕިއަންކަން ހޯދީ އަވޭގައި ބަލި ނުވެ އެވެ.
ރޭގެ މެޗު، ޗެލްސީގެ އެންގޯލޯ ކަންޓޭއާއި މޭސަން މައުންޓު އަދި ރީސް ޖޭމްއަށް ގެއްލިފައިވާއިރު، ކަންޓޭއަށް މެޗު ގެއްލުނީ ކޮވިޑް 19 ޖެހިގެންނެވެ. އަނެއް ދެކުޅުންތެރިން މެޗުގައި ކުޅެފައި ނުވަނީ އަނިޔާގެ ސަބަބުންނެވެ. އަނެއްކޮޅުން ޕައުލޯ ޑީބާލާ އާއި، އަލްވާރޯ މޮރާޓާވެސް ރޭ ޔުވެންޓަސް ޓީމުން ފެނިފައެއް ނުވެ އެވެ. އެ ދެ ކުޅުންތެރިން ވެސް ތިބީ އަނިޔާގަ އެވެ.
ރޭގެ މެޗު ފެށިގެން ރަނގަޅު ފޯމެއްގައި ޕާސްތައް ޖަހައިގެން ކުޅުނީ ޗެލްސީންނެވެ. އެޓީމުން ޕާސްތައް ޖަހައި ކުޅުނު ނަމަވެސް އެޓޭކިންގައި ފެނުނީ ދަށް ކޮށެވެ. ކުރިއަށް ދިން ބޯޅަތައް މަދުކޮށް ފެނުނުއިރު، ޔުވެންޓަސްއިން ވަނީ އިޓަލީގެ ސްޓައިލުގައި ޑިފެންސް އަތުރާލައިފަ އެވެ. ވަރަށް ބޮޑަށް ފަހަތަށް ޖެހި، ކައުންޓާ އެޓޭކުގައި ޗެލްސީއަށް ނުރައްކާ ކުރަން ޔުވެންޓަސް އިން ވިސްނައިގެން ކުޅެފައިވެ އެވެ. އެޓީމުން ވަނީ ފުރަތަމަ ހާފުގައި އެފަދަ ހަލުވި ހަމަލާ ތަކުގައި ޗެލްސީ އަށް ނުރައްކާވެސް ކޮށްފަ އެވެ.
ފުރަތަމަ ހާފްގައި ޗިއޭސާ އާއި ބާނަޑޭސްކީ ފޮނުވާލި ހަމަލާތައް ޗެލްސީ ގޯލަށް އަމާޒު ނުވި ނަމަވެސް އެ ހަމަލާތައް ފެނުނީ ނުރައްކާތެރި ކޮށެވެ. ދެވަނަ ހާފަށް ނުކުމެ ޗެލްސީއަށް ރަނގަޅަށް މެޗަށް ފޯކަސް ނުކުރެވެނީސް ޗިއޭސާ ވަނީ ޔުވެންޓަސް އަށް ލީޑު ނަގައިދީފައެވެ. އެ ގޯލާއެކު ޗެލްސީން ޕޮއިންޓަކަށް ގިނަ މަސައްކަތް ކޮށް، ޔުވެންޓަސްގެ ފަހަތަށް އުނދަގޫތަކެއްވެސް ކުރިމަތި ކުރުވިއެވެ. ލުކާކޫ އާއި ކައި ހަވާޓްސްގެ ނުރައްކާތެރި ހަމަލާތައް ގޯލާ އަމާޒު ނުވެ ދިޔައިރު، ޗެލްސީން މެޗު ނިންމާލީ ހުސް އަތާ އެވެ.
ޗެލްސީއާއި ޔުވެންޓަސް ހިމެނޭ ގްރޫޕް އެޗްގައި ރޭ ޒެނިތުން ވަނީ މޮލްމޯ އެފްސީ 4-0 އިން ބަލިކޮށްފައެވެ. މިވަގުތު އެއްވަނައިގައި ޔުވެންޓަސް އޮތްއިރު، ގްރޫޕުގެ ދެވަނައިގައި އޮތީ ޗެލްސީ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު