ސްކޫލު ކުއްޖަކު ބުރަކަށިމައްޗަށް ލައިގެން އަންހެނަކު ހުޅުމާލޭގެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ ފްލެޓަށްދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނިކޮށް، އެ އާއިލާއަށް އާންމުންގެ ޖަމިއްޔާ (ކޮތަރުކޮށި) ޓެކްސީ ދަތުރުތައް ހަމަޖައްސައިދީފިއެވެ.

އާންމުންގެ އެކުވެރި ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު (މިދޫ) މިރޭ "ވަން" އަށް ބުނީ ބުރަކަށިމަތީގައި ދަރިފުޅު އުފުލި މަންމައާ އެ ޖަމިއްޔާގެ ފަރާތުން ވާހަކަ ދައްކާފައިވާ ކަމަށާއި އެންމެ ދެރަވީ، އެ ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަން އެނގުމުން ކަމަށެވެ.

މިދޫ ބުނީ ފޭސް ދޭކަށް ބަހުގެ ހިދުމަތް ފެށެންދެން އެ އާއިލާއަށް އެ ޖަމިއްޔާގެ ފަރާތުން ޓެކްސީ ދަތުރުތައް ހަމަޖައްސައިދީފައިވާ ކަމަށެވެ. އެގޮތުން ސްކޫލަށްދާ ގަޑިއަށާއި ސްކޫލް ނިމިގެން ގެއަށް އަންނަ ވަގުތަށް ޓެކްސީ ހަމަޖައްސައިދީފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މިދޫ ބުނީ، އާންމުންގެ އެކުވެރި ޖަމިއްޔާއިން ހަމަޖައްސާދީފައި ވަނީ ހިޔާ ފްލެޓްތަކުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ބަސް ސްޓޮޕަށް ދިއުމުގެ ހަރަދު ކަމަށެވެ.

"އެކުއްޖާގެ މަންމަ އެބަ ބުނޭ ގާތްގަނޑަކަށް 40 ނުވަތަ 50 މިނެޓް އެބަ ހޭދަވާ ކަމަށް ބަސް ސްޓޮޕާ ހަމައަށްދާން. އެހެންވެ، އަޅުގަނޑުމެން މި ހަމަޖައްސާދިނީ ބަސް ސްޓޮޕާ ހަމައަށް ދިއުމަށް ޓެކްސީގެ ހަރަދު" މިދޫ ބުންޏެވެ.

މިދޫ ބުނީ، އާންމުންގެ އެކުވެރި ޖަމިއްޔާއިން އެދެނީ ހިޔާ ފްލްޓްތަކަށް ބަސް ދަތުރުތައް ބޭއްވުން ކަމަށެވެ.

އަންހެން މީހާގެ ދެ ދަރިން ތިބޭ އިރު، އޭނާގެ ބުރަކަށިމަތީގައި އުފުލީ ހަ އަހަރުގެ ފިރިހެން ކުއްޖާއެވެ. ދެން ހުންނަނީ 11 އަހަރުގެ ފިރިހެން ކުއްޖެކެވެ. ހަގުކުއްޖާ ގަލޮޅު މަދަރުސާގައި ތައުލީމު ހާސިލުކުރާއިރު 11 އަހަރުގެ ކުއްޖާ ތައުލީމު ހާސިލުކުރަނީ މަޖީދިއްޔާ ސްކޫލުގައެވެ.

ފޭސް ދޭކަށް ބަހުގެ ހިދުމަށް އަދިވެސް ފަށާފައިނުވާއިރު، ބަސް ސްޓޮޕްގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފައެވެ.