ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗަށް މިއަދު ޓިކެޓު ވިއްކަން ފެށުމާއެކު، ފޯރީގައި ގިނަ ބަޔަކު ކިއު ޖެހިގެން ޓިކެޓު ނަގަން ފަށައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑު ކައިރީގައި ޓިކެޓު ކިއު ދަމާލާފައިވާއިރު، ގިނަ ބަޔަކު ފެންނަނީ ގައުމީ ޖޯޝުގައި ތިބި ތަނެވެ. ޓީމަށް ހިތްވަރު ދިނުމަށް ތައްޔާރަށް ތިބިކަން ދިވެހީންގެ ފަރާތުން ފެންނައިރު، ކޮވިޑް 19ގެ އުސޫލުތަކުގެ ތެރެއިން ޓިކެޓު ވިއްކަމުން އަންނަނީ އައިޑީކާޑާއި، ކޮވިޑް ވެކްސިން ކާޑަށެވެ. ކޮންމެ މީހަކަށްވެސް އެންމެ ގިނަ ވެގެން ފަސް ޓިކެޓު ވިއްކަން އެފްއޭއެމްއިން ނިންމާފައިވާއިރު، އެ ފަސް ޓިކެޓު ނެގުމަށްވެސް އައިޑީކާޑާއި ކޮވިޑް ވެކްސިން ކާޑު ބޭނުންވާނެއެވެ.
މިމަހުގެ އެއްވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ސްރީލަންކާ އާއި ބަންގްލަދޭޝް ވާދަކުރާއިރު، އެ މެޗުގެ ޓިކެޓް ވިއްކާނީ ނިއު ރޭޑިއަންޓް ސަޕޯޓަރުންގެ ސްޓޭންޑާ ވީ ފަޅީގެ ގޭޓުންނެވެ. ފުރަތަމަ ދުވަހުގެ ރޭ އޮންނަ ރާއްޖެ އާއި ނޭޕާލް ކުޅޭ މެޗުގެ ޓިކެޓު ވިއްކާނީ އޮލިމްޕަސް ކައިރީ ގޭޓުންނެވެ.
މިފަހަރު މެޗުތަކުގެ ޓިކެޓަށް އެފްއޭއެމް އިން ކަނޑައަޅާފައިވާ އަގަކީ ސިޑިބަރިން 75 ރުފިޔާ އަދި ގޮނޑިބަރިން 100 ރުފިޔާއެވެ. މިއަދު 14:00 އިން މިރޭ 23:00 އާ ހަމައަށް ޓިކެޓު ވިއްކުން ކުރިއަށް ގެންދަން އެފްއޭއެމްއިން ނިންމާފައިވާއިރު، މާދަމާ ހެނދުނު 10:00 އިން ހަވީރު 18:00 އަށް ޓިކެޓު ވިއްކުން ކުރިއަށް ދާނެއެވެ. އަދި އޭގެ ފަހުން މާދަމާ ރޭ 20:00 އިން 23:00 އަށް ވެސް ޓިކެޓު ވިއްކުން ކުރިއަށް ދާނެއެވެ.
އެއްވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަކީ ރާއްޖޭގައި އެކަނި ހޯސްޓް ކުރާ ފުރަތަމަ ސާފް ޗެމްޕިއަންޝިޕެވެ. ޓީމުތައް މިހާރު ރާއްޖެ އައިސްފައިވާއިރު، ރާއްޖެއިން ނުކުންނާނީ ތަށި ދިފާއު ކުރުމަށެވެ. މުބާރާތަށް ތައްޔާރުވުމަށް މާލެ އަންނަނީ ފެއްސާއި ރަތާއި ހުދުން ޖަރީވަމުންނެވެ. ސާފްގެ ފޯރި އަންނަނީ ވަރަށް ބޮޑަށް ގަދަވަމުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު