ޚަބަރު

14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

މުހައްމަދު އިޝާން

މީގެ ހަ އަހަރުކުރިން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ސާބިތު ވެ، މީހަކު 10 އަހަރަށް ޖަލަށް ލާން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ހުޅުމީދޫގައި ދިރިއުޅުނު އެކުއްޖާ އަށް ޖިންސީ ގޯނާ ކުރީ، އެ ކުއްޖާގެ ގޭގައި ބޮޑު މީހަކު ނެތުމުން، ގެއަށް އަންނަން އެ ކުއްޖާ ފިރިހެން މީހާއަށް ގުޅާފައި ބުނުމުން، އެ މީހާ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން ރަށެއްގައި ހުރެފައި ފެރީގައި ހުޅުމީދު އަށް ގޮސް، އެ ކުއްޖާގެ ގޭގައި ކަމަށް ވެ އެވެ. އެ މައްސަލައިގެ ތަހުގީގަށް އެ ކުއްޖާ ބުނެފައި ވަނީ، އެ ފރިހެން މީހާއަކީ ލޯބިގެ ގޮތުން ގުލިގެން އުޅޭ މީހާ ކަމަށެވެ. އޭރު ފިރިހެން މީހާގެ އުމުރުން 20 އަަހަރެވެ.

އެ ފިރިހެން މީހާ އެ ގޭގައި ހުރިކަން އެނގިގެން ފުލުހުން ދިޔުމުން ވަނީ ބަދިގޭގެ ސިންކު ދަށަށް ވަދެ ފިލައިފަ އެވެ. އޭނާ އެ ގެއަށް ދިޔައީ އެކުއްޖާ ގުޅައިގެން ކަމަށާއި، އަދި އުޅުނީ ލޯބީގެ ގޮތުން އެކުއްޖާއާ ގުޅިގެން ކަމަށް ފުލުހުން ގާތުގައި ވަނީ ބުނެފަ އެވެ.

އޭނާގެ މައްޗަށް ދައުވާ ކުރީ ކުޑަކުއްޖާ ތަހުގީގަށް ދިން ބަޔާނުގައި ހާމަ ކުރި ކަންކަމުގެ މައްޗަށެވެ. އަދި އެކަމަށް ބާރު ދޭ ހެކި ދައުލަތުން ވަނީ ހެކީގެ ގޮތުގައި ޝަރީއަތަށް ހުށަހަޅައިފަ އެވެ. ފިރިހެން މީހާ އެ ކުއްޖާއާ މެދު ޖިންސީ އަމަލުތައް ހިންގި ކަމަށް އެކުއްޖާ ވެސް ވަނީ ކިޔައިދީފަ އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާ ދައުލަތުން އެމީހާގެ މައްޗަށް ކުރުމުން އޭނާ ވަނީ ޖިންސީ ގޯނާ ނުކުރާ ކަމަށް ބުނެ ކުށަށް އިންކާރު ކޮށްފަ އެވެ. ނަމަވެސް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމުގައި ބުނީ، އެ މައްސަލައިގައި ތަހުގީގުގައި ލިބިފައިވާ ހެކިތަކުން އެ ކުއްޖާ ކިޔައިދީފައިވާ ކަންތައްތައް ހިނގި ކަމަށް ބާރު ލިބޭ ކަމަށެވެ. އެހެންކަމުން، އޭނާގެ މައްޗަށް ކުށް ސާބިތު ވާ ކަމަށް ކަނޑައަޅައި، އޭނާ 10 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ.

މިހާރު އެކުއްޖާއަށް ވަނީ 18 އަހަރު ފުރިފަ އެވެ.