ޚަބަރު

ދީބާޖާ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ފަށައިފި

މުހައްމަދު އިޝާން

ދީބާޖާ އިންވެސްޓްމެންޓަށް ލިބުނު ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ހޯދުމުގެ މައްސަލަ މިއަދު ސުޕްރީމް ކޯޓުގައި ފަށައިފި އެވެ.

މީގެ 11 އަހަރު ކުރިން 2010 ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދޭން ހަވާލުކުރި އެވެ. ނަމަވެސް އެ އެއްބަސްވުމުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލު ކޮށްފަ އެވެ. އެއްބަސްވުން ބާތިލުކުރުމުން ދީބާޖާ އިންވެސްޓްމެންޓުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

ސިވިލް ކޯޓުން ހުކުމް ކުރީ ދީބާޖާ އިންވެސްޓްމެންޓާ އެއްކޮޅަށެވެ. ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ، އެއްބަސްވުން ބާތިލު ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި 348 މިލިއަން ރުފިޔާ ދައުލަތުން ދީބާޖާ އިންވެސްޓްމެންޓަށް ދޭން ޖެހޭ ކަމަށެވެ. އެ ހުކުމް ހައި ކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުން މައްސަލަ ނިންމާފައި ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލު ކުރުމަށެވެ.

ހައި ކޯޓުގެ ހުކުމް ދީބާޖާ އިންވެސްޓްމެންޓުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެ މައްސަލަ ބެލުމަށްފަހު 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ހުކުމް ކުރީ އެއްބަސްވުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓަށް ބަދަލު ލިބިދޭން ޖެހޭ ކަމަށެވެ. ނަމަވެސް ދައުލަތުން އެ ހުކުމް ރިވިއު ކުރުމަށް އަލުން އެ ކޯޓަށް ހުށަހެޅުމުން ފަހުން އެ ކޯޓުން ނިންމާފައި ވަނީ އެ ހުކުމް ބާތިލު ކުރުމަށެވެ.

ސުޕްރީމް ކޯޓުން ހައިކޯޓުގެ ނިންމުން ބާތިލުކޮށްފައިވަނީ އިސްތިއުނާފުގެ މުއްދަތު ހަމަވެފައި ވަނިކޮށް މައްސަލަ ހުށަހެޅުމުން ކަމަށްވާތީ ހައިކޯޓުގެ ނިންމުން ދެމެހެއްޓޭނެ ކަމަށް އެ ކޯޓުން މިދިޔަ އޭޕްރީލް މަހު ކުރި ހުކުމްގައި ބުންޏެވެ. އަދި އެ ނިންމުން އަލުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށެވެ. އެހެންކަމުން ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށްފައިވާ މައްސަލަ ދީބާޖާގެ ފަރާތުން އަނެއްކާ ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ.

މިއީ މި މައްސަލަ ސުޕްރީމް ކޯޓުގައި ބަލާ ތިންވަނަ ފަހަރެވެ. މިއަދު ފެށި އެ މައްސަލައިގެ އަޑުއެހުމުގައި ދީބާޖާ އިންވެސްޓްމެންޓުގެ ފަރާތުން ވަނީ އިސްތިއުނާފީ ހަ ނުކުތާއެއް ހުށަހަޅައިފަ އެވެ. އިސްތިއުނާފީ ނުކުތާތައް ބޮޑަށް ރިއާޔަތްކޮށްފައި ވަނީ، ދައުލަތުން މުއްދަތު ފަހަނައަޅައި ދިޔަފަހުން ހައިކޯޓުގައި ދަށު ކޯޓުގެ ނިންމުން އިސްތިއުނާފު ކޮށްފައި އޮތް އޮތުމާ ގުޅޭ ގޮތުންނެވެެ.

އިސްތިއުނާފީ ނުކުތާތަކުގައި ހައިކޯޓުން އެ މައްސަލަ ބަލައިފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ދީބާޖާ އިންވެސްޓްމެންޓުން ވަނީ ފާހަގަކޮށްފަ އެވެ. ދަށު ކޯޓުގެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ އިސްތިއުނާފު މުއްދަތު ހަމަވެފައި ވަނިކޮށް ކަމަށް ދީބާޖާގެ ވަކީލު މުހައްމަދު ހަލީމް ވިދާޅުވި އެވެ. އެކަން އެހެން ވެފައި ވަނީ އަމިއްލަ ބާރު ނުފޯރާ ކަމެއް މެދުވެރިވެގެންކަން ދައުލަތުން ހައިކޯޓުގައި ސާފުކޮށްދީފައި ނުވާ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ، އިސްތިއުނާފުކުރުމަށް ގާނޫނުގައި ބަޔާން ކޮށްފައިވާ މުއްދަތު ފަހަނަ އަޅައި ދިއުމަށްފަހު މައްސަލަަ އިސްތިއުނާފު ކުރުމުން ހައިކޯޓުގެ ހުކުމަށް ވެސް އަސަރު ކުރާނެ ކަމަށާއި، ދީބާޖާ އިންވެސްޓްމެންޓާއި އާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމަކީ އިދާރީ އެއްބަސްވުމެއް ކަމަށް ހައިކޯޓުން ނިންމާފައި ވަނީ ގޯސްކޮށް ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދީބާޖާ އިންވެސްޓުމެންޓުގެ ފަރާތުން ވަނީ ހުރިހާ އިސްތިއުނާފީ ނުކުތާއެއް ހުށަހަޅައި ނިންމައިލައިފަ އެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުގެ ފަރާތުން ރައްދު ދިނުމެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު މަހާޒު އާލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ. ރިޔާސަތު ބަލަހައްޓަ ވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އެވެ.