ހއ. ފިއްލަދޫއާ ގުޅިފައި އޮންނަ ދައްޕަރު، އެ ރަށުގެ އިހުތިސޯސުން ވަކިކުރި މައްސަލައިގައި، ދައްޕަރު އަލުން ފިއްލަދޫ ކައުންސިލްގެ އިހުތިސޯސްގައި ހިމަނައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި ޓޫރިޒަމް މިނިސްޓަރު އަބުދުﷲ މައުސޫމާއި، އެލްޖީއޭގެ އިތުރުން ފިއްލަދޫ ކައުންސިލް ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ފަރާތްތަކާ ކޮމިޓީން ބައްދަލު ކުރުމަށް ހުށަހެޅުއްވީ، އެ ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.
ޝިފާއު ވިދާޅުވީ، އިގްތިސޯދީ ދެ މަޝްރޫއެއް ދައްޕަރުގައި ހިންގަން ހަމަޖެހިފައިވާ ކަމަށާއި، އޭގެ ތެރޭގައި ޓޫރިޒަމާ ގުޅުން ހުރި މަޝްރޫއެއް ހިމެނޭ ކަމަށެވެ. އެހެންކަމުން އިކޮނޮމިކް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރާ ބައްދަލު ކުރަންޖެހޭ ކަމަށާއި، އެ މައްސަލައިގައި ލާމަރުކަޒީ ގާނޫނުގެ މުހިއްމު އަސާސެއް މުގުރާލެވިގެންދާތީ އެލްޖީއޭއާ ވެސް ބައްދަލު ކުރަން ޖެހޭ ކަމަށެވެ. އަދި އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އޮޅުން ފިލުވުމަށް ފިއްލަދޫ ކައުންސިލާ ކޮމެޓީން ބައްދަލު ކުރަން ޖެހޭ ކަމަށްވެސް ވިދޅުވިއެވެ.
ޝިފާއުގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.
ދައްޕަރަކީ ފިއްލަދޫއާ އެއް ބިމެއްގައި އަދި އެއް ފަޅެއްގައި އޮންނަ ރަށެކެވެ.
ނަމަވެސް 2010 ވަނަ އަހަރު އޭރު އޮތް ރައީސް މުހައްމަދު ނަޝީދުގެ ވެެރިކަމުގައި ފިއްލަދޫގައި މީހުން ދިރި ނޫޅޭ ސަރަހައްދު ވަކިކުރުމަށްފަހު އެއީ ފަޅުރަށެއްގެ ގޮތުގައި ކަނޑައެޅިއެވެ. އެއަށްފަހު މި ސަރުކާރުން ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 18 ގައި ފިއްލަދޫގެ އިހުތިސޯސްގެ ތެރޭގައި ދައްޕަރު ހިމަނައިފަ އެވެ. އެއަށްފަހު ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބަރުގެދަށުން ހުސްވި އޯގަސްޓް މަހު އަނެއްކާވެސް ފިއްލަދޫ އިހްތިސޯސްގެ ދަށުން ދައްޕަރު ވަކި ކުރިއެވެ.
އެކަމާ ގުޅިގެން ފިއްލަދޫ ކައުންސިލާއި އެރަށު ގިނަ ރައްޔިތުން ވަނީ ނުރހުން ފާޅު ކޮށްފައެވެ. އެމީހުން ބުނަނީ އެތަން ވަކި ކުރީ ދައްޕަރުން މަންފާ ލިބޭ ގޮތަށް ކައުންސިލުން އެރަށުގެ ލޭންޑު ޔޫސް ޕްލޭން ހަދަމުން އަންނަނިކޮށް ކަމަށެވެ.
ދައްޕަރުގައި ސެކަންޑް ހޯމް ރެޒިޑެންސް ޕައިލެޓް ޕްރޮޖެކްޓްއެއްގެ ގޮތުގައި އެޕާޓްމެންޓް އަދި ވިލާ ހެދުމަށް ފަހު ދިގު މުއްތަށް އެތަން ކުއްޔަށް ދޫކުރަން ވިސްނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް