ޚަބަރު

ޖާސޫސް ކުރުމާ ގުޅޭގޮތުން ފުލުހުން ހެދި ގަވާއިދުގެ މައްސަލަ މަޖިލީހަށް

މުހައްމަދު އިޝާން

އުޅަނދުތަކާއި ގޭގައި އަދި ފޯނުން މީހުން ދައްކާ ވާހަކަ އަޑުއެހުމާއި ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބަލައި މޮނީޓާ ކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ފުލުހުން ހަދާފައިވާ ގަވައިދުގެ މައްސަލަ ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅައްވައިދެއްވަމުން ސައީދު ވިދާޅުވީ، ތަހުގީގުކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގެ ގާވައިދު ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ބައެއް އަސާސީ ހައްގުތަކާއި މިނިވަންކަމާ ތައާރަޒު ވާ ކަމަށެވެ.

އެ ގަވާއިދުގެ ދަށުން ފަރުދުންގެ ޒާތީ ދިރިއުޅުމުގެ މިނިވަންކަމަށް ހުރަސްއެޅޭތީ އާއި، ފަރުދުންގެ އަމިއްލަ ހުރިހާ ހަރަކާތްތައް ބަލައި ޗެކްކޮށް ފާރަ ލުމާއި، ކެމެރާ އާއި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފާރަ ލުމާއ، އަދި އާޓިފިޝަލް އިންޓެލިޖެންސް ވަސީލަތްތައް ބޭނުން ކޮށްގެން ފަރުދުންގެ މައުލޫމާތުތައް ހޯދައި އެފަދަ ކަންކަމުގައި ބައިވެރިކޮށްގެން ކުށަށް އަރައިގަތުމަށް ފުރުސަތު ލިބޭ ފަދަ ކަންކަން ހިމެނޭތީ، މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ހައްގަށް އަރައިގަތުން ކަމަށް ދެކޭ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ، ގާނޫނު އަސާސީން ލިބިދޭ ހައްގެއް ގާނޫނަކުން ވެސް އަދި ގަވާއިދަކުން ވެސް ނިގުޅައި ނުގަނެވޭނެ ކަމަށެވެ. އަދި ހައްގެއް ނުވަތަ މިނިވަންކަމެއް ނިގުޅައި ގަނެވޭ ގޮތަށް ގާނޫނު މާނަވެސް ނުކުރެވޭނެ ކަމަށެވެ. ތަހުގީގުކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގެ ގަވާއިދު އަލުން މުރާޖައާ ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައި، މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.

ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުން ކުރުމުގެ ގަވާއިދުގައިވާ ގޮތުން ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބެލުމަށް އެ މީހުން ސިއްރުން މޮނީޓާ ކުރުމާއި ގޭގެ އާއި އުޅަނދުތަކުގައި ކެމެރާ އާއި އެހެން ވެސް ވަސީލަތްތައް ހަރުކޮށްގެން އެ މީހުން ދައްކާ ވާހަކަ އަޑުއެހުމާއި ބެލުމުގެ އިތުރުން މުއާސަލާތީ ހުރިހާ ވަސީލަތްތަކެއް ބެލުމުގެ ބާރާއި ކުށް ކުރަނިކޮށް އަތުލައިގަތުމަށް ޓަކައި ސްޓިން އޮޕަރޭޝަން ހިންގުމުގެ ބާރު ވެސް ފުލުހުންނަށް އޮންނާނެ އެވެ. މީގެ އިތުރުން ތުހުމަތެއް ކުރެވޭ މީހަކާ ގުޅުމެއް އުފައްދައިގެން އޭނާއާ ސުވާލުކޮށް، މައުލޫމާތު ހޯދުމާއި އެހެން މީހަކަށް ހެދިގެން މުއާމަލާތު ކުރުން ފަދަ ކަންކަން ކުރެވޭނެ އެވެ.

އެ ބާރުތައް ފުލުހުންނަށް ބޭނުން ކުރެވޭނީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަމާއި ޖިނާއީ ބޮޑެތި ކުށްތަކުގެ މައްސަލަތަކުގައި އެކަންޏެވެ.