ފުލުހުން ތަހުގީގު ކުރުމުގައި ހާއްސަ އުކުޅު ބޭނުންކުރުމުގެ ގަވާއިދު މުރާޖައާ ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅި މައްސަލަ ބޭރު ކޮށްލައިފިއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ސައީދު ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުން ބާރު ލިބިގެން އެކުލަވާލާފައިވާ ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުން ކުރުމުގެ ގަވާއިދު، ގާނޫނު އަސާސީން ރައްޔިތުންނަށް ލިބޭ އަސާސީ ބައެއް ހައްގުތަކާއި މިނިވަން ކަމާ ތައާރަޒުވާ ކަމަށެވެ.
މި ގަވާއިދުގެ ދަަށުން ފަރުދުންގެ ޒާތީ ދިރިއުޅުމުގެ މިނިވަންކަމަށް ހުރަސްއެޅޭތީ އާއި ފަރުދުންގެ އަމިއްލަ ހުރިހާ ހަރަކާތްތައް ބަލައި ޗެކްކޮށް ފާރަ ލުމާއި، ކެމެރާ އާއި އިލެކްޓޯނިކު ވަސީލަތްތައް ބޭނުންކޮށްގެން ފާރަލުމާއި، އަދި އާޓިފިޝަލް އިންޓެލިޖެންސް ވަސީލަތްތައް ބޭނުންކޮށްގެން ފާރަލުމާއި އަދި އާޓިފިޝަލް އިންޓެލިޖެންސް ވަސީލަތްތައް ބޭނުންކޮށްގެން ފަރުދުންގެ މައުލޫމާތުތައް ހޯދައި އެފަދަ ކަންކަމުގައި ބައިވެރިކޮށްގެން ކުށަށް އަރައިގަތުމަށް ފުރުސަތު ލިބޭފަދަ ކަންކަން ހިމޭ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
އެކަންކަމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ހައްގަށް އަރައިގަތުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ގާނޫނުއަސާސީން ލިބިދޭ އެއްވެސް ހައްގެއް ގާނޫނަކުންވިޔަސް އަދި ގަވާއިދަކުންވިޔަސް ނިގުޅައި ނުގަނެވޭނެތީ އާއި ހައްގެއް ނުވަތަ މިނިވަންކަމެއް ނިގުޅައި ގަނެވޭގޮތަށް ގާނޫނުއަސާސީ މާނަވެސް ނުކުރެވޭނެ ކަމަށް ކަނޑައެޅިގެން ބަޔާން ކޮށްފައިވާތީ، ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުން ކުރުމުގެ ގަވާއިދު އަލުން މުރާޖައާ ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާކަމަށް އެ މައްސަލަ ހުށަހަޅުއްވަމުން މެންބަރު ސައީދު ވިދާޅުވިއެވެ.
މި މައްސަލައަށް ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި މައްސަލަ ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެވަގުތު ޖަލްސާގައި ތިއްބެވި 31 މެންބަރުންގެ ތެރެއިން އެންމެ ހަތް މެންބަރުންނެވެ. އެ މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް 22 މެންބަރުން ވޯޓު ދެއްވިއެވެ. މައްސަލައަށް ބަހުސްކުރުމަށް ފާސްކުރަން 15 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.