ސާފް ޗެމްޕިއަންޝިޕްގައި މި މަހު އެއްވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ޓިކެޓު، މިއަދު މެންދުފަހު 02:00 ގައި ގައުމީ ދަނޑުން ވިއްކަން ފަށާނެ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

މިމަހުގެ އެއްވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ސްރީލަންކާ އާއި ބަންގްލަދޭޝް ވާދަކުރާއިރު، އެ މެޗުގެ ޓިކެޓް ވިއްކާނީ ނިއު ރޭޑިއަންޓް ސަޕޯޓަރުންގެ ސްޓޭންޑާ ވީ ފަޅީގެ ގޭޓުންނެވެ. ފުރަތަމަ ދުވަހުގެ ރޭ އޮންނަ ރާއްޖެ އާއި ނޭޕާލް ކުޅޭ މެޗުގެ ޓިކެޓު ވިއްކާނީ އޮލިމްޕަސް ކައިރީ ގޭޓުންނެވެ.

މިފަހަރު މެޗުތަކުގެ ޓިކެޓަށް އެފްއޭއެމް އިން ކަނޑައަޅާފައިވާ އަގަކީ ސިޑިބަރިން 75 ރުފިޔާ އަދި ގޮނޑިބަރިން 100 ރުފިޔާއެވެ. މިއަދު 14:00 އިން މިރޭ 23:00 އާ ހަމައަށް ޓިކެޓު ވިއްކުން ކުރިއަށް ގެންދަން އެފްއޭއެމްއިން ނިންމާފައިވާއިރު، މާދަމާ ހެނދުނު 10:00 އިން ހަވީރު 18:00 އަށް ޓިކެޓު ވިއްކުން ކުރިއަށް ދާނެއެވެ. އަދި އޭގެ ފަހުން މާދަމާ ރޭ 20:00 އިން 23:00 އަށް ވެސް ޓިކެޓު ވިއްކުން ކުރިއަށް ދާނެއެވެ.

އެފްއޭއެމް އިން ބުނެފައިވާ ގޮތުގައި ޓިކެޓު ނެގުމަށް އައިޑީކާޑާއެކު ވެކްސިން ކާޑު ބޭނުންވާނެ އެވެ. އަދި ކޮންމެ މީހަކަށް އެންމެ ގިނަ ވެގެން ފަސް ޓިކެޓް ނެގޭއިރު، އެ ފަސް ޓިކެޓަށް ވެސް އައިޑީކާޑާއި ވެކްސިން ކާޑުތައް ބޭނުންވާނެއެވެ. ޓިކެޓުގައި ހާއްސަ ސަލާމަތީ ފީޗާއެއް ހިމާނާފައިވާ ކަމަށް އެފްއޭއެމް އިން ބުނެފައިވާއިރު، މިފަހަރުގެ މެޗުތަކުގެ ހާފް ޓައިމްގައި އެއްވެސް ސަޕޯޓަރަކަށް ދަނޑުން ނުނިކުމެވޭނެ އެވެ.

"ވަން ޕްލަސް"އަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި، ސަޕޯޓަރުން ވެއްދުމާ ގުޅޭ ގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި ހާލަތުގައި ބޭނުން ކުރާނީ ދަނޑުގެ 50 ނޫނީ 60 ޕަސެންޓުގެ ކެޕޭސިޓީއެއް ކަމަށާއި، ދެ މެޗުގެ ދޭތެރެއިން މުޅި ދަނޑު ސެނެޓައިޒް ކުރުންވެސް ކުރިއަށް ދާނެ ކަމަށެވެ.

"ޖުމުލަ ކެޕޭސިޓީގެ 50-60 ޕަސެންޓް ބޭނުން ކުރެވޭނީ. ފުލް ކެޕޭސިޓީ ބޭނުން ނުކުރެވޭނެ މި ހާލަތުގައި. ބައެއް މީހުންނަށް ދަނޑަށް ނުވަދެވިވެސް ދާނެ ކަމަށް ބެލެވެނީ. ދެން ޓިކެޓު ދޫކުރާނީ ވެކްސިން ކާޑާއެކު. ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އެކަނި ޓިކެޓް ވިއްކޭނީވެސް، އަދި ދަނޑަށް ވަދެވޭނީވެސް. މާސްކް އަޅައި އެފަދަ ކަންކަމަށް އެންމެންވެސް ސަމާލުކަން ދޭން ޖެހޭނެ. ދެން ދެމެޗު ދޭތެރެއިން މުޅި ދަނޑު ސެނެޓައިޒް ކުރެވޭނެ އެއްކޮށް. އެއީ ދުވާލެއްގައި ދެ މެޗު ކުޅޭތީ، ސަޕޯޓަރުންގެ އޭރިއާވެސް ހަމަ އެއްކޮށް ސެނެޓައިޒް ކުރެވޭނެ،" ބައްސާމް ވިދާޅުވިއެވެ.

އެއްވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަކީ ރާއްޖޭގައި އެކަނި ހޯސްޓް ކުރާ ފުރަތަމަ ސާފް ޗެމްޕިއަންޝިޕެވެ. ޓީމުތައް މިހާރު ރާއްޖެ އައިސްފައިވާއިރު، ރާއްޖެއިން ނުކުންނާނީ ތަށި ދިފާއު ކުރުމަށެވެ.