އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހުރި ކަޅު ދަބަހެއް އެމަނިކުފާނު އުފުއްލެވި ކަމަށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ތުހުމަތު ކުރެއްވި ވާހަކައަށް ޖަވާބެއް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުވާ ލިބޭ އަލީ ވަހީދު އިނގިރޭސިވިލާތުގެ ޖަލުން މިނިވަންވުމާއެކު އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިރިއުޅުއްވި ރެހެންދި ފްލެޓަށް ރައީސް ސޯލިހު ވަޑައިގެން ކަޅު ދަބަހެއްގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ ގެންދެވި ކަމަށް ތުހުމަތުކުރައްވައިފައެވެ.

ރައީސް ދަރުމަވަންތަ ހޮސްޕިޓަލް ސަރަހައްދަށް ވަޑަގެންނެވި ވަގުތު އާންމުންގެ ބައެއް މީހުން، އެމަނިކުފާނާ ބައްދަލުކުރައްވައި ސުވާލުކުރައްވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

އެ ވީޑިއޯގައި މީހަކު ވަނީ ރައީސަށް ވަރަށް ގިނަ ތުހުމަތުތައް ކުރެވެމުންދާ ކަމަށް ބުނެފައެވެ. އަދި އެކަމަށް ރައީސް ޖަވާބެއްދެއްވަން އޭނާ އެދުނެވެ.

އެވާހަކަތަކަށް ރައީސް ވިދާޅުވީ "އެއަށް ޖަވާބުދޭނަން" ކަމަށެވެ. އަދި "މިގަޑިއަކު ނޫން ދޯ" ވިދާޅުވެ ރައީސް ކާރަށް އަރައިވަޑައިގަންނަވައެވެ.

އެވަގުތު އެ ސަރަހައްދުގައި ތިބި މީހުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިިވަން ކުރައްވާނީ ކޮން އިރަކުންތޯވެސް ރައީސާ ސުވާލުކޮށްފައެވެ. ނަމަވެސް ރައީސް އެ ސުވާލުތަކަށް ޖަވާބުދެއްވައިފައެއް ނުވެއެވެ.

ރައީސް ސޯލިހު އެމްއެމްޕީއާރުސީގެ ފައިސާ ނެންގެވި ކަމަށް އަލީ ވަހީދު ވިދާޅުވާ ދުވަސްވަރު އެމަނިކުފާނު ހުންނެވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރުގެ ގޮތުގައެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި، ރައީސް ސޯލިހު ކަޅު ދަބަހެއްގައި ފައިސާ ގެންދަވާ ވީޑިއޯގެ ފުޓޭޖު ފުލުސް އޮފީހުގައި ހުންނާނެއެވެ. އަދި އެ މައްސަލަ ތަހުގީގު ކުރެއްވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު، އިސްކޮށް ހުންނަވައި އެމްއެމްޕީއާރުސީ މައްސަލައިގައި ހެކިބަސް ދިން ބައެއް ހެކީންގެ ބަޔާންތަކުން ރައީސް ސޯލިހުގެ ނަންފުޅު އުނިކޮށްފައިވާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.