ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދާއިރާތަކުގެ ތަރައްގީއަށް ހުރަސް އަޅަމުންދާ ކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރައީ ކުރައްވައިފި އެވެ.
މެމްބަރު ރައީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޯލިޝަނަށް ނިސްބަތްވާ މިނިސްޓަރަކު ސަރުކާރުގެ އެންމެ ބާރުގަދަ އޮފީހުގައި ހުރެ، ވަކިވަކި ދާއިރާތަކެއްގެ މަޝްރޫއު ހުއްޓުވަން އެހެން މިނިސްޓަރުންނަށް ގުޅައިގެން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އެގޮތަށް ގުޅައިގެން މަޝްރޫއުތައް ހުއްޓުވައިގެން ދާއިރާތަކުގެ މެންބަރުންނަށް ޖެއްސުން ކުރަން އުޅުމުން އެކަމުގެ ގެއްލުން އެ ދާއިރާތަކުގެ ހުރިހާ ރައްޔިތުންނަށް ލިބޭ ކަމަށް ރައީ ވިދާޅުވި އެވެ.
"ކޯލިޝަން ވަޒީރަކު އެންމެ ބާރުގަދަ އޮފީހުގައި ހުރެމެ، ވަކިވަކި ދާއިރާތަކެއްގެ ކަންކަމުގައި އުނދުޅި ބާނައި އެހެނިހެން ވަޒީރުންނަށް ގުޅައި ކަންކަން ހުއްޓުވުމަށް ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ، ހިތުން ޖެއްސުން ކުރަނީ އެމްޕީންނަށް، ހަގީގަތުގައި ދެރަ ދެވެނީ މުޅި ދާއިރާގެ ރައްޔިތުންނަށް." ރާއީ ވިދާޅުވި އެވެ.
އިމްރާނަށް މެންބަރު ރާއީގެ ނުރުހުން އަމާޒު ވެފައި މިވަނީ ހދ. ނޭކުރެންދޫގައި ޖަލެއް ހެދުމަށް ސަރުކާރުން ވި ވައުދު ނުފުއްދި ލަސްވަމުންދާތީ އެވެ. އިމްރާން ވަނީ ނޭކުރެންދޫގައި ޖަލެއް ހެދުމަށް ވައުދުވެވަޑައިގެންފައ އެވެ.
ޖަލާއި ގުޅޭގޮތުން އިމްރާން މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެ ވަޑައިގަތުމަށް ރާއީ ވަނީ ސެޕްޓެމްބަރު މަހު ހުށަހަޅުއްވައިފަ އެވެ. ރާއީ މަޖިލީހަށް ހުށަހެޅުއްވި މިނިސްޓަރުންނާ ސުވާލުކުރުމުގެ ނޯޓިސްގައި ވިދާޅުވެފައި ވަނީ، 2019 ވަނަ އަހަރުން ފެށިގެން ސަރުކާރުން ނޭކުރެންދޫގައި އަޅަން ނިންމާފައިވާ ކަރެކްޝަނަލް ސެންޓަރު އެޅުމަށް ކުރެވިފައި ހުރި މަސައްކަތަކީ ކޮބައިތޯ މިނިސްޓަރު އިމްރާންގެ އަރިހުން ސާފުކުރަން ކަމަށެވެ. އެކަމާ ގުޅިގެން މަޖިލީހުގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވެފައި ވަނީ، ޖަލެއް ހަދާނެ ކަމަށް ވިދާޅުވެ އެ ޖަލުގެ ކުރެހުން ރައްޔިތުންނަށް ދައްކައި، ކުލަހުވަފެނުގައި ތިން އަހަރު ރައްޔިތުން ގެންގުޅެފައިވާ ކަމަށެވެ. އެގޮތަށް ކުލަހުވަފެނުގައި ރައްޔިތުން އަބަދު ނުގެންގުޅެވޭނެ ކަމަށް ވެސް ރާއީ ވަނީ ވިދާޅުވެފަ އެވެ.
އިމްރާން ދެން ނޭކުރެންދޫއަށް ވަޑައިގަންނަވާއިރު އިސްތިއުފާ އަށް ގޮވައި ރަށުން ބާލާވަރު ނުކުރަނީސް ވެފައިވާ ވައުދު ފުއްދަން ޖެހޭ ކަމަށް ރާއީ ވަނީ އެ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފަ އެވެ.
ނޭކުރެންދޫގައި ޖަލެއް ހެދުމަށް 2020 ވަނަ އަހަރުގެ ބަޖެޓުން ވަނީ 4.17 މިލިއަން ރުފިޔާ ހިމަނާފަ އެވެ. އެ މަޝްރޫއު ކުރިއަށް ނުގެންދެވި މަޑު ޖެހުނީ ކޮވިޑުގެ ސަބަބުންކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު