ފުލުހުން މިހާރު އަމަލުކުރަން ފަށާފައިވާ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ފަސް ސަރަހައްދަކަށް އައްޔަންކުރަންޖެހޭ ކޮމާންޑަރުން މިއަދު އައްޔަންކޮށްފިއެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި، އެ ހިދުމަތް ލާމަރުކަޒީ ކުރުމުގެ ގޮތުން ފުލުހުންގެ ހިދުމަތް އެކުލެވިގެން ވަނީ ފަސް ސަރަހައްދެއްގެ މައްޗަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެ ފަސް ސަރަހައްދަށް ކޮމާންޑަރުން ކަނޑައަޅާނީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަޝްވަރާގެ މަތިން ހޯމް މިނިސްޓަރެވެ. އެ ސަރަހައްދުތަކަށް ކޮމާންޑަރުން ކަނޑައެޅުމަށް ލިބޭނީ ހަ މަސް ދުވަހުގެ މުއްދަތެއް ކަމަށް ގާނޫނުގައިވެއެވެ.

އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ ސަރަހައްދެއްގައިވެސް ރީޖަނަލް ކޮމާންޑެއް ހުންނަންޖެހެއެވެ. އަދި އެ ރީޖަނަލް ކޮމާންޑު ހިންގަން އޮފިސަރެއް ކޮމިޝަނަރު އޮފް ޕޮލިސް އައްޔަންކުރައްވާނެއެވެ. ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކަށްވުރެ ދަށް ނޫން ރޭންކަކުން އައްޔަންކުރާ އެ އޮފިސަރުންގެ ދައުރަކީ ދެ އަހަރު ދުވަހުގެ މުއްދަތެއް ކަމަށްވެސް އެ ގާނޫނުގައި ބުނެއެވެ.

އެ ގާނޫނުގެ ދަށުން ފަސް ސަރަހައްދަށް މިއަދު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ރީޖަނަލް ކޮމާންޑަރުން އައްޔަން ކުރައްވައިފައެވެ.

އަޕާ ނޯތު ޕޮލިސް ރީޖަނަލް ކޮމާންޑަރުގެ މަގާމަށް ކަނޑައަޅުއްވާފައި ވަނީ ޗީފް ސުޕްރިންޑެންޓު އޮފް ޕޮލިސް މުޙައްމަދު ޝިހާމެވެ. ނޯތު ޕޮލިސް ރީޖަނަލް ކޮމާންޑަރަށް އައްޔަންކުރެއްވީ ޗީފް ސުޕްރިންޑެންޓު އޮފް ޕޮލިސް މޫސާ އަލީއެވެ. ނޯތު ސެންޓްރަލް ޕޮލިސް ރީޖަނަލް ކޮމާންޑަރަކަށް އައްޔަންކުރެއްވީ ޗީފް ސުޕްރިންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝާތިހެވެ. ސައުތު ސެންޓްރަލް ޕޮލިސް ރީޖަނަލް ކޮމާންޑަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ޗީފް ސުޕްރިންޑެންޓު އޮފް ޕޮލިސް ޙުސައިން ރަޝީދެވެ. އަދި ސައުތު ރީޖަނަލް ކޮމާންޑަރަކަށް އައްޔަންކުރެއްވީ ޗީފް ސުޕްރިންޑެންޓު އޮފް ޕޮލިސް އަހުމަދު ޝަމީމެވެ.