ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް މިލިއަން ޑޮލަރު އަތުގައި ހުންނާނެ ކަމަށް އަހުމަދު އަދީބު ރައްޔިތުން މަޖިލީހުގެ 45 މެންބަރުންގެ ކުރިމަތީގައި މީގެ ކުރިން ވިދާޅުވެފައި ވާނެކަމަށް ކަމަށް ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ޔާމީންގެ އެންމެ ބޮޑު ބޭނުމަކީ އެ މަނިކުފާނަކީ ރައްޔިތުންގެ ހަޒާނާއަށް ހިޔާނާތްތެރި ނުވާ މީހެއް ކަން ސާބިތުކޮށް ދިނުން ކަމަށެވެ. ސަލީމް ވިދާޅުވީ ޔާމީންގެ ފަރާތުން އެ 45 މެންބަރުން ހެކީގެ ގޮތުގައި ހުށަހެޅި ނަމަ އެ މެންބަރުން ހެކިބަސް ދެއްވާނެ ކަމަށެވެ. އަދި ޔާމީންގެ ފަރާތުން އެ މެންބަރުން ހެކީގެ ގޮތުގައި ހުށަހަޅުއްވައިފައި ނުވާތީ ހައިރާންވާ ކަމަށް ވެސް ސަލީމް ވަނީ ވިދާޅުވެފަ އެވެ.
"އެމަނިކުފާނު ފައިސާއެއްގައި ޖެހިގެންނެއް ނޫން މިއުޅެނީކީ، އެއީ އެމަނިކުފާނުގެ ފައިސާ. އެއީ އެމަނިކުފާނުގެ ފައިސާކަން އޭރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި 45 މެންބަރުންނަށް އެނގޭ، އަޅުގަނޑު ހައިރާންވީ އެ މެންބަރުން ރައީސް ޔާމީންގެ ހެކިންގެ ގޮތުގައި ހުށަ ނޭޅުމުން، ހުރިހާ މެންބަރުން ކުރިމަތީގައި އަދީބު ވިދާޅުވީ ރައީސް ޔާމީންގެ ފަސް މިލިއަން ޑޮލަރު އޭނާ އަތުގައި އެބަހުރި ކަމަށް، ޕާޓީގެ އެކި ކަންކަމަށް ހަރަދުކުރަން، މެންބަރުންނަށް ހަރަދު ކުރަން ހުރި ފައިސާކަމަށް ވިދާޅުވި، އެފަސް މިލިއަން ޑޮލަރުން އެއްމިލިއަން ޑޮލަރު ލިބުނީ" ސަލީމް ވިދާޅުވި އެވެ.
ޔާމީންގެ ފައިސާ އަދީބު އަތުގައި ހުރިކަން އެނގޭނެ ހެކި ޔާމީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް މިހާރު ހުށަހަޅާފަ އެވެ. ނަމަވެސް އެ ހެކިތަކުގެ ތަފުސީލެއް އަދި ހާމައެއް ނުކުރެއެވެ. އެހެކިތައް ސުޕްރީމް ކޯޓަށް ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ އަންނަ ހޯމަ ދުވަހު އެވެ.
ޕީޕީއެމް ލީޑާޝިޕުން ޔާމީންގެ މައުސޫމްކަން ސާބިތުކޮށް ދެއްވުމަށް ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަލީމް ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ. އެ ހުރިހާ މަސައްކަތުން އެނގިގެން ދިޔައީ ޔާމީން ޖަލުން ސަލާމަތް ކުރެވެން ނެތް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ އެކު ކުރި މަޝްވަރާތަކުން އެނގުނީ ޔާމީން ޖަލުން ސަލާމަތް ކުރެވެން އޮތީ ރާއްޖެ އިން ބޭރަށް ވަޑައިގަތުމުން ކަމަށް ސަލީމް ވިދާޅުވި އެވެ.
ރައީސް ސޯލިހު އާއި ނަޝިދާ އެކު ކުރިއަށްދިޔަ އެ ބައްދަލުވުމަށްފަހު އެކަމުގެ މަޝްވަރާ އެރުވުމަށް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ޖަލަށް ވަޑައިގެން ޔާމީނާ ބައްދަލުކުރެއްވި ކަމަށް ސަލީމް ވިދާޅުވި އެވެ. އެކަމުގެ މަޝްވަރާ އެރުވުމުން ރާއްޖެއިން ބޭރަށް ވަޑައި ނުގަންނަވާނެ ކަމަށާއި، އެމަނިކުފާނު ހުންނާނީ ރާއްޖޭގައި ކަމަށް ޔާމީން ވިދާޅުވިކަމަށް ސަލީމް ވަނީ ވިދާޅުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު