ކޯޓުތަކުގައި ކުރިއަށްދާ މައްސަލަތަކުގައި ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް، ދައުލަތުގެ ނިންމުންތައް ބަދަލުކުރައްވަނީ ޑީލް ހެދުމަށްފަހު ކަމަށް ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގައި އެސްއޯއެފްގެ މައްޗަށް ދައުވާނުކުރަން ޕީޖީން ނިންމާފައި ވަނިކޮށެވެ. ނިންމުންތައް ނުވަތަ ދައުލަތުން ދެކޭ ގޮތް އެގޮތަށް ބަދަލުކުރާތީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަޑުއެހުމުގައި ފަނޑިޔާރުން ވެސް ވަނީ އެކަން ފާހަގަކޮށް ސުވާލު އުފައްދަވައިފައެވެ.
އަލީ ވަހީދު މިއަދު ވިދާޅުވީ، ޕީޖީ އޮފީހުން މައްސަލަތަކުގައި ކުއްލިއަކަށް ނިންމުންތައް ބަދަލުކުރާކަން ފަނޑިޔާރުންނަށް ފާހަގަވުމާ ގުޅިގެން އެ ވާހަކަ ފަނޑިޔާރުންނަށް ވިދާޅުވެވެން ހުރި މިންވަރަށް ވިދާޅުވެފައިވާ ކަމަށެވެ.
އިއްޔެ ކުރިއަށްދިޔަ ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލައިގައި ދައުލަތާ ސުވާލުކުރަމުން ފަނޑިޔާރުންގެ ބެންޗުން ވަނީ، ޔާމީންގެ މައްސަލައިގެ ސްޓޭންޑު ނުވަތަ އެ މައްސަލައާ މެދު ދެކޭގޮތް ފަހުން ބަދަލުނުވާނެތޯ ސާފުކުރައްވައިފައެވެ. އެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވެފައިވަނީ ދައުލަތުން މީގެ ކުރިން އެކިއެކި މައްސަލަތަކުގައި ގެންގުޅުނު ސްޓޭންޑު ފަހުން ބަދަލުކޮށްފައިވާ ކަމަަށެވެ. ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެ ވިދާޅުވަނީ މީގެ ކުރިން ކޯޓުތަކުގައި ހިނގި ސިޔާސީ ބައެއް މީހުންގެ މައްސަލަތަކުގައި ދައުލަތުން ސްޓޭންޑު ބަދަލުވި މައްސަލަތަކަށެވެ.
"މި މައްސަލައިގައި މުސްތަގުބަލުގައި އިހުތިމާލު އެބަ އޮތްތޯ ތިޔަ ބޭފުޅުން މިހާރު ތި ނަންގަވާ ސްޓޭންޑް ބަދަލު ކުރެއްވުމުގެ؟, ތިޔަ ބޭފުޅުންގެ ހިސްޓްރީއެއް އޮވޭ ދެއްތޯ ސްޓޭންޑް ބަދަލުވުމުގެ. އެހެންވެ, އަޅުގަނޑުގެ ސުވާލަކީ މި މައްސަލައިގައި އެފަދަ އިހުތިމާލެއް އޮންނާނެތޯ މުސްތަގުބަލުގައި؟" ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވިއެވެ.
ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އެ ސުވާލާ ގުޅުވައި ޝަމީމަށް ފާޑުވިދާޅުވަމުން އަލީ ވަހީދު އިތުރަށް ވިދާޅުވީ ޝަމީމް، އެޓާނީ ޖެނެރަލް ރިޕްއަތު އިބްރާހީމް އަދި ތުޅާދޫ ދާއިރާގެ މަޖިލިސް މެމްބަރު ހިސާން ހުސެއިން އެކުވެގެން ތިބެގެން މިނިވަން އިންސާފުވެރި ޖުޑިޝަރީއެއް ނުލިބޭނެ ކަމަށެވެ.
"ޝަމީމާއި، ރިއްފަތާއި، ހިސާނު އެކުވެ މިނިވަން އިންސާފުވެރި ޖުޑީޝަރީއެއް ލިބޭނެނަމަ، މުޤާބޭއާއި އީޑީ އަމީނާއި ނަޕޯލިއަނާއެކު ޑިމޮކްރަސީވެސް އޮންނާނީ ލިބިފައި،" އަލީ ވަހީދު ވިދާޅުވިއެވެ.
ޝަމީމަކީ މަގާމަށް ނާގާބިލު މީހެއް ކަމަށާއި ޔާމީންގެ ޝަރީއަތުން ޕީޖީގެ ނާގާބިލުކަމާއި ހަދާފައި ހުރި ޑީލުތަކާއި ވަކި މީހަކަށް އަމާޒުކޮށްގެން ކުރާ ދައުވާ (ސިލެކްޓިވް ޖަސްޓިސް، ޕިކް އެންޑް ޗޫސް ޕޮރެސެކިއުޝަން)ތައް ހާމަވާ ކަމަށެވެ. އަދި ވިދާޅުވީ ޝަމީމުގެ އިހުމަލާއި މުޑުދާރުކަމުގެ ޒިންމާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އުފުލާކަށް ނުޖެހޭނެ ކަމަށެވެ. ޔާމީން މިނިވަންކުރަން ގޮވާލައި އަލީ ވަހީދު ވިދާޅުވީ، ތިން އަހަރު ވެގެންދާއިރު ވެސް އެމްއެމްޕީއާރުސީ ހިޔާނާތުގެ ބައި ރުފިޔާވެސް ދައުލަތަށް ހޯދިފައިނުވާ ކަމަށެވެ.
"ސުޕްރީމް ކޯޓަށް ވަދެ ޖިލްބާބު ގަމީހާއި ކޯޓު ފަޓުލޫނާއެކު ތިމަންނަމެން މިތިބީ "ފާސިގުން" ނާއެކު ރައްޔިތުންނަށްޓަކައި ޑީލު ހަދައިގެން ކަމަށް ބުނާ އިރު، މިވެރިކަމަށް ތިން އަހަރުވީ އިރު ތިޔަ ވިދާޅުވާ "މަނީ ޓްރެއިލް" އިން ރައްޔިތުންނަށް ރިކަވާ ކުރެވުނީ ކިތައް ފައިސާތޯ؟ ބައިރުފިޔާވެސް ނުލިބޭ،" އަލީ ވަހީދު ވިދާޅުވިއެވެ.
ފާސިގުން ނޫނީ އަދުލުވެރިކަން ގެއްލިފައިވާ މީހުންނާއެކު ޕީޖީ ނުވަތަ ދައުލަތުން ޑީލު ހަދައިގެން އުޅެނީ، އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ ބައެއް މީހުންގެ ނަންތައް އުނިކޮށް ސައްލަ ލިސްޓު އޮޅުވާލަން ކަމަށް އަލީ ވަހީދު ތުހުމަތުކުރެއްވިއެވެ.
"ފާސިގުންނާއެކު ޕީޖީ ޑީލު ހެދީ އެންމެ ކަމެއްގެ ބޭނުމުގައި. އެއީ ބަޔާންތަކުން ވަކި ބައެއްގެ ނަންތައް އުނިކުރަން. އެމްއެމްޕީއާރުސީގެ ސައްހަ ލިސްޓު އޮޅުވާލަން. ސިޔާސީ ކޮންމެ ރާގޮނޑި ދުއްޔަކަށް ތިޔަ ފައިސާ ހުރީ ވަދެފައި. އުންސުރޭ، ފަންސުރޭ ކިޔާނެ ކަމެއް ނެތް. ޕީޖީ ޝަމީމް ފެއިލްވެއްޖެ،" އޭނާ ވިދާޅުވިއެވެ.
ޝަމީމަށް އަމާޒުކޮށް އަލީ ވަހީދު ގެންދަވަނީ މިފަހުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ގިނަ ތުހުމަތުތަކެއް ކުރައްވަމުންނެވެ. އެގޮތުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި ޝަމީމުގެ ނަން އޮތް ކަމަށް ވެސް އަލީ ވަހީދު ތުހުމަތު ކުރެއްވިއެވެ.