ކުޅުދުއްފުށި ސިޓީގައި މީހަކު ރަހީނުކޮށް، އެމީހާއަށް ބިރުދައްކައި މާރާމާރީ ހިންގި މައްސަލައިގައި ދައުވާ އުފުލާފައިވާ ދެ މީހުން ބަންދުން ދޫކޮށްލަން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު ހައި ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު ކުޅުދުއްފުށީގައި ރަހީނުކޮށް އަނިޔާކުރުމުގެ ސަބަބުން ޒަހަމްވީ، ކުޅުދުއްފުށީ، ރަތްފުސްގޭ، އަހުމަދު އިބްރާހީމަށެވެ.

އޭނާ ރަހީނުކޮށް، ބިރުދައްކައި މާރާމާރީ ހިންގި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ކުޅުދުއްފުށި، މާތުނޑި، މުއާޒް އަލީ އާއި ސެޓްލައިޓް، މުހައްމަދު އާދަމްގެ މައްޗަށެވެ. އެ ދެމީހުންނަށް ކުރަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާއެވެ.

އެ ދެ މީހުންގެ ބަންދު އިތުރުކުރުމަށް މިދިޔަ މަހުގެ ދިހަވަނަ ދުވަހު ކުޅުދުއްފުށީ ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ޝަރުތުތަކަކާ އެކު އެ ދެމީހުން ދޫކޮށްލައިފައެވެ. އަދި އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

މިއަދު ހައި ކޯޓުގައި ބޭއްވި އެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތުގައި ދައުލަތުން ބުނީ އިބްރާހީމް ރަހީނުކޮށްފައި ވަނީ ދުރާލާ ރޭވިގެން، އިތުރު މީހުން ހިމެނޭހެން ޖަމާއަތް ހަދައިގެން ކަމަށެވެ. އަދި އެ އަމަލު ހިންގީ ރޭގަނޑުގެ ވަގުތެއްގައި މޫނު ނިވާކޮށްގެން، ދަގަނޑު ބުރި ފަދަ އާލާތްތައް ހިފައިގެން ގޮސް ޖެހިލުމެއް ނެތި ބައެއްގެ ކުރިމަތީގައި ގަދަކަމުން އޭނާ ކާރަކަށް އަރުވައިގެން މީހުން ނޫޅޭ ހިސާބަކަށް ގެންގޮސް ކަމަށެވެ.

އޭނާއަށް ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު އޭނާ އެތަނަށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ މާރާމާރީގެ ސަބަބުން އިބްރާހީމްގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި ހާއްސަކޮށް ބޮލަށް އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް ދައުލަތުން ބުންޏެވެ.

އެހެންކަމުން މިއީ މުޖުތަމައުގައި ދިރިއުޅޭ ފަރުދުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ބާވަތުގެ ނުރައްކާތެރި ސީރިއަސް މައްސަލައެއްކަމުން މިފަދަ ތުހުމަތުތަކެއް ކުރެވިފައިވާ ބައެއް މުޖުތަމައަށް ދޫކޮށްލެވިއްޖެނަމަ އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ކަމަށް ދައުލަތުން ބުންޏެވެ.

އޭގެ އިތުރުން އަނިޔާ ލިބުނު ފަރާތާއި ހެކިބަސް ދޭން ތިބި ބައެއް ފަރާތްތަކަކީ ތުހުމަތުކުރެވިފައިވާ ފަރާތްތަކާ އެއް މާހައުލެއްގައި އުޅެމުންގެންދާ ފަރާތްތަކެއް ކަމަށާއި އަދި ބައެއް ހެކިވެރިންނަކީ ދަންނަ ގާތް ރަހުމަތްތެރިންނަށްވުމުން ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް ކަމަށް ދެކޭ ކަމަށްވެސް ދައުލަތުން ބުންޏެވެ.

ހައި ކޯޓުން އިއްވި ހުކުމުގައި ވަނީ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެ ދެމީހުންގެ މައްޗަށް ހެކި ހުރި ނަމަވެސް ޝަރުތުތަކަކާ އެކު އެ ދެމީހުން ދޫކޮށްލި އިރު، ކުރިން އޮތް ހާލަތު ބަދަލުވި ގޮތެއް އަދި ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ފަނޑިޔާރު ވާސިލުވި ގޮތެއް ދެ އަމުރުގައިވެސް ބަޔާންކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލުމަށް ނެރެފައިވާ ދެ އަމުރަކީ ގާނޫނާ އެއްގޮތަށް ނެރެފައިވާ ދެ އަމުރުކަމުގައި ބެލިދާނެ ހަރުދަނާ ގާނޫނީ އަސާސެއް އޮތްކަމަކަށް ނުދެކޭ ކަމަށްވެސް ހުކުމުގައިވެއެވެ.

ހުކުމުގައި ވަނީ އެ ދެ މީހުން ބަންދުން ދޫކޮށްލުމަށް ކުޅުދުއްފުށީ ކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނީ އުސޫލުތަކާ ހިލާފު އަމުރެއް ކަމަށެވެ. ނަމަވެސް ދައުލަތުން އެދުނު ގޮތަށް އެ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިނަމަ، ބަންދު މުރާޖާކުރުން ފަދަ ކަންކަމުގައި ގާނޫނީ މައްސަލަތަކެއް އުފަންވެދާނެ ކަމަށް ބެލެވޭތީ، ޝަރީއަތް ނިމެންދެން ހައި ކޯޓަށް އެ ދެމީހުން ބަންދުނުކުރެވޭނެ ކަމަށްވެސް ހުކުމުގައިވެއެވެ.

ހައި ކޯޓުން މިއަދު ވަނީ އެ ދެމީހުން ބަންދު ދޫކޮށްލުމަށް ނެރުނު ދެ އަމުރުވެސް ބާތިލުކޮށްފައެވެ. އަދި އެ ދެމީހުން ބަންދުގައި ބޭތިއްބުމަށް އެދޭނަމަ، މިއަދުން ފެށިގެން ތިން ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން އެ މައްސަލަ ކުޅުދުއްފުށީ ކޯޓަށް ހުށަހަޅައިފިނަމަ، އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.