ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އެސްއޯއެފް އާއި އެއް މިލިއަން ޑޮލަރާ ގުޅޭ ގިނަ ސުވާލުތެއް ދައުލަތަށް އަމާޒު ކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ ހުކުމަށް ހައި ކޯޓުން ތާއިދު ކުރުމުން، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ޔާމީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
ޔާމީންގެ ފަރާތުން އިސްތިއުނާފީ 22 ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެ ހުށަހެޅުންތައް އިއްވައި ނިމުނީ ފަސް އަޑުއެހުމެއްގަ އެވެ. ޔާމީންގެ ފަރާތުން ހުށަހެޅި ހުރިހާ ނުކުތާތަކަށް ދައުލަތުން ވަނީ ޖަވާބު ދީފަ އެވެ. އެ މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. ދެ ފަރާތުން ވާހަކަ ދައްކައި ނިމުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތަށް ގިނަ ސުވާލުތަކެއް އަމާޒު ކޮށްފަ އެވެ.
އެގޮތުން ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ދައުލަތާ އެންމެ ފުރަތަމަ ކުރެއްވި ސުވާލަކީ މީގެ ކުރީގައި މިފަދަ މައްސަލަތައް ނިމިގެން އަންނަ ގޮތަކުން ދައުލަތުގެ ސްޓޭންޑް ބަދަލު ވެފައި އޮތުމުން އެ ކަން އިއާދަ ވެދާނެތޯ އެވެ. އެއީކޮން މައްސަލައެއްކަން ސުވާލުގައި ވިދާޅެއް ނުވެ އެވެ.
އެ ސުވާލުގެ ޖަވާބުގައި ދައުލަތުން ވިދާޅުވީ، ދައުލަތުގެ ސްޓޭންޑް ބަދަލު ކުރުމުގެ އެއްވެސް ފުރުސަތެއް ނުވަތަ އިހުތިމާލެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ، ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ އެހެން ބައެއް މީހުންގެ މައްސަލަތައް ލަސްވުމަކީ ޔާމީން އޭގައި ބައިވެރިވި ކަމަށް ފެންނަ ހެކިތައް ނެތިދާނެ ސަަބަބެއް ނޫން ކަމަށެވެ.
ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ޔާމީންގެ މައްޗަށް ދައުވާ އުފުލީ ތަހުގީގު ފުރިހަމަ ކޮށްފައިތޯ ވެސް ދައުލަތާ ސުވާލު ކުރައްވައިފަ އެވެ. އެއަށް ދައުލަތުން ވިދާޅުވީ ޔާމީން އެ ކަމުގައި ބައިވެރިވި ކަމުގެ އެކަށޭނަ ހެކި ލިބުމުން އެހާ ހިސާބުން ތަހުގީގު ފުރިހަމަ ވާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި ޝަރީއަތް ފެށުނު ފަހުން އާ ހެކިތަކެއް ލިބުމާއި ގުޅިގެން އެ ކަން ފާހަގަ ކުރެއްވި ކަމަށް ދައުލަތުން ވަނީ ވިދާޅުވެފަ އެވެ. އެ ހެކި ހުށަހެޅުމުން ހެކި ބަލައިނުގަންނަން ކްރިމިނަލް ކޯޓުން ނިންމި ކަމަށް ވެސް ދައުލަތުން ވިދާޅުވި އެވެ. އެ ބަލައިނުގަންނަން ކްރިމިނަލް ކޯޓުން ނިންމިޔަސް، ދެން ހުރި ހެކިތަކުން ކުށް ސާބިތު ވާކަން ކަނޑައެޅިކަން ދައުލަތުން ވަނީ ދެ ފަހަރެއްގެ މަތިން ވިދާޅުވެފަ އެވެ. އެހެންކަމުން ފުރިހަމަ ތަހުގީގެއް ކުރެވުނު ކަމަށް ދައުލަތުން ދެކޭ ކަމަށް ދައުލަތުން ވިދާޅުވި އެވެ.
ހިޔާނާތުގެ ފައިސާ މީހުނަށް ބަހަން ބޭނުން ކުރި އެސްއޯއެފްގެ އެކައުންޓުގައި ހުރީ ހަމައެކަނި ހިޔާނާތުގެ ފައިސާތޯ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސުވާލުކުރެއްވި އެވެ. އަދި އެ ކުންފުނީގެ މައްޗަށް ތަހުގީގެއް ހިންގުނުތޯ ވެސް ސާފުކުރަން ދައުލަތާ ސުވާލުކުރެއްވި އެވެ. ދައުލަތުން ވިދާޅުވީ، އެސްއޯއެފްގެ އެކައުންޓަށް 70 މިލިއަން ޑޮލަރު ވަދެފައި ހުރިކަން ފާހަގަ ކުރެވޭއިރު އެމްއެމްޕީއާރުސީގެ ހިޔާނާތަށް ފަހު އެ އެކައުންޓުން ކުރި މުއާމަލާތްތަކަކީ މީގެ ކުރީގައި ހިންގި މުއާމަލާތް ތަކަށް ވުރެ މާ ބޮޑެތި ފައިސާގެ މުއާމަލާތް ކަމަށެވެ. ހިޔާނާތުގެ ތަހުގީގު ފެށިގެން އައި އިރު އެސްއޯއެފްގެ އިސް މީހުން ރާއްޖޭގައި ނެތް ކަމަށާއި އެހެން ވެ އެ ކުންފުނީގެ މައްޗަށް ތަހުގީގު ކުރެވިފައި ނުވާ ކަމަށް ދައުލަތުން ވިދާޅުވި އެވެ.
ދެން ދައުލަތުން ވިދާޅުވީ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް އެސްއޯއެފްގެ ވެރިންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އެހެންކަމުން އެސްއޯއެފް އަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ. އެސްއޯއެފަށް ދައުވާ ނުކުރަން ނިންމިއިރު، ޔާމީންގެ އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރަށް ވުރެ މާ ބޮޑެތި އަދަދުތަކުން ފައިސާ ޖަމާވި ފަރާތްތަކުގެ ތަހުގީގު ނުނިމޭތޯ އާއި އެ ފަރާތްތަކަށް ދައުވާ ނުކުރަން ދައުލަތުން ނިންމާފައި ވޭތޯ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ސުވާލު ކުރެއްވި އެވެ.
ޔާމީން، އަދީބު އަދި ޒިޔާތުގެ ތަހުގީގު އަވަސް ވެގެން ދިޔައީ އެ ފަރާތްތަކުން ފުރުއްވި މަގާމުގެ ގޮތުން ވިޔަފާރި އާއި އިތުރު އާމްދަނީ ހޯދެން ނޯންނާތީ ފައިސާ ތަހުލީލު ކުރަން އަވަސްވެގެން ދިޔުމުގެ ސަބަބުން ކަމަށާއި، އަބަދުވެސް ވިޔަފާރި މުއާމަލާތްތައް ކުރާ ވިޔަފާރިތަކާއި ކުންފުނިތަކާއި ވަކި ފަރުދުންނަށް ލިބިފައިވާ ފައިސާ ތަހުލީލު ކުރުމުގައި ވަގުތުތަކެއް ނަގާނެ ކަން ދައުލަތުން ޖަވާބުގައި ވިދާޅުވި އެވެ.
މީގެ އިތުރުން ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރާ ގުޅޭ ގޮތުން ވެސް ވަނީ ސުވާލުކޮށްފަ އެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެއް މިލިއަން ޑޮލަރާ ގުޅޭ ގޮތުން ކުރެއްވި ސުވާލަކީ، ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ދައުލަތުން ކަނޑައެޅި ގޮތަކާ ގުޅޭ ސުވާލެވެ. އެ ސުވާލުގެ ޖަވާބުގައި ދައުލަތުން ވިދާޅުވީ އެ ގޮތަށް ނިންމި މައިގަނޑު އެއް ސަބަބަކީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ އެސްއޯފް އަށް ޖަމާވުމަށް ފަހު ކުރިން މުއާމަލާތް ނުކުރާ ވަރުގެ ބޮޑެތި ފައިސާތަކުގެ މުއާމަލާތް ޔާމީން ކޮށްފައި ހުރުމުން ކަމަށެވެ.
އޭގެ ފަހުން އެސްއޯއެފް އިން ފައިސާ އިންވެސްޓް ކޮށްފައި ހުރިކަން ވެސް ފާހަގަ ކުރައްވައި ދައުލަތުން އިންވެސްޓް ކުރި ފައިސާއަކީ ދައުލަތުގެ ފައިސާ ކަމުގައި ބެލޭވެނެ ކަމަށް ވެސް ދައުލަތުން ވިދާޅުވި އެވެ. އޭގެ ފަހުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމާއި އެ ފައިސާ ޖަމާކުރި ތާރީހާއި ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތްތައް ހިންގުނު ތާރީހާއި އެ ރަށް ދޫކުރި ތާރީހާއި އެސްއޯއެފްގެ ޗެކް ސްޓޭޓްމަންޓާއި ހުރިހާ ކަމަކަށް ބެލުމުން އެ ފައިސާއަކީ ވޮޑަމުލާ ދޫކޮށްގެން ލިބެން ޖެހޭ ފައިސާ ކަން ދަލާލަތު ކޮށްދޭ ކަމަށް ދައުލަތުން ވިދާޅުވި އެވެ.
ދައުލަތުން އެގޮތަށް ވިދާޅުވުމުން ޔާމީން ވިދާޅުވީ، އަދީބު އަތުގައި ހުރި ޔާމީންގެ ކެމްޕޭން ފައިސާ ދެއްވަން އެދިވަޑައިގަތުމުން ފައިސާ ޖަމާކޮށްދިން ކަމަށެވެ. އަދި އެ ފައިސާއަކީ އެސްއޯއެފް އެކައުންޓުގައި ހުރި ފައިސާކަން ޖަމާކުރިއިރު ވެސް ނޭނގޭ ކަމަށެވެ. އޭރު އެއްވެސް ވަރަކަށް އެސްއޯއެފް ނޫނީ އެމްއެމްޕީއާރްސީގެ ވާހަކަ ނުދެކެވޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
އިތުރަށް ޔާމީން ވިދާޅުވީ، ފައިސާ ޖަމާކޮށްދޭން އެދުމުން އަދީބު އެކަމަށް އާއެނކޭ ވިދާޅުވުމުން އިސްލާމިކް ބޭންކުގައި 2012 ވަނަ އަހަރު ހުޅުވާފައިވާ ޑޮލަރު އެކައުންޓު ނަންބަރު ދެއްވި ކަމަށެވެ. އެކައުންޓަށް ފައިސާ ޖަމާވިތަނާ ދުވަސްކޮޅެއް ފަހުން އޭސީސީގެ ނައިބު ރައީސް މުއަވިއްޒު ރަޝީދު ގުޅުއްވައި އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވި ވާހަކަ ދެންނެވުމުން އެ ފައިސާއަކީ އަދީބު ޖަމާކުރި ފައިސާ ކަމަށް ދެންނެވި ކަމަށް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމުގައި ގޯހެއް އުޅޭނަމަ ވީހާވެސް އަވަހަކަށް އެ މައްސަލައެއް ބަލަން ދެންނެވި ކަމަށާއި، އޭސީސީ އަށް އެކަމާ ގުޅިގެން ހާޒިރު ކުރީ ފައިސާ ޖަމާވިތާ ހަ މަސް ފަހުން ކަމަށެވެ. ފައިސާ ޖަމާވެފައި ވަނީ 2017 ވަނަ އަހަރު ކަމަށާއި އޭސީސީ އަށް ހާޒިރުކުރީ 2018 ވަނަ އަހަރު ކަމަށް ޔާމީން މިއަދުގެ ޝަރީއަތުގައި ވަނީ ވިދާޅުވެފަ އެވެ.
ޔާމީން އިތުރަށް ވިދާޅުވީ އޭސީސީން ހިޔާނާތުގެ ތުހުމަތު އެ މަނިކުފާނުގެ މައްޗަށް ކުރީ، އެކައުންޓަށް ޖަމާވި ފައިސާއަކީ އެސްއޯއެފް އެކައުންޓުން ޖަމާވި ފައިސާ ކަމަށް ކޮންމެވެސް މީހެއް ކައިރީ ބުނުމުން ކަމަށެވެ. އެހެންކަމުން އެ މަނިކުފާނު ހެޔޮނިޔަތުގައި ފައިސާ ޖަމާވި މައްސަލަ ބަލައިދޭން ދެންނެވިޔަސް މުއައްވިޒުގެ ނިޔަތް އޭރު ރަނގަޅު ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން އެގޮތަށް ވިދާޅުވަމުން ފަނޑިޔާރު މަހާޒް އަލީ ވަނީ، ޔާމީނާ ސުވާލު ކުރައްވައިފަ އެވެ. ކުރެއްވި ސުވާލަކީ އޭރު މުއައްވިޒު ގުޅާފައި ފައިސާ ޖަމާވިކަން އެންގިއިރު މުއައްވިޒާ މެދު ޝައްކު ކުރެއްވުނުތޯ އެވެ. ޖަވާބުގައި ޔާމީން ދެެންނެވީ، އެއްވެސް ވަރަކަށް އެކަހަލަ ވިސްނުމެއް ނެތް ކަމަށާއި، އަދި އެކަހަލަ ހިޔާލެއް ވެސް ނެތް ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން ފަނޑިޔާރު މަހާޒް ވިދާޅުވީ ދެން އަޑުއެހުމެއް އޮންނާނީ އަންނަ ހަފުތާގެ ހޯމަ ދުވަހު ކަމަށެވެ. އެ އަޑުއެހުމުގައި ފުރަތަމަ ކަމަކަށް އޮންނާނީ ޔާމީންގެ ފަރާތުން ހުށަހަޅުއްވާ އާ ހެކިތައް ޝަރީއަތަށް ހުށަހެޅުއްވުން ކަމަށެވެ. ދަށު ކޯޓުގެ މަރުހަލާގައި ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައި ނުވާ ބައެއް ހެކިތައް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާއިރު އޭގެ ބައެއް ކަންކަން އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެ ގޮތުން އަދީބުގެ އަތުގައި ޔާމީންގެ ފައިސާ ހުރި ކަން އެނގޭނެ ހެކިތަކާއި ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުއައްވިޒް ރަޝީދުއާ ބައްދަލު ނުވާ ކަން ސާބިތު ކުރަން ވެގެން އަދީބާއި މުއައްވިޒާ ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ޗެޓްލޮގްތައް ހިމެނެ އެވެ.
އެއަށްފަހު އޮންނާނީ ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވާ އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާ އެވެ. ވަގުތު އޮތް ނަމަ، އެއާ މެދު ގޮތެއް ނިންމަވާނެ ކަމަށް ފަނޑިޔާރު މަހާޒް އަލީ ވަނީ ވިދާޅުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު