ޚިޔާނާތް

އެސްޓީއޯ ހުޅުމާލޭ ހޮޓާ ވިއްކާލުމުގައި ތިން މިލިޔަން ޑޮލަރުގެ ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް ކޮމިޓީއަށް

އިބްރާހިމް ޒަކީ

ހުޅުމާލޭގައި އެސްޓީއޯ އިން ތަރައްގީ ކުރަމުން އަންނަ ގިނަ ދުވަސް ވީ، ޓޫރިސްޓް ހޮޓާ ލަންކާގެ ބްރައުންސް ކުންފުންޏަށް ވިއްކާލުމުގައި ތިން މިލިޔަން ޑޮލަރުގެ ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަ ޕްރައިޒަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީން ބަލަން ފަށައިފިއެވެ.

އެސްއޯއީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި، އެ ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، އެ ހޮޓާ ވިއްކާލުމަށް ޓަކައި ބިޑު ހުށަހެޅުމަށް އެޗްޑީސީން ކޮށްފައިވާ އިއުލާނަށް ބިޑު ހުށަހެޅި ކުންފުނިތައް އިވެލުއޭޓް ކުރުމަށް ފަހު އެ ހޮޓާ ސްރީލަންކާގެ ބައުންސް ކުންފުންޏަށް އެވޯޑު ކުރުމުގައި ތިން މިލިޔަން ޑޮލަރުގެ ކޮރަޕްޝަން ގެ ތެރެއިން ތުހުމަތު ކުރެވޭ ތިން މައްސަލަ ބަލައިދިނުމަށް އެދި ހުށަހަޅާފައި ވަނީ، ޖޭ ހޮޓެލް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކަމަށެވެ.

އެ ހުށަހެޅުމާ ގުޅިގެން އެކަމާ ބެހޭ މައުލޫމާތު އެޗްޑީސީން އޮޅުންފިލުވާފައިވާ ކަމަށްވެސް އިލިޔާސް ވިދާޅުވިއެވެ.

އެޗްޑީސީން ލިޔުމުން ކޮމިޓީއަށް ދިން މައުލުމާތު މެންބަރުންނަށް އޮޅުންފިލުއްވައި ދެއްވަމުން އިލިޔާސް ވިދާޅުވީ، އެ ހޮޓާ ހިންގުމުގެ ޝައުގުވެރިކަން ފާޅުކޮށް 8 ޑިސެންބަރު 2020 ގައި ބްރައުންސް އިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅި ކަމަށާއި، އެޗްޑީސީގެ އިންވެސްޓްމެންޓް ޕޮލިސީއާ އެއްގޮތަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް، 17 ޖެނުއަރީ 2021 ގައި ބްރައުންސް އިން ހުށަހެޅި ނަމަވެސް އެޗްޑީސީގެ ޕޮލިސީގައި ބުނާ ފަދައިން އިތުރު ފަރާތަކަށް އެ މަޝްރޫއަށް ކުރިމަތިލުމަށް، ފުރުސަތު ދިނުމުގެ ގޮތުން ދެ ހަފުތާގެ މުއްދަތަކަށް 26 ޖެއުއަރީ 2021 ގައި އެކްސްޕްރެޝަން އޮފް އިންޓްރެސް ހުށަހެޅުމަށް އާއްމުކޮށް ހުޅުވައިލި ކަމަށެވެ.

އެ އިއުލާނާ ގުޅިގެން 9 ފެބްރުއަރީ 2021 ގައި ޖޭ ހޮޓެލްސް އާއި އޭޝިއަން ޑިވެލޮޕްމަންޓުން ޝައުގުވެރިކަން ފާޅުކޮށް، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުން، މަދުވާ ލިޔެކިޔުންތައް ހަމަކުރުމަށް 28 ފެބްރުއަރީ އަށް އެފަރާތްތަކަށް ފުރުސަތު ދިން ކަމަށްވެސް ވިދާޅުވިއެވެ.

އެއަށްފަހު އެޗްޑީސީގެ އިންވެސްޓްމެންޓް ޕޮލިސީގައިވާ ގޮތަށް އެކަމަށް ހޮވިފައިވާ ތިން ޕްރޮޕޯސަލް އެ ކުންފުނީގެ ސްޓްރެޓީޖިކް އިންވެސްޓްމަންޓް ކޮމިޓީން އިވެލުއޭޓް ކުރުމަށްފަހު ބޭނުންވާ އިތުރު ލިޔެކިޔުންތައް 27 އޭޕްރީލްގައި ހުށަހެޅުމަށް އިތުރު ފުރުސަތު ދިން ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ފަހުން އެ ހުށަހެޅުންތައް ކޮމިޓީން އިވެލުއޭޓް ކުރުމަށްފަހު، މެއި މަހުގެ ހަތަރުވަނަ ދުވަހު އެ މަޝްރޫއަށް އެންމެ ގާބިލު ފަރާތަކީ ބްރައުންސް ކަން ކޮމެޓީން ލަފާ ދީފައިވާ ކަމށްވެސް ވިދާޅުވިއެވެ. އެއަށްފަހު ކުންފުނީގެ ބޯޑުގައި އެކަމާމެދު މަޝްވަރާ ކޮށް ތެކްނިކަލް ކޮމިޓީގެ ލަފައާއެކު، އެ ޕްރޮޖެކްޓުގައި ބްރައުންސް އާއެކު ކުރިއަށް ދިއުމަށް މެއި 27 ގައި ނިންމި ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު އެމަޝްރޫއު އޮތް ހިސާބަކީ، ބްރައުންސް ކުންފުނީގެ ކޮންޑިޝަންތައް ފުރިހަމަ ކުރުމަށް 10 އޯގަސްޓުން ފެށިގެން ދިން ތިން މަސްދުވަހުގެ މުއްދަތު، 10 އޮކްޓޫބަރުގައި ހަމަވުމުން ކުންފުނީގެ ބޯޑުގެ ހުއްދަ ލިބިގެން ޖޮއިންޓް ވެންޗާ އެގްރިމެންޓުގައި އެފަރާތާއެކު ސޮއި ކުރުމާ ހިސާބުގައި ކަމަށްވެސް ވިދާޅުވިއެވެ.

އިލިޔާސް ވިދާޅުވީ، އެ ކުންފުނިތަކުގެ ލިޔެކިޔުންތަކަށް ބަލާއިރު، ބްރައުން ކުންފުނީގެ ފައިނޭންޝިނަލް ރިޕޯޓްތައް ސްޓްރޯންގް ކަން ފާހަގަ ކުރެވުނު ނަމަވެސް، ޖޭ ހޮޓެލްގެ ކޭޝްފްލޯ ރިޕޯޓުގައި ރިލައިބިލިޓީއާ ބެހޭ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހިމެނޭ ކަމަށެވެ.