އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

ޝަމްއާންގެ މައްޗަށް ދައުލަތުން ކުރަނީ ފޭރުމުގައި ބައިވެރިވުމުގެ ދެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދެ ދައުވާ އަދި މަނީ ލޯންޑަރިންގެ އެއް ދައުވާއެވެ.

ކުރިމިނަލް ކޯޓުން ވަނީ ޝަމްއާންގެ މައްޗަށް އެ ދައުވާތައް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅައިފައެވެ.

މި މައްސަލަ ބައްލަވާ ގާޒީ ރައުޔުގައި ވިދާޅުވީ ޝަމްއާންގެ މައްޗަށް ދައުވާތައް ސާބިތުކުރުމަށް ހުށަހެޅި ހެކިތަކަށް ރިއާޔަތް ކުރާއިރު ބިދޭސީއެއެއްގެ އަތުން ފޭރިގަތް ކަމާއި އެ ފޭރުމުގައި ޝަމްއާން ބައިވެރިވެފައިވާކަން ސާބިތުވާ ކަމަށެވެ. ގާޒީ ވިދާޅުވީ ހެކިތަކައް ރިއާޔަތް ކުރާއިރު ޝަމްއާން އޭނާގެ ރަސްމީ ހައިސިއްޔަތު ނުނިޔަތެއްގައި ބޭނުންކޮށްފައިވާކަންވެސް ސާބިތުވާ ކަމަށެވެ.

ގާޒީ ވިދާޅުވީ އެ ބިދޭސީ މީހާ އަތުލައިގަތުމުގައި އަދި އެ ބިދޭސީ މީހާ ދޫކޮށްލުމުގައި ޝަމްއާން އަމަލުކޮށްފައިވަނީ ވަކި މީހަކަށް ނާޖައިޒު ފައިދާ ލިބޭ ގޮތަށްކަން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން އެނގޭ ކަމަށެވެ.ބިދޭސީ މީހާގެ އަތުން ފޭރިގަނެގެން، ކުށްކޮށްގެން ހޯދި ފައިސާ ބަލައިގަނެ، އެ ފައިސާ ޝަމްއާން ވަނީ އޭނާގެ އަތުގައި ބަހައްޓާފައިކަންވެސް ހުށަހަޅާފައިވާ ހެކިތަކުން ސާބިތުވާކަމަށް ގާޒީ ވިދާޅުވިއެވެ.

ޝަމްއާން ވަނީ އެއީ ކުށްކޮށްގެން ހޯދި ފައިސާކަން އެނގިހުރެވެސް އެ ފައިސާ ބޭނުންކޮށްފައިކަމަށް ގާޒީ ވިދާޅުވިއެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ އަހަރުގެ މާޗު 23 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ޝަމްއާންގެ ފަރާތުން ބަންދުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް މިދިޔަ އަހަރުގެ މާޗް މަހުގެ 28 ގައި ނިންމި ނަމަވެސް، ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމުން ނިންމީ މައްސަލަ ބަލައިގަތުމަށެވެ. މައްސަލަ ބެލުމަށްފަހު ހައިކޯޓުންވެސް ނިންމީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ.

ޝަމްއާންގެ ފަރާތުން އެ ދެ އަމުރުވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގައި އެ މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 15 ގައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިދިޔަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު ހުކުމްކުރީ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ. ނަަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ދައުލަތުން އެދިގެން ކުރިމިނަލް ކޯޓުންވަނީ ޝަމްއާން ބަންދުން ދޫކޮށްލައިފައެވެ.

ކުރިމިނަލް ކޯޓުގައި މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ހަވަނަ ދުވަހު ބޭއްވި ޝަރީއަތުގައި އިފްތިތާހީ ބަޔާން ހުށަހަޅައި ދެއްވަމުން ދައުލަތުން ވިދާޅުވެފައިވަނީ މި މައްސަލައިގެ ހާދިސީ ހިނގިރޭގެ 11:30 އެހާކަންހާއިރު އިމިގްރޭޝަން ކޮންޓްރޯލާ ބިއުރޯގެ މުވައްޒަފުންތަކެއް، ރިސްކް ޑިޕާޓްމެންޓަށް އެނގުމެެއްނެތި ބިދޭސީއަކު ދިރިއުޅޭ ގެއަށް ގޮސް ރެއިޑު ޖެހި ކަމަށެވެ. ކޮންޓްރޯލާ ބިއުރޯގެ މުވައްޒަފުން އެ ރެއިޑު ޖަހާފައިވަނީ ރިސްކު ޑިޕާޓުމެންޓުގެ ހުއްދަނެތި ކަމަށާއި ނަމަވެސް އެ ރެއިޑު ޖަހާފައިވަނީ ޝަމްއާނަށް އެނގުމުގެ ތެރެއިން ކަމަށާއި އެކަން ދައުލަތުން ސާބިތުކޮށްދޭނެ ކަމަށެވެ.

ރެއިޑުގެ ތެރެއިން އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއެއް ކަމަށްވާ މައިނުއްދީން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓައި އެ ބިދޭސީ މީހާގެ ސްޕޮންސާގެ ނަމުގައި ސައްހަނޫން ލިޔުމެއް އުފައްދައި މައިނުއްދީން އެ ރޭގެ ދަންވަރު ބަންދުން ދޫކޮށްލާފައިވާކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. އަދި މައިނުއްދީން އަތުން 500،000 ރުފިޔާ އަތުލުމަށް ޝަމްއާން، ކޮންޓްރޯލާ ބިއުރޯގެ އެ މުވައްޒަފުންނަށް އެންގިކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. އެ ފައިސާ މައިނުއްދީން އަތުން އަތުލުމަށްފަހު ދެ ދުވަހުގެ ތެރޭގައި ރާއްޖެއިން ފުރައިގެން ނުގޮސްފިނަމަ އިތުރު ދަތިތަކެއް ކުރިމަތިކުރާނެކަމަށް ކޮންޓްރޯލާ ބިއުރޯގެ މުވައްޒަފުން، މައިނުއްދީން ކައިރީގައި ބުނިކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.

ކޮންޓްރޯލާ ބިއުރޯގެ މުވައްޒަފުން، މައިނުއްދީން އަތުން އަތުލާފައިވާ 500،000 ރުފިޔާގެ ތެރެއިން 400،000 ރުފިޔާ ޝަމްއާން ބަލައިގަނެފައިވާ ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. އެ 400،000 ފައިސާގެ ތެރެއިން ބައެއް ފައިސާއިން ޝަމްއާން ވަނީ ދެ ސްޓޫޑެންޓު ލޯނަކަށް ފައިސާ ދައްކައި މަނީ ލޯންޑާކޮށްފައި ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. ޝަމްއާންގެ މައްޗަށް ދައުލަތުން ކުރާ ތިން ދައުވާ ސާބިތުކުރަން 80 ހެއްކެއް ހުށަހަޅާނެ ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.

ދައުލަތުގެ އިފުތިތާހީ ބަޔާނަށް ރައްދު ދެއްވައި ޝަމްއާންގެ ގާނޫނީ ވަކީލު ނޫރުއްސަލާމް ވިދާޅުވެފައިވަނީ ދައުވާގައި ބަޔާންކުރާ ރެއިޑު ހިނގިރޭ ލައްސާން ވަނީ ޝަމްއާނަށް ގުޅައި ބިދޭސީއަކު ވަގު ވިޔަފާރިކުރާކަމުގެ މައުލޫމާތު ލިބިފައިވާކަން އަންގައިފައި ކަމަށެވެ. ނަމަވެސް ޝައްމާން، ލައްސާނަށް އަންގާފައިވަނީ އެ މައުލޫމާތުގެ ސައްހަކަން ބެލުމަށް ކަމަށް ނޫރުއްސަލާމް ވިދާޅުވެފައިވެއެވެ. ޝަމްއާނަށް އެގޮތަށް އެންގި ނަމަވެސް ލައްސާން ވަނީ ރެއިޑުކުރި ގެއަށް ގޮސް ޝަމްއާނަށް ގުޅައިފައި ކަމަށާއި އެ ފޯނު ކޯލުގައި ޝަމްއާން ވަނީ ލައްސާން އެތަނުގައި ހުރީ ކީއްވެގެންތޯ އަހައިފައި ކަމަށެވެ. އަދި ވަނީ އެ ވަގުތު ރެއިޑް ކުރަމުން ދިޔަ ގެއަށް އިމިގްރޭޝަންގެ ރިސްކު ޑިޕާޓްމެންޓް ފޮނުވާފައި ކަމަށެވެ.

ލައްސާން އެތަނަށް ދިޔައީ ޝަމްއާން އަންގައިގެން ނޫން ކަމަށާއި އެއީ ލައްސާން އަމިއްލައަށް އިސް ނަގައިގެން ކުރި ކަމެއް ކަމަށް ނޫރުއްސަލާމް ވިދާޅުވެފައިވެއެވެ. ލައްސާންއަކީ ދައުވާގައި ބަޔާންކުރާ ރެއިޑުގެ ކަންކަން ކުރި ފަރާތްކަމަށް ނޫރުއްސަލާމް ވިދާޅުވެފައިވެއެވެ. އަދި މިހާރު ފުލުހުންނަށް ވަކި ގޮތަކަށް ބަޔާން ދީގެން ދައުލަތުގެ ހެއްކަކަށް ވެގެން ހުރި ފަރާތެއް ކަމަށް ނޫރުއްސަލާމް ވިދާޅުވެފައިވެއެވެ. ހުރިހާ ކަމެއްގައި އަމަލީ ގޮތުން ބައިވެރިވީ ލައްސާން ކަމަށް ނޫރުއްސަލާމް ވިދާޅުވެފައިވެއެވެ.

ފުލުހުން ޝަމްއާންގެ ގެ ބަލައިފާސްކޮށް ހޯދި ފައިސާއަކީ ކިހިނެއް ހޯދި ފައިސާކަން ތަހުގީގަށް ކިޔައިދީފައިވާނެ ކަމަށެވެ. އަދި ގެއިން ފެނުނު ޑޮލަރަކީ ޝަމްއާންގެ ދެމަފިރިން ރާއްޖެއިން ބޭރަށް ބޭސްފަރުވާގެ ދަތުރަކަށް ދާތީ ހުރި ޑޮލަރު ކަމަށް ނޫރުއްސަލާމް ވިދާޅުވެފައިވެއެވެ. ޝަމްއާން، ސްޓޫޑެންޓް ލޯނަށް ފައިސާ ދެއްކި ގޮތްވެސް ތަހުގީގަށް ކިޔައިދީފައިވާނެ ކަމަށާއި އެއީ ސައްހަ ގޮތުގައި ހޯދި ފައިސާތަކެއްކަން ތަހުގީގަށް ކިޔައިދީފައިވާނެ ކަމަށެވެ.

ދައުލަތުން ވިދާޅުވާ ގޮތުގައި ރެއިޑުގެ ކަންކަމުގައި އުޅުނީ އެހެން ބައެއް ކަމަށާއި އެ މީހުން ޝަރީއަތުން ނުފެންނަކަމަށް ނޫރުއްސަލާމް ވިދާޅުވެފައިވެއެވެ. ހެކިންނަށް ނުފޫޒު ފޯރުވަފާނެކަމަށް ބުނެ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި އިރު، އެ ހެކިން ޝަމްއާންއާއެކު ބަންދުގައި އެފަހުން ތިބިކަން ނޫރުއްސަލާމް ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ނޫސް ބަޔާނުންނާއި ޕްރެސް ކޮންފަރެންސްތައް ބާއްވައިގެން ޝަމްއާންގެ އަބުރު ނަގާލިއިރު އޭނާ ހުރީ ދިފާއުގައި ބަހެއް ވިދާޅުވެވޭނެ ތަނެއްގައި ނޫން ކަމަށް ނޫރުއްސަލާމް ވިދާޅުވެފައިވެއެވެ.

މިދިޔަ އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުގެ ރޭ ޝަމްއާން ހައްޔަރުކުރުމަށްފަހު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. މައްސަލައާ ގުޅިގެން އެ ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި ހަމަ އެ ރޭ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ "އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ މިރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި،" ކަމަށެވެ.

އެފަހުން ފުލުހުން ހަމަ އެ ރޭ ނެރުނު އިތުރު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ހިންގާ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި ޑިޓެއިންކުރުމުގެ ޒިންމާ އާއްމުކޮށް އާދަކުރަމުންދާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމެންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ބިދޭސީން ދިރިއުޅެމުންދާ ތަން ބަލައިފާސްކޮށް ހަދައިފައިވާކަން އެނގިފައިވާ ކަަމަށެވެ.

"އެ ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ގެންގޮސްފައިވެއެވެ. އަދި އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާކަން ތަހުގީގަށް އެނގިފައިވެއެވެ..،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

"މީގެ އިތުރުން، އިސްވެ ދެންނެވުނު ގެ ބަލައި ފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަނުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތަކެއް ހޯދައި އެ ފައިސާތައް ހިފައިގެން، 2025 މާޗު 21 ވަނަ ދުވަހާ ހަމައަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމު އަދާކުރަމުން ދިޔަ މުހައްމަދު ޝަމްއާން ވަހީދު ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ވެސް ތަހުގީގަށް އެނގިފައިވެއެވެ..،"

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަސް މީހުން ހުއްޓުވައި ބަލައިފާސްކޮށް އެ މީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ޝަމްއާން ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމަށް ދަށަށް ގެންގޮސްފައިވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި މިހާރު ވަނީ ހުކުމްކޮށްފައެވެ.