މިވެރިކަން އޮއްވައި ބޮމެއް ގޮއްވާލައި ކުރީގެ ރައީސް މުހައްމަދު ނަޝީދު "ތޮރުފާލުމަކީ" ބޮޑު ކާމިޔާބެއްތޯ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ސުވާލުކުރައްވައިފިއެވެ.

އިންތި މިގޮތަށް ވިދާޅުވެފައި މިވަނީ އިއްޔެ ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބާ ގުޅިގެން ބައެއް ނޫސްތަކުގައި އެމްޑީޕީގެ ވަކި ފެކްޝަނެއް މޮޅުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ހަބަރުތަކާ ގުޅިގެންނެވެ.

އިންތި މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޫސްވެރިކަން އަޅުވެތިވުމުގެ އެއް ވައްތަރަކީ “ވޮލަންޓަރީ އަޅުވެތިވުން" ކަމަށާއި އަދި ކެންޑިޑޭޓުންނަކީ ކޮން ބައެއްކަންވެސް ނޭންގި އެފަދަ ގޮތަކަށް ވަކި ބަޔަކު ރުއްސަން ރިޕޯޓްކުރުމަކީ "ވޮލަންޓްރީ އަޅުވެތި"ވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ވެރިކަން އޮއްވާ ބޮންގޮއްވާލައި ރައީސް ނަޝީދު ތޮރުފާލުމަކީ ވެސް ބޮޑު ކާމިޔާބީއެއްބާ؟" އިންތިގެ ޓްވީޓްގައިވެއެވެ.

މީގެ ކުރިން އިންތި ވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި އެއީ އެއްބާރުގެ ވެރިޔަކު އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށް ވިދާޅުވެފައެވެ. އެ ހާދިސާގައި އެމަނިކުފާނުގެ ފުރާނަފުޅު ކިރިޔާ ސަލާމަތް ވެފައިވާއިރު، ދައުލަތުގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު ފެނިގެންދަނީ މުޅި އުމުރު ދުވަހުވެސް ގައުމަކުން ނުދެކޭ ފަދަ ލޮނު މަޑުކޮށް ސަރުކާރުން ކަންކަން ކުރާތަން ކަމަށް އިންތި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެފަދަ ކަންތައްތައް ކުރާ ފަރާތްތައް ޖެހިލުންވާ ފަދަ ފިޔަވަޅުތަކެއް ސަރުކާރަށް އެޅިފައި ނެތުމުގެ ސަބަބުން އެފަދަ ކަންކަން ކުރާ ފަރާތްތަކަށް ހިތްވަރު ލިބޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދަށް ދިން ހަމަލާއާ އެއްވަރުގެ ސީރިއަސް ފިޔަވަޅުތަކެއް ސަރުކާރުން އަޅަން ޖެހޭ ކަމަށާއި ނަމަވެސް އެވަރުގެ ފިޔަވަޅުތަކެއް އަޅަމުންދާ ކަމުގެ ކުލަވަރު ސަރުކާރުގެ ފަރާތުން ފެންނަމުން ނުދާ ކަމަށްވެސް އިންތި ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ގައުމީ މަޖިލީހުގެ 65 ގޮނޑި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ކެންޑިޑޭޓުންނަށް ލިބިފައިވާ ކަމަށާއި އަދި އިންތިހާބުގެ ގިނަ ދާއިރާތަކަށް ހޮވިފައިވަނީ ރައީސްގެ ކެންޑިޑޭޓުން ކަމަށް އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ނަމަވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ގިނަ ކެންޑިޑޭޓުންތަކެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިހާބުވުމަކީ ރާއްޖެއަށް ލިބުނު ކުރިއެރުމެއް ކަމަށް ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ. އިއްޔެގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިންވެސް ރައީސް ނަޝީދު ފާޅުގައި ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރި ކެނޑިޑޭޓުންނަށެވެ.