ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މުޅި ރާއްޖެއަށް އެލާޓް ނެރެފައިވާއިރު މިއަދު ވެގެން ދިޔައީ ވަރަށް ހިތާމަވެރި ދުވަހަކަށެވެ. އިރު އަރައިގެން އައިއިރު ގަދަ ވަޔާއި ވިއްސާރައާއެކު އެތައް ގަހެއް ބިމާ ހަމަވި އެވެ. ކަނޑުމަތީގެ ހާދިސާތަކުގެ ރިޕޯޓާއެކު މޫސުމާބެހޭ އިދާރާއިން ދިޔައީ އިންޒާރު ދެމުންނެވެ. ސިފައިންނާއި ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކެނޑިނޭޅި އައީ އިންޒާރު ދެމުންނެވެ.

ކުއްލިއަކަށް އަޑު ފެތުރުނީ ސަފާރީއެއް ދިޔަވަމުންދާ ވާހަކަ އެވެ. އެމްއެންޑީއެފަށް މި ހަބަރު ލިބުމާ އެކު ސަފާރީ އޮތް ސަރަހައްދަށް ދަތުރުފެށި އެވެ. އޭގެ އިރުކޮޅެއް ފަހުން އެމްއެންޑީއެފުން ބުނީ ސަފާރީ ދިޔަވެ އަޑިއަށް ގޮސްފައިވާ ކަމަށެވެ. އެ ބޯޓުގައި 17 މީހަކު ތިބި ކަމަށާއި އޭގެ ތެރެއިން ހަ މީހެއްގެ ހާލު ސީރިއަސްވެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

"ވަން"ގެ ނޫސްވެރިން އައިޖީއެމްއެޗަށް ދިޔައިރު މި ހަ މީހުންގެ ތެރެއިން އެކަކު މަރުވެފައިވާ ކަން ޔަގީން ވި އެވެ. އޭރު ގިނަ އަދަދަކަށް ލަންކާ މީހުން އައިޖީއެމްއެޗް އިމަޖެންސީ ދޮރު ކައިރީގައި މަޑުކޮށްގެން ތިއްބެވެ. އެ މީހުންގެ ވާހަކައިން އެނގުނީ ހޮސްޕިޓަލަށް ގެންދިޔަ އެންމެނަކީވެސް މި ސަފާރީން ދަތުރުކުރި ލަންކާ މީހުން ކަމެވެ. އަދި މަރުވީ ވެސް ލަންކާ މީހެއް ކަމެވެ.

އައިޖީއެމްއެޗް އިމަޖެންސީ ރޫމު ހުންނަ ސަރަހައްދުގައި މަޑުކޮށްގެން ތިބި އެންމެންގެ މޫނު މަތީން ހިތާމަ އާއި ކަންބޮޑުވުން ފެނިގެން ދިޔައިރު އެތާ ހުރި އަވަސް ފަރުވާދޭ ކޮޓަރިން ފަހަރަކު މީހަކު ބޭރަށް ނިކުމެ ރޮމުން ދިޔަ އެވެ. އެއްބައެއްގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސް ދުޅަވެފައި ހުރިތަންވެސް ފެނުނެވެ. އެމީހުން ތިބީ ވާހަކަ ދެއްކޭ ފަދަ ހާލަތެއްގައެއް ނޫނެވެ.

ސަފާރީއަށް އެމީހުން އެރީ އާއިލީ، ރަހުމަތްތެރީންގެ އުފާވެރި ދަތުރެއްގެ އުއްމީދުގަ އެވެ. އެހެން ނަމަވެސް ދަތުރު ނިންމާލަން ޖެހުނީ އުއްމީދު ކުރި ގޮތާ ހިލާފަށެވެ. އާއިލާއާއެކު ލިބޭ މިފަދަ މަދު ވަގުތު ކޮޅު މިގޮތަށް ނިމިގެން ދިޔުމުން އެންމެނަށްވެސް ވަނީ ކުއްލި ސިހުމެއް ލިބިފަ އެވެ. ބައެއް މީހުން ބުނަމުން ދިޔައީ މިއީ ހަޔާތުގައި އެ މީހުންނާ ދިމާ ނުވާ ފަދަ ބޮޑު ހާދިސާއެއް ކަމަށެވެ. އެންމެ ބިރުވެރި އަދި އެންމެ ހިތާމަވެރި ހާދިސާ ކަމަށެވެ.

ހުސްވި ހަފުތާ ތެރޭގައި ރާއްޖެ އައި މި ފަތުރުވެރިންނަކީ އަމިއްލަ ކުންފުންޏެއްގެ (ކުންފުނިން އެދިގެން ނަން އުނިކުރެވިފައި) ބެލުމުގެ ދަށުން އައިސް ތިބި ބައެކެވެ.

މި ކުންފުނީގެ އޮފިޝަލަކު އައިޖީއެމްއެޗްގައި ހުރެގެން "ވަން" އަށް މިއަދު ބުނީ ލަންކާގެ ނުވަ ފަތުރުވެރިންނާއެކު އެ މީހުންނާ ހަވާލުވެގެން އެ ކުންފުނީގެ ފަރާތުން ދިވެއްސަކު ވެސް މި ދަތުރުގައި ދިޔަ ކަމަށެވެ.

އޮފިޝަލު ބުނީ ބައެއް މީހުންގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި، ހާދިސާ ހިނގީ މިއަދު ހެދުނު 8:00 އާއި 8:30 އާ ދޭތެރޭ އައި ބާރުގަދަ ކޮޅިގަނޑުގައި ޖެހިގެންނެވެ. ސަފާރީ މެދުން ބިންދައިގެން ގޮސް ދިޔަ ވާން ފެށުމުން އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުނު ކަމަށެވެ. އެހީތެރިކަމަށް އެދުނުތާ މާގިނަ އިރެއް ނުވެ ބޮޑެތި ރާޅާ ޖަހައި އިތުރަށް ދިޔަވެ ސަފާރީ އަޑިއަށް ދާން ފެށި ކަމަށެވެ.

"އެމީހުން ބުނަނީ ސަފާރީގެ މެދަކާ ހިސާބުން ފަޅައިއިގެން ދިޔަ ކަމަށް. ގަދަ ކޮޅިގަނޑުގަ ޖެހިފަ ވަރަށް ކަނޑުގަދަ ވީމަ. ދެން އެހީއަށް އެދުނުތާ މާގިނަ އިރެއް ނުވެ ބޮޑެތި ރާޅާއެކު ދިޔަވާން ފެށި. އޭރު ސަލާމަތްވާން ވެގެން މީހުންތައް އެކި ކޮޅުކޮޅަށް ދުއްވައިގަތް ކަމަށް. ދެން އަޑިއަށް ދާ ވަރަކަށް ސަލާމަތް ވާން އުޅޭނެތާ. އެގޮތަށް ތިއްބާ ފުލުހުން އައީ. އައިސް މީހުން ސަލާމަތް ކުރީ." އޭނާ ވިދާޅުވި އެވެ.

މިހާދިސާގައި މަރުވީ އުމުރުން 41 އަހަރުގެ ލަންކާ މީހެކެވެ. މި ސަފާރީއަށް ދިޔައީވެސް އެއް އާއިލާއަކަށް ނިސްބަތްވާ ނުވަ މީހުން ކަމަށް އޮފިޝަލު ވިދާޅުވި އެވެ. އަދި އެމީހުން ސަފާރީއަށް ދިޔައީ މިދިޔަ ހުކުރު ދުވަހު ކަމަށާއި މި ހާދިސާ ހިނގީ ދަތުރު ނިންމާލައި އެނބުރި މާލެ އަންނަނިކޮށް ކަމަށެވެ.

މަރުވި މީހާ އާއި އޭނާގެ އާއިލާގެ އެހެން މެންބަރުން ފުލުހުންގެ ލޯންޗަށް ނެގި ކަމަށާއި އޭރު އޭނާގެ ހާލުވެސް ރަނގަޅު ކަމަށް ފެނުނު މީހުން ބުނި ކަމަށް އޮފިޝަލު ބުންޏެވެ.

"ފުލުހުން އައިސް ލޯންޗަށް ނެގި އިރުވެސް ވަރަށް ރަނގަޅަށް ކަމަށް ބުނީ އެ މީހާ (މަރުވި މީހާ) ހުރީ. ދެން އޭނަ ކޮއްކޮ ފެނުނީމަ ހިނިތުންވެލާފަ ބޮޮލުގަ ފިރުމާލާފަ ބުނީ "ގޯޑު ބްލެސް ޔޫ އޭ". ދެން އެދުނީ އޭނަގެ ދަރިފުޅު ރަނގަޅަށް ބަލައި ދޭން. ދެން ލޯންޗުގައި އިންދާ ކޮންމެވެސް ގޮތެއްވީ. އެހެންވެ އަވަހަށް އޭނާ އެކަނި ފުރަތަމަ ގެނައީ އެހެން ލޯންޗެއްގަ. ދެން ބުނީ ގެނައި އިރުވެސް މަރުވެފައޭ. މަރުވި ސަބަބެއް އަދި ނޭނގެ." ކުންފުނީގެ އޮފިޝަލު ބުންޏެވެ.

އޮފިޝަލު ބުނީ މަރުވި މީހާގެ އަންބަކާއި ދަރިޔަކު ދުނިޔޭގައި އެބަހުރި ކަމަށެވެ. އެ ދެ މީހުން ވީ ލަންކާގައި ކަމަށެވެ. މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނީ މަރުވި މީހާގެ އާއިލާ މީހުންނަށެވެ. އެ އެންމެންގެ ހާލު ރަނގަޅު ނަމަވެސް އަދި ތިބީ ޝޮކެއްގަ އެވެ. އާއިލާގެ މީހަކު ކުއްލިއަކަަށް ވަކިވުމުން އެ ހިތާމައިގަ އެވެ.

މަރުވި މީހާގެ ހަށިގަނޑު އަނބުރާ ގައުމަށް ގެންދާނީތޯ ނުވަތަ ނޫންތޯ އަދި ނުނިންމަ އެވެ. އޮފިޝަލު ބުނީ އެމީހުން "ހަމަޔަކަށް އެޅެންދެން" ވަކި ގޮތެއް އަދި ނުނިންމާ ތިބީ ކަމަށެވެ.

ސަފާރީގެ ބައިތައް މިހާރު އޮޔާ ދާތީ އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން ސަމާލުވާން އިލްތިމާސް ކޮށްފައެވެ. އަދި ކަނޑުދަތުރުކުރާއިރު މޫސުމަށް ސަމާލުކަންދީ ގުޅަން ޖެހޭ ފަރާތްތަކާ ގުޅައިގެން ދަތުރުކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.