ޚަބަރު

އަޑިއަށްދިޔަ ސަފާރީގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދިއްޖެ

މުހައްމަދު އިޝާން

ބޮލިފުށި ކައިރިން މިއަދު އަޑިއަށް ދިޔަ "ހޭންޑި ކްރޫޒް" ސަފަރީގެ ބައިތަކާއި އެ ސަފާރީގައި ހުރި ބައެއް ތަކެތި އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

މިއަދު ހެނދުނު އަޑިއަށްދިޔަ ސަފާރީގައި 17 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭގެ ތެރެއިން ހަ މީހެއްގެ ހާލު ބޮޑުވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު، މި ހާދިސާގައި 41 އަހަރުގެ ބިދޭސީއަކު ވަނީ މަރުވެފައެވެ.

އައިޖީއެމްއެޗް ސަރަހައްދުގައި ހަރަކާތްތެރިވި "ވަން" ގެ ނޫސްވެރިޔާ މީގެ ކުރިން ބުނީ ފަރުވާ ދެމުން އަންނަ ހަ މީހުންގެ ހާލުވެސް ރަނގަޅު ނޫން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ސަފާރީ އަޑިއަށް ދިއުމުގެ ސަބަބުން އޭގައި ހުރި ބައެއް މުދާތައް އެ ސަރަހައްދުން އިރަށް އޮޔާދާ ކަމަށެވެ. އެހެންވެ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، ބައެއް ސަރަހައްދުތަކަށް ހުދު، ރީނދޫ އަދި އޮރެންޖު އެލާޓް ވަނީ ނެރެފައެވެ. ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑުމަތީގެ އެކި ހާދިސާތައް ހިނގަމުންދާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.