ކަނޑުގަދަވުމުގެ ސަބަބުން ސަފާރީއެއް ބަންޑުން ޖަހާލައި ހާލުބޮޑުވި ހަ މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ހެނފުނު ބޮލިފުށި ކައިރިން މާލެއަށް ދަތުރުކުރި "ހޭންޑީ ކުރޫސާ" ނަމަކަށް ސަފާރީއެއް ކަނޑުގަދަވުމުގެ ސަބަބުން ދިޔަވެ އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި އެވަގުތު ސަފާރީގައި 17 މީހުން ތިބި ކަމަށާއި މި އެންމެންވެސް މާލެ ގެނެސްފައިވާ ކަމަށެވެ.
މި މީހުންގެ ތެރެއިން ހަ މީހަކު ހާލު ބޮޑުވެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ސަފާރީއެއް ބަނޑުން ޖަހާލައިގެން ހަތް މީހަކު އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 41 އަހަރުގެ ބިދޭސީއަކު މަރުވެފައިވާ ކަމަށެވެ. އަދި އެހެން މީހުންނަށްވެސް އިމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އައިޖީއެމްއެޗް ސަރަހައްދުގައި ހުރި ވަން ގެ ނޫސްވެރިޔާ ދެންމެ ބުނީ ފަރުވާ ދެމުން އަންނަ 6 މީހުންގެ ހާލުވެސް ރަނގަޅު ނޫން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.
މިއަދު ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، ބައެއް ސަރަހައްދުތަކަށް ހުދު، ރީނދޫ އަދި އޮރެންޖު އެލާޓް ވަނީ ނެރެފަ އެވެ. ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ކަނޑުމަތީގެ އެކި ހާދިސާތައް ހިނގަމުންދާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.